ދުނިޔެ

އަސްކަރިއްޔާގައި ހިދުމަތްކުރުމުގެ މުއްދަތު ޓައިވާންގައި އިތުރުކޮށްފި

ޓައިވާނުގައި ކުރަން މަޖުބޫރު އަސްކަރީ ހިދުމަތުގެ މުއްދަތު 2024 އިން ފެށިގެން އެއް އަހަރަށް އިތުރުކުރުމަށް އެ ގައުމުގެ ރައީސާ ޗައި އިންގް-ވެން ނިންމަވާ އެކަން އިއުލާނު ކުރައްވައިފި އެވެ. މިހާރު އޮންނަނީ ހަތަރު މަހުގެ މުއްދަތެކެވެ.

ޓައިވާނުގެ އަސްކަރިއްޔާގައި ޒުވާނުން ހިދުމަތްކުރުމަށް މަޖުބޫރުކޮށް ކުރީގައި ހަމަޖައްސާފައި އޮތް ދެ އަހަރުގެ މުއްދަތު ހަތަރު މަހަށް އެ ގައުމުގެ ކުރީގެ ސަރުކާރުން ކުޑަކުރީ ޒުވާނުންގެ ވޯޓު ހޯދުމުގެ މަގުސަދުގަ އެވެ.

ޓައިވާނުގެ ދިފާއީ ކަންކަން ވަރުގަދަކުރުމަށް މަޝްވަރާކުރުމަށް ބޭއްވި ގައުމީ ސަލާމަތާ ގުޅޭ ބައްދަލުވުމަށްފަހު ޗައި ވިދާޅުވީ އަމިއްލަ ގައުމު ދިފާއުކުރުމުގެ ގާބިލްކަން ޓައިވާންގައި ހުންނަން ޖެހޭނެ ކަމަށެވެ. ޗައި މިހެން ވިދާޅުވީ ޗައިނާގެ އަސްކަރިއްޔާ އިން ޓައިވާން ހިސާރުކޮށްފާނޭ ކަމުގެ ބިރު އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ޗައިގެ ނިންމުން އިއުލާނުކުރައްވަމުން ވިދާޅުވީ މިއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. ޓައިވާނަކީ ބާރުގަދަ ގައުމެއްގެ ގޮތުގައި އޮތްހާ ހިނދަކު ހަނގުރާމައިގެ މައިދާނަކަށް އެ ގައުމު ނުހެދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ. ޓައިވާނު ވެގެންދާނީ ޑިމޮކްރަސީއާއި، މިނިވަންކަމުގައި މުޅި ދުނިޔެއަށް ނަމޫނާ ގައުމަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

ނަމަވެސް މިހާރު ޓައިވާންގައި ހިންގަމުންދާ އަސްކަރީ ނިޒާމަކީ ޗައިނާގެ އަސްކަރިއްޔާ އިން ދައްކާ ބިރާއި ކުރިމަތިލެވޭނޭ ފެންވަރުގެ ނިޒާމެއް ނޫން ކަމަށް ޗައި އެއްބަސްވެވަޑައިގަތެވެ. ޗައިނާ އިން ހަމަލާދީފިނަމަ ޓައިވާނަށް މިހާރު ދިފާއުގައި މާބޮޑު ކަމެއް ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޓައިވާނުގެ ސަރުކާރުން ވަނީ އެ ގައުމުގެ އަސްކަރިއްޔާއަށް އިތުރުކުރެވޭ ސިފައިންނަށް އިތުރު ހާއްސަ ތަމްރީނުތަކެއް ދިނުމަށްވެސް ނިންމާފަ އެވެ. މީގެ ތެރޭގައި ބަޑިޖެހުމާއި، އެމެރިކާގެ ސިފައިން ބޭނުންކުރަމުންދާ ހަނގުރާމައިގެ ބައެއް އުކުޅުތައް ދަސްކޮށްދިނުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި މަތިންދާ ބޯއްޓުތައް ވައްޓާލާ ސްޓިންގާ މިސައިލް އަދި އެންޓި-ޓޭންކަރު މިސައިލް ބޭނުންކޮށްގެންވެސް ތަމްރީން ހެދުމަށް ހަމަޖެހިފައިވެ އެވެ.

ޓައިވާނުން ބުނާ ގޮތުގައި ބިރު ދެއްކުމުގެ ގޮތުން ޗައިނާގެ 43 އަސްކަރީ އުޅަނދެއް މި ދިޔަ ހޯމަ ދުވަހު ޓައިވާންގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެފައިވެ އެވެ.