އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ރަށުން ބޭރުގައި 3-1 އިން އެސްޓަން ވިލާ ބަލިކުރިއިރު އާސެނަލުން ފަހަތުން އަރައި 1-3 އިން މޮޅުވެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ވޯލްޑް ކަޕަށް ފަހު ލިވަޕޫލް ރޭ އެސްޓަން ވިލާއާ ދެކޮޅަށް ނުކުތީ މޮޅެއް ހޯދައި އަލުން ފޯމު ދެމެހެއްޓުމަށެވެ. ރޭގެ މެޗާ ލިވަޕޫލުން މިވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ މި ސީޒަނުގައި ކުރިން ލިވަޕޫލަށް ނުވާ ކަމެކެވެ.
ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގައިފަ އެވެ. އެންޑީ ރޮބާޓްސަން ދިން ބޯޅައަކުން މި ގޯލު ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހް އެވެ. ރޮބާޓްސަން އަކީ މިހާރު އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ގޯލު ޖަހަން އެންމެ ގިނައިން އެހީތެރިވެދިން ޑިފެންޑަރެވެ. 54 ގޯލުގައި ރޮބާޓްސަންގެ ހިއްސާ އޮތްއިރު ދެވަނައިގައި އުޅެނީ ކުރިން އެވަޓަން އަށް ކުޅުނު ޑިފެންޑަރު ލެއިޓަން ބެއިންސް އެވެ. ބެއިންސް ވަނީ 53 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ދެވަނަ ލަނޑު ޖަހައިފަ އެވެ. ސަލާހްގެ އެހީގައި މި ގޯލު ޖެހީ ވާޖިލް ވެން ޑައިކެވެ. ދެވަނަ ހާފުގައި ކުޅުނު ރަނގަޅުކޮށް އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ގޯލެއް ޖަހައި ފަރަގު ކުޑަކުރި އެވެ. އެ ގޯލަށް ފަހު އެސްޓަން ވިލާ އިން ވަނީ ލިވަޕޫލަށް ޕްރެޝަރުކޮށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެކަމަކު ބެންޗުން ކުޅެން އެރި އުމުރުން 18 އަހަރުގެ ސްޕެއިން މިޑްފީލްޑަރ، ސްޓެފަން ބަޖެޓިޗްގެ ގޯލާ އެކު ލިވަޕޫލުން މޮޅު ޔަގީންކުރި އެވެ. މިއީ ބަޖެޓިޗް ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.
ރޭ އާސެނަލް ކޮޅަށް ވެސްޓް ހޭމުން ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން 27 ވަނަ މިނެޓުގަ އެވެ. މި ޕެނަލްޓީ ވައްދާލީ ސެއިދު ބެންރަހްމާ އެވެ. އާސެނަލުން ގާތްގާތުގައި ގޯލުތައް ޖަހައި ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. އެޓީމުގެ ތިން ގޯލު ޖެހީ ކުރިއަށް ކުޅުނު ތިން ކުޅުންތެރިންނެވެ. 53 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ފުރަތަމަ ގޯލު ޖެހިއިރު އޭގެ ފަސް މިނެޓު ފަހުން އާސެނަލަށް ލީޑު ފުޅާކޮށްދިން ލަނޑު ޖެހީ ގެބްރިއެލް މާޓިނެލީ އެވެ. 69 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ އެޑްވާޑް އެންކެޓިއޭ އެވެ. އެންކެޓިއޭ ފުރަތަމަ އެގާރައިގައި ކުޅުނީ އާސެނަލްގެ އެއް ނަންބަރު ފޯވާޑް ގެބްރިއެލް ޖީސުސް އަނިޔާގައި ހުރުމުންނެވެ.
ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި 3-0 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. މެޗުގައި ނިއުކާސަލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުން ކްރިސް ވުޑް އާއި މިގުއެލް އަލްމިރޮން އަދި ޖޮއެލިންޓަން އެވެ.
ރޭގެ މެޗުތަކަށް ފަހު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ އާސެނަލަށެވެ. އާސެނަލަށް މިހާރު އެއްވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެޓީމަށް 40 ޕޮއިންޓް ލިބިފައިވާއިރު މިހާރު ދެވަނައިގައި އޮތީ 33 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް އެވެ. 32 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ސިޓީ މި ހަފްތާ ނުކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ. 15 މެޗުން ހޯދި 25 ޕޮއިންޓާ އެކު ލިވަޕޫލް މިހާރު ވަނީ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.