ލައިފްސްޓައިލް

ޖެހިގެން އިނީ ނުރައްކާތެރި ގާތިލެއް، ބިރެއް ނުގަންނާނެތަ؟

ފްލައިޓަކަށް އަރާ ގޮނޑީގައި އިށީނދެ އިންދާ ތިމާއާ ޖެހިގެން އިން ގޮނޑީގައި އައިސް އިށީނީ އެތައް ބަޔަކު މަރާފައިވާ "ސީރިއަލް ކިލާ"އެއްކަން އެނގިއްޖެނަމަ އެމީހެއްގެ އިހްސާސްތައް ހުންނާނީ ކޮން ގޮތަކަށް ހެއްޔެވެ؟ މިހާރު ސޯޝަލް މީޑީއާގައި ދައުރުވާ ފޮޓޯގައި ސޯބްރާޖް އާ ޖެހިގެން އިންދާ ފެންނަ އަންހެން މީހާގެ މޫނުގައި ހުރި ބިރުވެރިކަން ފެނުމުން ކޮންމެ މީހަކަށްވެސް މިފަދަ ތަޖުރިބާއެއް ކުރަން ޖެހިއްޖެނަމަ ކުރެވޭނެ އިހްސާސް ހެކިދެ އެވެ.

ނޭޕާލު ޖަލުން މިނިވަންވީ ފްރާންސްގެ ސީރިއަލް ކިލާ ޗާލްސް ސޯބްރާޖް ފްރާންސަށް ދިއުމަށް ދަތުރުކުރި ގަތަރު އެއާވޭޒް ފްލައިޓުގައި އޭނާއާ ޖެހިގެން އިން އަންހެން މީހާއަށް ލިބުނީ ބޮޑު ޝޮކެކެވެ. އަދި މި ފޮޓޯއަށް ކޮމެންޓު ކުރި ގިނަ މީހުންވެސް އަންހެން މީހާއަށްވީ ވަރު އަދި ކުޑަ ކަމަށް އެއްބަސްވި އެވެ.

"30 މީހުން މަރާފައިވާ މީހަކު އަހަންނާ ޖެހިގެން އިން ގޮނޑީގައި އިންކަން އެނގިއްޖެނަމަ ޚުދު އަހަންނަށް ވެސް ވީހީ ހަމަ މިކަހަލަ ގޮތެއް،" ޖައިރާޖް ސިންގް ކިޔާ މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވެއެވެ.

"ޕެރިސް އަށް ދާން ކުރަން ޖެހޭ ދިގު ދަތުރުގައި އަހަންނާ ޖެހިގެން އިން މީހަކީ އެތައް މީހުންނެއްގެ ފުރާނަ ދުއްވާލާފައިވާ އަނިޔާވެރިއެއްކަން އެނގިއްޖިއްޔާ އަހަރެންނަށް އަދި މިއަށް ވުރެ ވެސް ބޮޑުވަރުވީސް،" މާކް ތޮމްސަންގެ ކޮމެންޓުގައި ވެއެވެ.

"މިއީ އަންހެން މީހާގެ ހަޔާތުގައި ކުރެވޭނެ އެންމެ ބިރުވެރި ތަޖުރިބާކަން ޔަގީން،" ދަރްތީ ޕުތުރާގެ ނަމުގައި ކޮމެންޓުކޮށްފައިވާ މީހަކު ލިޔެފައި ވެއެވެ.

ގިނަ ބަޔަކު ބުނި ގޮތުގައި އަންހެން މީހާ ބިރުން ހަލާކުވާވަރު ވެފައި އެ ގޮނޑީގައި އިން ނަމަވެސް އެ މީހަކާ ކޮމެންޓުކުރި މީހުންގެ ތެރެއިން މީހެއްނަމަ އެ ގޮނޑީގައެއް އޭނާއަކަށް އިންނާކަށް ނުކެރުނީހެވެ.

ނެޓްފްލިކްސް އިން މިދިޔަ އަހަރު ރިލީޒްކުރި "ދަ ސާޕަންޓް" ސީރީޒް އަކީ މި ޗާލްސް ސޯބްރާޖްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ސީރީޒް އެކެވެ.

ސޯބްރާޖްގެ ބައްޕައަކީ ވިއެޓްނާމް މީހެކެވެ. މަންމައަކީ އިންޑިއާ މީހެކެވެ. އޭނާ އުފަންވީ ފްރާންސްގެ އަތްދަށުގައި ވިއެޓްނާމް އޮތް ދުވަސްވަރުކަމުން އޭނާއަށް ފްރާންސްގެ ރައްޔިތަކަށް ވެވުނީ އެވެ.

ގިނަ އަދަދެއްގެ މީހުން މަރާފައިވާ ސޯބްރާޖް އެތައް އަހަރެން ވަންދެން ސިފަ ބަދަލުކޮށްގެން އެކި ގައުމުތަކަށް ދަތުރުކޮށް އެ ގައުމުތަކުން މީހުން މަރާފައި ވެއެވެ. އެންމެ ފަހުން އޭނާގެ މައްޗަށް ކުށް ސާބިތުވީ ނޭޕާލުގައި މަރާލި ދެ މީހެއް މަރާލުމުގެ ކުށެވެ. އަދި ފާއިތުވީ 20 ވަރަކަށް އަހަރު އޭނާ ހުރީ ނޭޕާލު ޖަލެއްގަ އެވެ.

ނޭޕާލް ސުޕްރީމް ކޯޓުން ސޯބްރާޖް މިނިވަންކުރީ އޭނާއަކީ އުމުރުން ދުވަސްވެފައިވާ އަދި ހިތުގެ ބަލި މީހަކަށް ވާތީ އާއި ނޭޕާލުގައި އުމުރަށް ޖަލަށް ލުމުގެ ހުކުމުގެ މުއްދަތަކީ 20 އަހަރަށް ވެފައި އެ މުއްދަތުގެ 95 ޕަސެންޓް އޭނާ ފުރިހަމަ ކޮށްފައިވާތީ އެވެ.

ޖަލުން މިނިވަން ވުމުން ސޯބްރާޖް ބޭނުންވީ ނޭޕާލު ހޮސްޕިޓަލެއްގައި އެޑްމިޓްވެ ފަރުވާ ހޯދާށެވެ. ނަމަވެސް އޭނާ ނޭޕާލްގައި ނުބަހައްޓާ ފްރާންސަށް ވަގުތުން ފޮނުވާލަން ނޭޕާލް ސަރުކާރުން ނިންމައި އޭނާ ގަތަރު އެއާވޭޒްގެ ފްލައިޓަކަށް ލާފައި ފޮނުވާލީ އެވެ.