އީރާންގެ ނިއުކްލިއާ ބިނާތަކަށް ހަމަލާދިނުމަށް އިޒްރޭލުގެ އަސްކަރިއްޔާ އޮތީ މުޅިން ތައްޔާރަށް ކަމަށް އެ ގައުމުގެ ޗީފް އޮފް ސްޓާފް އަވީވް ކޮޗަވީ ވިދާޅުވެއްޖެ އެވެ.
އިޒްރޭލް އިންސްޓިޓިއުޓް ފޮ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒްގައި ދެއްވި ތަގުރީރެއްގައި ކޮޗަވީ ވިދާޅުވި އީރާނަށް ހަމަލާ ދިނުމަށް ދުވަހަކުވެސް މިހާ ވަރަށް އިޒްރޭލުގެ އަސްކަރިއްޔާ ތައްޔާރު ނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަސްކަރިއްޔާ މިހާރު އޮތީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރަށެވެ. އީރާނަށް ހަމަލާދީ ވަކި ގޮތަކަށް ކަމެއްކުރަން އަންނަ އަމުރާ އެކު ޖެޓުތައް ބޯމަތިން އުދުހި ގޮސް މުޅިތަނުގައި ހުޅުޖަހައި އަމުރު ތަންފީޒުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮޗަވީ ވިދާޅުވި ގޮތުގައި އީރާނުން ސީރިއާ ބޭނުންކުރަނީ ވެސް އަސްކަރީ މައިދާނެއް ގޮތުގަ އެވެ. ސީރިއާގައި މިސައިލް ބަހައްޓައި އަސްކަރިއްޔާ ޖަމާކުރުމަކީ އީރާނުން ދެކޭ ހުވަފެނެއް ކަމަށް ސް އޭނާ ވިދާޅުވި އެވެ.
ސީރިއާގައި ހަރަކާތްތެރިވާ އީރާންގެ ފައުޖުތަކަށް އިޒްރޭލުން ހަމަލާދެނީ ޓެރަރިސްޓް ޖަމާއަތެއް އުފައްދަން މަސައްކަތްކުރާތީ ކަމަށް އާމީ ޗީފް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެއްވެސް ނަމެއްގައި ޓެރަރިސްޓް ޖަމާއަތެއް އުފައްދަން އީރާނަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އީރާނުން ބައިވެރިވުމުގެ ބޭނުމަކީ އިޒްރޭލު ބޯޑަރުގައި ދާއިމީ އަސްކަރީ މަރުކަޒެއް ބިނާކުރުން ކަމަށް ވެސް ސިފައިންގެ ވެރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީރާންގެ އަސްކަރިއްޔާއަށް އެފުރުސަތު ވެސް ނުދެއްވާނެ ކަމަށެވެ.