މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޕޯސްޓުން އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓްގެ ޒަރިއްޔާ އިން ރާއްޖެ އެތެރެކުރަން އުޅުނު އެއްކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި ތަކެތި އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް ބެލްޖިއަމުން ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ނިމިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

މި ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ދެ ޕެކެޓެއް ފެނުނު ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

އަތުލައިގަނެވުނު ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް އެ ތަކެތި ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.010 ކިލޯ ހުރިއިރު މި ތަކެތީގެ މަގުމަތީ އަގު 2.5 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކަސްޓަމްސް އިން ވަނީ މި މައްްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގެން މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ.