ވިޔަފާރި

މާލޭގެ ކެފޭއަކަށް ރޮބޮޓް ވެއިޓަރެއް

ދިވެހިރާއްޖޭގައި ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަނުގައި މަސައްކަތަށް ފަސޭހަވާނެ ފަދަ ޒަމާނީ ވަސީލަތްތަކުގެ ބޭނުންކުރާ ތަން ނުފެނުނު ނަމަވެސް، މިއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފެނިގެންދާ މަންޒަރެކެވެ. ވެއިޓަރުންގެ ގޮތުގައި ރޮބޮޓުން ބޭނުންކުރުމަކީ ޓޭކޮނޮލޮޖީ ކުރިއަރާފައިވާ ގޮތުން މިހާރު އާންމުވަމުން އަންނަ ކަމެކެވެ. ދިވެހިރާއްޖޭއަށް މިފަދަ ރޮބޮޓެއް ތައާރަފުކޮށް ވެއިޓަރެއްގެ ގޮތުގައި ބޭނުންކުރުމުގެ މަސައްކަތް މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން ނަސީމު ވެސް މިވަނީ ފަށާފަ އެވެ. އޭނާ އަކީ މާލޭގައި ހިންގާ މަޝްހޫރު ޒިއޯން މޯބައިލްސް އާއި ހުޅުމާލޭގައި ހިންގާ އޯޝަން ބަބްލްސް ކެފޭގެ ވެރިޔާ އެވެ.

ހުޅުމާލޭގެ ފުރަތަ ފިޔަވަހީގައި ރަފީއުއްދީން ހިންގާ "އޯޝަން ބަބްލްސް" ކެފޭގެ ގޮތްޕެއް މާލޭގައި ހުޅުވުމަށް އޭނާ ދަނީ ތައްޔާރުވަމުންނެވެ. މި ކެފޭގައި ބޭނުންކުރުމަށް އޭނާ ވަނީ ރޮބޮޓިކް ވެއިޓަރެއް މިހާރު ރާއްޖެ ގެނެސްފަ އެވެ. ހަތަރު ފޫޓުގެ މި ރޮބަޓަކީ މި މަސައްކަތައް ހާއްސަކޮށް އުފައްދާފައިވާ އެއްޗެކެވެ.

އޯޝަން ބަބްލްސް އަކީ މައިގަނޑު ގޮތެއްގައި ބަބްލް ޓީ ވިއްކާ ކެފޭ އެކެވެ. ބަބްލް ޓީގެ އިތުރުން މެރާކީ ކޮފީ ރޯސްޓާސްގެ ކޮފީ ބޭނުންކޮށްގެން ސްމޯލްބެޗް ރޯސްޓާސްގެ ކޮފީ ވެސް މި ކެފޭއިން ލިބެން ހުރެ އެވެ. އަދި އަލަށް ހުޅުވަން ތައްޔާރުވަމުންދާ 25 މީހުންގެ ޖާގައިގެ ކެފޭގައި ލައިބްރަރީއަކާއި މީހުންނަށް އޮފީސް މަސައްކަތް ކުރަން މަޑުކޮށްލެވޭނެ ފަދަ ލޯންޖެއް ވެސް ހުރެ އެވެ.

މި ރޮބޮޓުގައި ތިން ޑެލިވަރީ ޓްރޭ ބެހެއްޓޭއިރު، "އަލްޓްރާސޮނިކް އޮބްސްޓަކަލް އެވޮއިޑެންސް" ޓެކްނޮލޮޖީ ހިމެނުމަކީ ކެފޭގައި ބޭނުންކުރުމަށް މި ވަސީލަތް އެންމެ ކަމުދާ އެއް ސަބަބު ކަމަށް ރަފީއުއްދީން ބުނެ އެވެ.

އޯޑަރު ދިނުމާއެކު އެ ތަކެތި މޭޒު ކައިރިއަށް އުފުލައިދީ، މި ރޮބޮޓު ކަސްޓަމަރުންނަށް ޝުކުރުއަދާކުރާނެ އެވެ. ރަފީއު ވިދާޅުވީ މި ރޮބޮޓަށް ކިޔާނެ ރީތި ދިވެހި ނަމަކާ މެދުވެސް އޭނާ ވިސްނަމުންދާ ކަމަށެވެ.

އޯޝަން ބަބްލްސްގެ މި އާ ކެފޭގެ މެނިއު ވެސް ކަސްޓަމަރުންނަށް ލިބޭނީ އޮންލައިންކޮށެވެ. މަޖީދީމަގު އިރުމަތީކޮޅުގައި މި ކެފޭ ހުޅުވުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި ރޮބޮޓާއިއެކު މަސައްކަތްކުރުމަށް ކެފޭގެ ސްޓާފުން ވެސް ވަނީ ތަމްރީނުކޮށްފަ އެވެ. ކެފޭ ހުޅުވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.

"މެލޭޝިއާ ކަހަލަ ގައުމުތަކުގައި މިކަލަ ރޮބޮޓުން ބޭނުންކުރޭ. އަޅުގަނޑު ބޭނުންވަނީ ރާއްޖޭގެ މާހައުލަށް މީތި ތާރަފްކުރަން. އެހެންވީމަ ރާއްޖޭގައި މިކަހަލަ ރޮބޮޓެއް ބޭނުންކުރާ މީ ފުރަތަމަ ފަހަރު،" ރަފީއުއްދީން ވިދާޅުވި އެވެ.