ބޭރު ގައުމު ތަކުގައި އުޅެމުންދާ ޗައިނާއާ އިދިކޮޅު ފަރާތްތަކުން ޓައިވާންގެ މިނިވަންކަމާ ގުޅޭގޮތުން ދަނީ "އަލިފާނާ ކުޅެމުން" ކަމަށް ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުން ބުނެފި އެވެ.
ޗައިނާއިން މިވަނީ ޓައިވާނުގެ މައްސަލާގައި އެގައުމުން ގެންގުޅޭ ސިޔާސަތު ކަމަށްވާ "ވަން ޗައިނާ – ޓޫ ސިސްޓަމްސް" އަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއްކޮށްފިނަމަ ބާރުގެ ބޭނުންކޮށް ޓައިވާނަށް ހަމަލަދޭނެކަމުގެ އިންޒާރު އައުކޮށް އަދި އަމިއްލަ ވެރިކަމެއް އޮންނަ ޓާއިވާނާ ބޭރުގެ ސިޔާސީ ފަރާތްތަކުން މުއާމަލާތް ކުރަމުން ގެންދިއުމަކީ އަލިފާނާ ކުޅުން ކަމަށް ބުނެފަ އެވެ.
ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުގެ ސްޕޯކްސްޕާސަން -- މާ ޝައުގުއާން މިއަދު ވިދާޅުވީ ޗައިނާގެ އިސްތިގްލާލާއި ސަރަހައްދުގެ ކަރާމަތް ނެގެހެއްޓުމަށް މި ފެށުނު އަހަރު އަޒުމު ވަރުގަދަކޮށްފައިވާ ކަމަށާއި ޓައިވާނުގެ މިނިވަންކަމަށް ގޮވަމުންދާ ގޮވުންތައް ފުނޑުފުނޑު ކޮށްލާނެ ކަމަށެވެ.
މާ ޝައުގުއާން ވިދާޅުވި ގޮތުގައި މަދު ބޭރު ގައުމުތަކެއްގައި އުޅޭ ޗައިނާއާ އިދިކޮޅު ފަރާތްތަކަކުން ޓައިވާނުގެ މިނިވަންކަމަށް ކުރަމުންދާ ނުރައްކާތެރި މަސައްކަތްތަކަކީ ގަސްދުގައި ޗައިނާ ރުޅިއެރުވުމަށް ހިންގާ ހަރަކާތްތަކެވެ.
މާ އިތުރަށް ވިދާޅުވީ ޗައިނާއިން ވަކިވެގަތުމަށް ޓައިވާނުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ނުބައި ސިގްނަލް ފޮނުވުން ހުއްޓާލުމަށާއި އަލިފާނާ ކުޅުންވެސް ހުއްޓާލުމަށެވެ.
ޗައިނާއިން 1949 ވަނަ އަހަރު ވަކިވެގަނެ ޑިމޮކްރެޓިކް އަމިއްލަ ވެރިކަމެއް ހިންގަމުންދާ ޓައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ގަބޫލުކޮށް ބެއިޖިންގެ ބާރުގެ ދަށަށް ގެންނަން ޖެހޭ ކަމަށާއި އަދި އެކަން ކުރަން ޖެހެނީ ބާރުގެ ބޭނުންކޮށްގެންނަމަ އެކަން ކުރާނެ ކަމަށްވެސް ޗައިނާ އިން ދަނީ ބުނަމުންނެވެ. ނަމަވެސް ސުލްހަވެރިކަމާ އެކު މިކަން ކުރެވޭނެތޯ ބަލާނެ ކަމަށް ޗައިނާ އިން ބުނެ އެވެ.
ޓައިވާން އެފެއާޒް އޮފީހުގެ އިންޒާރު ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުން ޓްވީޓް ކުރަމުން ހާމަކޮށްފައިވަނީ ޗައިނާއިން ވަކިވެގަތުމަށް ޓައިވާނުން ކުރަމުންދާ މަސައްކަތްތައް ފެއިލްވެފައިވާ ކަމަށާއި ޓައިވާނުގެ މިނިވަންކަމަށް ހިންގާ އަމަލަކީ އަދަބު ލިބުމަށް އިންތިޒާރު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ދާދި ފަހުން އެމެރިކާގެ ކުރީގެ ހައުސް ސްޕީކަރ، ނޭންސީ ޕެލޯސީ އާއި ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ބައެއް ސިޔާސީ ފަރާތްތަކުން ޓައިވާނަށް ކުރި ޒިޔާރަތްތަކުގެ ސަބަބުން ޗައިނާ ވަނީ އިންތިހާއަށް ރުޅި އައިސްފަ އެވެ. ޗައިނާގެ އަސްކަރީ ތަމްރީނުތައް ޓައިވާން ވަށައިގެން ހިންގަމުންދަނީ އެސަބަބާ ހެދި ކަމަށް ޓައިވާނުން ވެސް ގަބޫލުކުރެ އެވެ.
މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ޗައިނާ އިން ވަނީ ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންގޮސް ރިކޯޑު އަދަދަކަށް -- 71 މަތިންދާ ބޯޓާއި ހަތް ކަނޑު އުޅަނދު ޓައިވާނާއި ދިމާލަށް ފޮނުވާފަ އެވެ.
ޗައިނާގެ އަމަލުތަކަށް ރައްދެއް ދިނުމުގެ ކުޅާދަނާކަން ހުރިކަން އަންގައިދިނުމުގެ ގޮތުން މިހަފްތާ ތެރޭގައި ޓައިވާނުން ވަނީ އަމިއްލަ އަސްކަރީ ޑްރިލްތަކެއް ބާއްވާފަ އެވެ.
ކެޕިޓަލް ޓައިޕޭގެ ދެކުނުން އޮންނަ ޝިންޝޫ އެއާ ބޭސްގައި ރިޕޯޓަރުންނާ ބައްދަލުކޮށް ޓައިވާންގެ ލެފްޓިނަންޓް ކާނަލް ވޫ ބޮންގ-ޔެންގ ވިދާޅުވީ ޓައިވާންގެ ސަލާމަތާ ވައިގެ ސަރަހައްދު ރައްކާތެރިކޮށް ބޭއްވުމަކީ ޓައިވާންގެ އެންމެ މުހިންމު އަމާޒު ކަމަށެވެ.