ޓެރަރިޒަމް

ކެނެޑާގެ ސްކޫލަކަށް ހަމަލާދީ ހަތަރު މީހުން މަރާލައިފި

ކެނެޑާގެ ސެސްކެޗުވާން ޕްރޮވިންސްގައި ހުންނަ ބޯޑިން ސްކޫލަކަށް އިއްޔެ ހަމަލާތަކެއްދީ ހަތަރު މީހުން މަރާލައިފި އެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވި އިރު ހަމަލާތަކާއި ގުޅިގެން މިހާރުވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.

ހަމަލާއަށް ފަހު ލަ ލޯޗް ކޮމިއުނިޓީ ނަމަކަށް ކިޔާ ސްކޫލްގައި ތިބި ދަރިވަރުން މިހާރުވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އެ ހަމަލާތައް ދިން މަންޒަރު ދުށް މީހުންނާ ހަވާލާދީ ހަބަރުތައް ބުނީ ސްކޫލަށް އަމާޒުކޮށް ބަޑީގެ އެތައް ހަމަލާއެއް ދިން ކަމަށެވެ.

އެ ސްކޫލްގެ އިސްވެރިއެއް ކަމަށްވާ ކެވިން ޖަންވިއާ ވިދާޅުވީ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ސްކޫލްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ އޭނާގެ ދަރިފުޅު ވެސް ހިމެނޭ ކަމަށާއި ސްކޫލަށް ހަމަލާތައް ދިނުމުގެ ކުރިން ގޭގައި ތިބި ކެވިންގެ ދެ ކޮއްކޮއަށްވެސް ބަޑިން ހަމަލާދީ މަރާލާފައިވާ ކަމަށެވެ.

ލަ ލޯޗް ސްކޫލްގައި 900 އެއްހާ ދަރިވަރުން ކިޔަވަ އެވެ.