ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން 33 މީހަކަށް މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރަނީ

Dec 27, 2022

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 33 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން 2017 ވަނަ އަހަރުން ފެށިގެން ހިންގާ މި ޕްރޮގްރާމްގެ ދަށުން، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 200 އަށް ވުރެ މީހުންނަށް ގޮނޑި ހަދިޔާކޮށް އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހިތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތު ކަމެއްދޭ ކަމެއް ކަމަށެވެ.

"މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިވަނީ ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައި. މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ސީއީއޯ ކާލް ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ދާދި ފަހުން ބޭންކުން ވަނީ 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ވެސް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން މޯލްޑިވްސް ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުން ވަނީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ވެސް ހިންގާފަ އެވެ. އަދި މިއަހަރު ކުރީކޮޅު ބޭންކުން ވަނީ ޑެފް އެސޯސިއޭޝަނުން ތައްޔާރުކުރަމުންދާ އޮންލައިން ޑިކްޝަނަރީއެއް އުފެއްދުމުގެ މަސައްކަތަށްވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ދާދިފަހުން ބޭންކުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސަބިލިޓީސް އަށްވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.