ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުއައްސަސާތަކަށް މިނިވަންކަމާއެކު މިހާރު މަސައްކަތް ކުރެވޭނެ: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުއައްސަސާތަކަށް ވަކިން ހާއްސަކޮށް ފުލުހުންގެ އިދާރާއަށް ބޮޑެތި ނުފޫޒުތަކެއް ފޯރުވި ކަމަށާއި ނަމަވެސް މިއަދު މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ރިޔާސީ ކެމްޕޭންގެ ތެރެއިން މ. ކޮޅުފުއްޓަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ދައުލަތުގެ ގިނަ މުއައްސަސާތަކެއް އޮތީ ސިޔާސީ ނުފޫޒުގެ ދަށުގައި ކަމަށެވެ. އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި އޮތީ ފުލުހުންގެ މުއައްސަސާއަށް ކަމަށާއި އެއީ ވިސްނަންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމަށް ވަކި މީހަކާ މެދު ވަކި ކަމެއް ކުރަން ބުނުމުން ގެއަށް،" އޭރު ފުލުހުންގެ ކޮމިޝަނަރުން މަގާމުން ވަކި ކުރި ގޮތް ސިފަ ކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ފަސް ކޮމިޝަނަރުން ކުރީ ސަރުކާރުގައި ވަކިކުރެއްވި ކަމަށާއި އެއީ ސަރުކާރެއް ހިންގަންޖެހޭ ގޮތް ނޫން ކަމަށެވެ. އަދި ފުލުހުންނަށް ލިބިފައިވާ ތަމްރީނާ އެއްގޮތަށް އެމީހުންނަށް މަސައްކަތް ކުރުމުގެ ފުރުސަތުވެސް އޭރު ލިބިފައި ނެތް ކަން ފާހަގަކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމުން އެންމެ ފުރަތަމަ ކުރެެއްވި މަސައްކަތަކީ ފުލުހުންގެ މުއައްސަސާއަށް އޭގެ ޒާތުގައި ހިންގުމުގެ ޖާގަ ހޯދައިދިނުން ކަމުގައި ވިދާޅުވި އެވެ.

"މިހާރު ސިޔާސީ ބާރާއި ނުފޫޒު އެ މުއައްސަސާތުގައި އޮންނަ ތަނެއް ނުފެންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރަކީ ތިން ރަށެއް އެއް ރަށެއްގެ ގޮތުގައި ހަދައިގެން މަސައްކަތް ކުރި ސަރުކާރެއް ކަމަށެވެ. ރައީސް އެ އިޝާރާތް ކޮރަޕްޝަންގެ ތެރެއިން އެއް ރަށެއް އެތައް ބަޔަކަށް ވިއްކާލި މައްސަލައަށް ކަމަށް ބެލެވެ އެވެ. އަދި ވިދާޅުވީ އެގޮތަށް ދޫކޮށްލި ރަށެއްގައި ރިސޯޓެއް އަދިވެސް އެޅިފައި ނެތް ކަމަށެވެ. އަދި ރިސޯޓު އަޅަން ދޫކުރި ރަށް ނޫން އެހެން ރަށެއްގައި ރިސޯޓު އަޅާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިކަހަލަ އެތައް، އެތައް ޖަރީމާއެއް އެބަހުރި [ކުރީ ސަރުކާރުން] ހިންގާފައި،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކުގައި ހިނގަމުންދާ މަޝްރުއުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މިހާރު 141 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި 158 ރަށެއްގެ އިންޖީނުގޭގެ ޖެނެރޭޓަރު އާ ކޮށްފައިވާއިރު ބިން ހިއްކމުގެ 21 މަޝްރޫއެއް ފަށައި އޭގެ ތެރެއިން އަށް މަޝްރޫއެއް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 410 ގެދޮރުވެރިންނަށް 232 މިލިއަން ރުފިޔާ ދިނުމަށް ނިންމާ އޭގެ ތެރެއިން 104 މިލިއަން ރުފިޔާ ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުން އަމާން ވެއްޓެއްގައި، ތަރައްގީގެ މުޖުތަމައުއެއްގައި އުޅުމުގެ ފުރުސަތު ހޯދައިދިނުން،" ރައިސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނުން އާބާދީ ކުޑަ ރަށްތަކަށް ގެންނަންޖެހޭ ތަރައްގީވެސް ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސް ސޯލިހު މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި ނާލާފުށި، މުލި އަދި މުލަކަށްވެސް ވަޑައިގަންނަވާނެ އެވެ. މ. އަތޮޅަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ވ. އަތޮޅަށެވެ.