ފިނިޕޭޖް

މި އައިކޯނިކް ރޯލްތައް އެހެން ތަރިއެއް ކުޅުނުނަމަ

ހިޔާލަކުން ފިލްމްތައް އުފެދިގެން އަންނައިރު، ގިނަ ފަހަރަށް ޝޫޓިންއާ ހިސާބަށް ދިއުމާ ހަމައަށް އެކި ސަބަބުތަކާ ހުރެ ޑައިރެކްޓަރު، ސްކްރިޕްޓް ރައިޓަރު އަދި ތަރިންވެސް ބަދަލުވަމުން އާދެ އެވެ.

މަޝްހޫރު ފިލްމްތަކުގައި މޮޅެތި، ފާހަގަކޮށްލެވޭ ރޯލުތައް ކުޅެފައިވާ އެކްޓަރުން ފޭނުންގެ މަގުބޫލުކަން ހޯދާްއިރު، ގިނަ ފަހަރަށް މި ރޯލްތަކުގައި އެހެން އެކްޓަރަކު ސިފަކުރަންވެސް ދަތިވެގެންދެ އެވެ. ސަބަބަކީ އެ ރޯލު މަގުބޫލުވީ އެ އެކްޓަރުގެ ސަބަބުން ކަމުގައިވާތީ އެވެ. މިގޮތުން ތިރީގައިވާ އައިކޯނިކް ރޯލްތަކަކީ އެފިލްމް ހެދި މީހުން އެހެން އެކްޓަރުން ބޭނުންވި ނޫނީ އެހެން އެކްޓަރުން އެ ރޯލް ބޭނުންވެގެން އޮޑިޝަން ކުރި ރޯލްތަކެކެވެ.

1
 

ރޭޗަލް ލީ ކުކް: އެކްސް މެންގެ ރޯގް

މާވެލްގެ އެކްސް މެން ފިލްމްތަކުގައި ރޯގްގެ ރޯލު އަދާކޮށްފައިވަނީ އަނާ ޕެކުއިންނެވެ. ޓީން މޫވީ "ޝީޒް އޯލް ދެތް" ގެ ރޭޗަލް ލީ ކުކް މިދިޔަ އަހަރުގެ އޮގަސްޓް މަހު ބުނި ގޮތުގައި އޭނާ އެ ރޯލު ދޫކޮށްލީ ގްރީން ސްކްރީނެއްގެ ކުރިމަތީގައި އެކްޓްކުރަން ބޭނުން ނުވެގެން ކަމަށާއި އޭރު އޭނާއަށް މީހުން ލަފާދިނީ ރޭޗަލްއަކީ ސީރިއަސް އެކްޓްރެސްއެއްގެ ގޮތުގައި މީހުން ދެކެންޖެހޭ ކަމަށެވެ. ރޭޗަލް ބުނީ އޭނާއަށް އެ ފިލްމްގެ ޕޯސްޓަރުތައް ފެނުމުން އެ ރޯލް ދޫކޮށްލެވުނީތީ ވަރަށް ހިތާމަކުރި ކަމަށެވެ.

2
 

ޖޯޖް ކްލޫނީ އާއި ޕޯލް ނިއުމަން: ދަ ނޯޓްބުކްގެ ނޮއާ ކެލްހޫން

ރަޔާން ގޮސްލިން ނޫން އެކްޓަރެއް "ދަ ނޯޓްބުކް"ގެ ނޮއާ ކެލްހޫންގެ ރޯލުގައި ސިފަކުރެވޭތަ؟

ޖޯޖް ކްލޫނީގެ "ދަ މިޑްނައިޓް ސްކައި" ޕްރޮމޯޓްކުރުމުގެ ތެރޭގައި ބުނީ އޭނާ އާއި ޕޯލް ނިއުމަން އެއްކޮށް ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމަށް އެދިގެން،"ދަ ނޯޓްބުކް" ގައި ނޮއާގެ ރޯލް ކުޅެން އުޅުނު ކަމަށެވެ.

ޖޯޖް ކުޅޭނީ ނޮއާ ޅަ އިރުގައި އަދި ޕޯލް ކުޅޭނީ ނޮއާ ދުވަސްވެފައި ހުއްޓަ އެވެ. ޖޯޖް ބުނީ ޕޯލްއާ ބައްދަލުކޮށްފައި، ޕޯލްގެ ޅައިރުގެ ފިލްމްތައް ބެލުމަށްފަހު އެ ރޯލް ކުޅެން ނުކެރުނު ކަމަށެވެ. ސަބަބަކީ ޕޯލްއަކީ ވަރަށް ރީތި ފިރިހެނަކަށް ވެފައި ޖޯޖް، ޕޯލްއާ އެއްވެސް ވަރަކަށް ވައްތަރުނުވުން ކަމަށް ޖޯޖް ބުންޏެވެ. ފަހުން ނޮއާގެ ދުވަސްވެފައިވާ ރޯލް އަދާކޮށްފައިވަނީ ޖޭމްސް ގާނާ އެވެ.

3
 

ރަސަލް ކްރޯ: ލޯޑް އޮފް ދަ ރިންގްސްގެ އެރެގޯން

ޕީޓާ ޖެކްސަންގެ "ލޯޑް އޮފް ދަ ރިންގްސް" ޓްރިލޮޖީއަކީ ހުރިހާ ގޮތަކުންވެސް ނުހަނު ކާމިޔާބު ފިލްމުތަކެކެވެ. އަދި މި ފިލްމުތަކުގައި އެންމެ ފާހަގަކޮށްލެވުނު އެއް ތަރިއަކީ އެރެގޯސް ކެރެކްޓާ ކުޅުނު ވިގޯ މޯޓެންސަން އެވެ.

ދަ ހަވޯޑް ސްޓާން ޝޯގައި "ގްލޭޑިއޭޓަރ"ގެ އެކްޓަރު ރަސަލް ކްރޯއާ ހަވޯޑް އެރެގޯންގެ ރޯލާބެހޭ ގޮތުން ވާހަކަދައްކަމުން ކުރި ސުވާލަކީ ޕީޓާ ޖެކްސަން އެކްޓިން ފީސްގެ އިތުރުން ފިލްމުގެ ފައިދާއިން 10 ޕަސެންޓް (100 މިލިއަން ޑޮލަރު)ވެސް ދޭން ތައްޔާރު ވީއިރު، އެ ރޯލް ދޫކޮށްލި ކަމަށް ހިތާމަކުރޭތޯ އެވެ. މިސުވާލުގެ ޖަވާބުގައި ރަސަލް ކްރޯ ބުނީ އޭނާ އެ ރޯލު ދޫކޮށްލުމަކުން ހިތާމަނުކުރާ ކަމަށާއި އެ ދުވަސްވަރު އެންމެންވެސް ރަސަލް ފިލްމްތައް ބޭނުންވި ކަމަށާއި އޭނާއަށް އިހްސާސްކުރެވުނީ ޕީޓާ ހަގީގަތުގައި ރަސަލްގެ ބަދަލުގައި އެހެން އެކްޓަރަކަށް އެ ރޯލް ދޭން ބޭނުންވި ކަމަށެވެ.

4
 

ކްރިސްޓީނާ އެޕަލްގޭޓް: ލީގަލީ ބްލޮންޑްގެ އެލް ވުޑްސް

"ވެކޭޝަން"ގެ ތަރި ކްރިސްޓީނާ އެޕަލްގޭޓް އީޓީއޮންލައިންއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ކޮޅަށް ކާމިޔާބު ފިލްމް "ލީގަލީ ބްލޮންޑް"ގެ ސްކްރިޕްޓް އައި ކަމަށާއި އަނެއްކާވެސް ގަމާރު ބްލޮންޑެއްގެ ރޯލު ކުޅެން ޖެހުލުންވާތީ އެ ރޯލް ދޫކޮށްލީ ކަމަށެވެ. އެ ދުވަސްވަރު ކްރިސްޓީނާ ގިނަ ދުވަސްތަކެއް ވަންދެން ގަމާރު ބްލޮންޑް ދަރިއެއްގެ ރޯލް ކުޅެމުން އައި "މެރިޑް ވިތް ކިޑްސް" ސީރީޒް ނިމިމަކަށް އައެވެ. އަދި އެލް ވުޑްސްގެ ރޯލް ދޫކޮށްލުމަކީ ވަރަށް ގަމާރު ކަމެއް ކަމަށް ކްރިސްޓީނާ ބުންޏެވެ.

ކްރިސްޓީނާ ބުނީ އެލް ވުޑްސްގެ ރޯލް އަދާކުރި ރީސް ވިދަސްޕޫން ވަނީ ވަރަށް މޮޅަށް އެ ރޯލް އަދާކޮށްފައި ކަމަށާއި ކްރިސްޓީނާއަށް އެ ރޯލް އެހާ މޮޅަށް އަދާނުކުރެވޭނެ ކަމަށެވެ.

5
 

ޖޯން ޓްރެވޯލްޓާ: ފޮރެސްޓް ގަމްޕްގެ ފޮރެސްޓް

"ފޮރެސްޓް ގަމްޕް"އޭ ބުނުމުން ވަގުތުން ސިފަ ވަނީ ޓޮމް ހޭންކްސް އެވެ. އެހެންނަމަވެސް ޖޯން ޓްރެވޯލްޓާ މި ރޯލް ދޫކޮށްލި ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށް ވަނީ މީގެ ކުރިން ބުނެފަ އެވެ. މި ރޯލް ދޫކޮށްލުމަށްފަހު ޖޯން ވަނީ ކުއެންޓިން ޓެރެންޓީނޯގެ "ޕަލްޕް ފިކްޝަން" ކުޅެ، ޓޮމް ހޭންކްސްއާ އޮސްކާގެ ބެސްޓް އެކްޓަރު ކެޓަގަރީގައި ވާދަކޮށްފަ އެވެ. އެ އެވޯޑް ލިބިފައިވަނީ ޓޮމް އަށެވެ.