ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ޕާކިން ޒޯންތަކާއި މަގުތަކާއި ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ޕާކް ކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށެވެ.
މީގެއިތުރުން ހަލާކުވެފައި ހުރި އުޅަނދުތަކާއި އަދި ސުން ބޯޑު އަޅުވާފައި ހުންނަ އުޅަނދުތައް ވެސް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ޓޯ ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ހުޅުމާލެ އަކީ ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ތަރައްގީކުރަމުން އައި ސިޓީއެއް ކަމަށްވީ ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ އެތަނުގައި އެތައް ހާސް ބަޔަކު އާބާދުވުމާ އެކު ހުޅުމާލެއަށް ކުއްލިއަކަށް ވެހިކަލް އިތުރުވެ ޕާކިން މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ހުޅުމާލޭގައި ޕާކިން މައްސަލަ ބޮޑުވެ، ހުޅުމާލޭގައި ހަދާފައި އެކަމަކު ބޭނުން ނުކޮށް ހުރި ޕާކިން ސިސްޓަމްތައް ވެސް ބޭނުންކުރަން ފެށުމަށް އެޗްޑީސީން ދަނީ ތައްޔާރުވަމުންނެވެ.