ލައިފްސްޓައިލް

ތުއްތުކުދިންތަކެއް މަރާލި ނަރުސް އެކަން ކުރީ ޑޮކްޓަރެއް ދެކެ ލޯބިވެގެން

އިނގިރޭސި ވިލާތުގެ ޗެސްޓާ ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި އަންހެނަކު އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ތުއްތު ކުދިންގެ ތެރެއިން ހަތް ކުއްޖަކު މަރާލައި އިތުރު 10 ކުއްޖަކު މަރާލަން މަސައްކަތްކުރި ކަން ފަޅާއަރައި މިހާރު ކޯޓުގައި އެ މައްސަލައިގެ ޝަރީއަތް ކުރިޔަށް އެބަދެ އެވެ.

ލޫސީ ލެޓްބައި ނަމަކަށް ކިޔާ މި ނަރުސް މި އަނިޔާވެރި އަދި ލާއިންސާނީ އަމަލުތައް ހިންގާފައިވަނީ 2015 އާއި 2016ގެ އަހަރު ތަކުގަ އެވެ.

ކޯޓުގައި މިހާރު ދެކެވިފައިވާ ވާހަކަތަކުން ޔަގީންވާ ގޮތުގައި ނާސް ލޫސީ މިކުދިން މަރާފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރެއް ދެކެ މަތިންބައިން ލޯބިވެގެން އޭނާގެ ސަމާލުކަން ހޯދުމަށެވެ.

މިކަން ދޭހަވީ އޭނާ މަރާލި ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރާލުމުގެ ކުޑަ އިރުކޮޅެއް ކުރިން ޑޮކްޓަރަށް އޭނާ ފޮނުވި މެސެޖަކުންނެވެ.

މެންޗެސްޓާ ކްރައުން ކޯޓުގައި މިހާރު ހިނގަމުންދާ މި ޝަރީއަތުގެ 12 ވަނަ ދުވަހު ނާސް ލޫސީ ކޯޓުގައި ވާހަކަ ދައްކަމުން އެ ޑޮކްޓަރާ އޭނާ ރައްޓެހިވެގެން ނޫޅޭ ކަމަށް ބުންޏެވެ. އަދި ޑޮކްޓަރަށް އޭނާގެ ހިތުގައި ޚާއްސަކަމެއް ދެވިފައި ނެތް ކަމަށް ވެސް ބުނެ ޑޮކްޓަރާ އޭނާ މަތިންބައިން ޖެހިގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް އިންކާރުކޮށްފައި ވެއެވެ.

ހޮސްޕިޓަލުގައި ނިއޯނެޓަލް ޔުނިޓްގައި އެޑްމިޓް ކޮށްފައި ތިބި ހަތް ކުދިން މަރާލައި އިތުރު 10 ކުއްޖަކު މަރާލަން މަސައްކަތް ނުކުރާ ކަމަށް ބުނެ ލޫސީ ވަނީ ކޯޓުގައި އެ ކަމަށްވެސް އިންކާރުކޮށްފަ އެވެ.

ޕްރޮސެކިއުޓާ ނިކް ޖޯނަސަން ކޭސީ ކޯޓުގައި ބުނި ގޮތުގައި ލޫސީ މަރާލަން މަސައްކަތްކުރި ކުދިންގެ ތެރެއިން ޚާއްސައެހީއަށް ބޭނުންވާ ތުއްތު ކުއްޖެއް މަރާލުމުގެ މަސައްކަތް ކުރުމުގެ ފަސް ގަޑިއިރު ކުރިއްސުރެ އޭނާ ޑޮކްޓަރަށް ހުއްޓާނުލާ އެތައް ފަހަރަކު މެސެޖު ކޮށްފައި ވެއެވެ. ލޫސީގެ ޑިއުޓީ އެރޭ ފެށުނީ ރޭގަނޑު 8.00ގައި ކަމަށާއި އޭރުއްސުރެ އޭނާ ޑޮކްޓަރަށް މެސެޖުކުރަމުން ގެންދިޔަ ކަމަށް ޕްރޮސެކިއުޓަރު ބުންޏެވެ.

'ޗައިލްޑް އެން'ގެ ނަމުން ފާހަގަކުރާ މި ކުއްޖާގެ ގަޔަށް ވައި އިންޖެކްޓްކޮށްގެން މަރާލަން ލޫސީ މަސައްކަތް ކުރީ އޭގެ ފަސް ގަޑިއިރު ފަހުންނެވެ.

ލޫސީ މަތިންބައިން ޖެހިގެން ލޯބިވެގެން އުޅުނު ޑޮކްޓަރަކީ ވެސް އެ ހޮސްޕިޓަލުގެ ނިއޯނެޓަލް ޔުނިޓުގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. އަދި 'ޗައިލްޑް އެން' އަށް ފަރުވާ ދިނުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑޮކްޓަރެކެވެ. ނަމަވެސް ލޫސީ ކޯޓުގައި ބުނީ އޭނާ ޑޮކްޓަރު ދެކެ ލޯބި ނުވާ ކަމަށެވެ.

ނިއޯނެޓަލް ޔުނިޓްގައި ތިބި ތުއްތު ކުދިންގެ ތެރެއިން ބައެއް ކުދިން މަރާލަން ތަކުރާރުކޮށް އެތައް ފަހަރަކު ލޫސީ މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން ބައެއް ކުދިން މަރުވެފައިވަނީ ތިން ހަތަރު ފަހަރު މަތިން އޭނާ އެކުދިންނަށް އެކި ކަހަލަ އަނިޔާތައް ދީގެންނެވެ.

ނިއޮނެޓަލް ޔުނިޓްގައި މަސައްކަތްކުރާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންގެ ހަތަރު ޑޮކްޓަރަކު ލޫސީއާ ދެކޮޅަށް ބަޔާން ދީފައި ވެއެވެ. އަދި މަރުވި ސަބަބެއް ނޭނގި މަރުވި ކުދިންނާއި ކުއްލިއަކަށް ހާލު ބޮޑުވި ނަމަވެސް މަރުނުވެ ސަލާމަތްވި ކުދިންނަށް ހުރިހާ މައްސަލަތަކެއް ދިމާވިއިރު އެތަނުގައި ލޫސީ ހުރިކަން ހުރިހާ ޑޮކްޓަރުން ވެސް ފާހަގަ ކުރި އެވެ. އަދި ލޫސީ އަޅައިގެން އުޅުނު ޑޮކްޓަރު ވެސް ކޯޓަށް ހާޒިރުވެ ހެކިބަސް ދީފައި ވެއެވެ. އެ ޑޮކްޓަރު ހެކި ބަސް ދިން ދުވަހު ލޫސީ ދެރަވެގެން ރޮމުން ކޯޓުރޫމުން ނުކުމެފައި ވެއެވެ.