ފީފާ ވޯލްޑް ކަޕަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފެށިއިރު، ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ. ރަށުން ބޭރުގައި ބްރެންޓްފޯޑާ ވާދަކުރި މެޗު އެއްވަރުވީ 2-2 އިންނެވެ.
މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ ބްރެންޓްފޯޑެވެ. ޓޮޓެންހަމުން ޕޮއިންޓެއް ކަށަވަރުކުރީ ފަހަތުން އަރައި ޖެހި ދެ ގޯލުންނެވެ. ބްރެންޓްފޯޑްގެ ފުރަތަމަ ގޯލު 15 ވަނަ މިނެޓުގައި ޖެހީ ވިޓަލީ ޔަނެލްޓް އެވެ. ދެވަނަ ހާފުގައި ބްރެންޓްފޯޑަށް ލީޑު ފުޅާކޮށްދިން ލަނޑު ޖެހީ އައިވަން ޓޯނީ އެވެ. މިއީ ޕްރިމިއާ ލީގުގެ ފުރަތަމަ 50 މެޗުގައި ޓޯނީ ކާމިޔާބުކުރި 23 ވަނަ ގޯލެވެ.
ޓޮޓެންހަމްގެ ގޯލު މިއަދު ބެލެހެއްޓީ ބަދަލު ގޯލްކީޕަރު ފްރޭސާ ފޯސްޓާ އެވެ. ވޯލްޑް ކަޕް ފައިނަލުގައި ބަލިވި ފްރާންސް ޓީމަށް ކުޅޭ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަދި ޓީމާ ގުޅިފައެއްނުވެ އެވެ. އެކަމަކު ލީގުގައި ދެން ކުޅޭ މެޗުގައި ލޮރިސް ޓީމުގައި ހިމަނާނެ އެވެ.
ޓޮޓެންހަމްގެ ފުރަތަމަ ގޯލު 65 ވަނަ މިނެޓުގައި ޖެހީ ހެރީ ކޭން އެވެ. އަރިމަތިން ކްލަމެންޓް ލެންގްލޭ ނަގައިދިން ހުރަސް ކޭން ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. އޭގެ ހަ މިނެޓު ފަހުން ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޕިއޭ ހޮއިބިއާ އެވެ. އޭރިޔާ ތެރެއިން ހޮއިބިއާ އަށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ ތިރިތިރިން ޖަހަ އެވެ.
އެއްވަރު ކުރުމަށް ފަހު ޓޮޓެންހަމް ވަނީ ކުރިއަށް ޖެހި ލީޑު ނެގޭތޯ މަސައްކަތްކޮށްފަ އެވެ. މިގޮތުން އުފެއްދި ހަމަލާއެއްގައި ކޭން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސޮން ހެއުން މިން ފޮނުވާލި ހަމަލާ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ.
ޓޮޓެންހަމް އޮތީ 16 މެޗުން ލިބުނު 30 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ބްރެންޓްފޯޑަށް 16 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ނުވަ ވަނައިގަ އެވެ. އެކަމަކު މި ހަފްތާގެ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޓޮޓެންހަމް ފަހަތަށް ވެއްޓޭނެ އެވެ.
ލީގުގައި މިރޭ އަށެއް ޖަހާއިރު ހަތަރު މެޗު ކުޅޭނެ އެވެ. އޭގެތެރޭގައި ނިއުކާސަލް ޔުނައިޓެޑާއި ލެސްޓާ ސިޓީ ވާދަކުރާ މެޗު ފާހަގަކޮށްލެވެ އެވެ. އެ މެޗަށް ފަހު ލިވަޕޫލުން އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނަ މެޗާއި އާސެނަލުން ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކުރާ މެޗު މިރޭ ކުޅޭނެ އެވެ. ލިވަޕޫލް މެޗު 10:30 ގައި ފަށާއިރު އާސެނަލް މެޗު ފަށާނީ ދަންވަރު އެކެއް ޖަހާއިރު އެވެ.