ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނިންމައިފި އެވެ.
އެ ޕާޓީން ބުނީ ޑިސެމްބަރު 30 ވާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މުޒާހަރާއަށް ނިކުންނާނެ ކަމަށެވެ.
މިއީ "ހަރާމް ހުކުމް"ގެ ނަމުގައި އިދިކޮޅުން ކުރާ އިހުތިޖާޖެކެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒު ކުރަން މާފުށި ޖަލުގަ އެވެ.
މިހުކުމާ ގުޅިގެން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރު ހުންނެވީ ރަހީނު ކޮށްފައި ކަމަށްވެސް ވިދާޅުވެފަ އެވެ. ނަމަވެސް ކަމާ ގުޅޭ އިދާރާތަކުން ބުނީ އެފަދަ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓު އިއްވި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.