ލައިފްސްޓައިލް

އަށް މަސް ތެރޭ 48 ކިލޯ ހިއްކާލައި ނަމޫނާ ދައްކައިފި

އިންޑިއާގެ ދިއްލީގެ ސީނިއާ ޕޮލިސް އޮފިސަރެއްގެ މަސައްކަތުން އަށް މަސް ތެރޭ 48 ކިލޯ ހިއްކާލުމުން ޕޮލިސް ކޮމިޝަނަރު އޭނާގެ ހިތްވަރުގެ އަގު ވަޒަންކޮށްފި އެވެ.

ޓްރިޕާތީ އަކީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (މެޓްރޯ)ގެ މަގާމުގައި ހުރި އޮފިސަރެކެވެ. މީގެ އަށް މަސް ކުރިން އޭނާގެ ބަރުދަނަކީ 135 ކިލޯ އެވެ. އަދި ބަރުދަން އާދަޔާޚިލާފަށް އިތުރުވުމުގެ ސަބަބުން ހަކުރުބައްޔާއި، ލޭމައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން ފަދަ ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވެ އޭނާގެ ފުރާނައަށް އޮތީ ނުރައްކާވެފަ އެވެ.

އަބަދު ބަލިވެ އުޅެން ޖެހޭތީ ލައިފްސްޓައިލަށް ބޮޑު ބަދަލެއް ގެނެސް ހިކެން މަސައްކަތް ފަށަން ޓްރިޕާތީ ގަސްތުކުރި އެވެ. ދިއްލީގެ ނޫހަކާ ވާހަކަ ދައްކަމުން ޓްރިޕާތީ ބުނީ އޭނާ ފުރަތަމަ ކަނޑައެޅި އަމާޒަކީ މަހަކު 4.5 ލައްކަ ފިޔަވަޅަށް ހިނގުމެވެ. އެގޮތުން ފާއިތުވީ އަށް މަސް ތެރޭ އޭނާ 32 ލައްކަ ފިޔަވަޅު އަޅާފައި ވެއެވެ.

ޓްރިޕާތީ ބުނި ގޮތުގައި އޭނާ ހިކެން މަސައްކަތް ފެށުމުން އެކުގައި މަސައްކަތްކުރާ ސީނިއާ އޮފިސަރުންނާއި ޖޫނިއާ އޮފިސަރުން ވަރަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

އެންމެ އަށް މަސް ތެރޭ ޓްރިޕާތީ ހިކުމަށް ބޭނުންކުރި ޑައިޓް ޕްލޭން އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ޓްރިޕާތީ ކޮންމެ ދުވަހަކު 15،000 ފިޔަވަޅަށް ހިނގަ އެވެ. އަދި އެއްވެސް ޖަންކް ފުޑެއް ނުކައި ސިއްހަތަށް ފައިދާހުރި ކެއުން ކާން ފެށި އެވެ. އަދި ކެއުމުގައި ކާބޯހައިޑްރޭޓްސް ގިނަ ކާއެއްޗެތި ކެއުން ހުއްޓާލައި ކާބޯހައިޑްރޭޓްސް ހަށިގަނޑަށް އެތެރެ ކުރެވޭ ވަރު މަދުކުރިއެވެ. އަދި ފުރުޓް ސެލެޑް ޑައިޓެއް އާއްމުކޮށް ކާން ފެށީ އެވެ. މެންދުރު ކެއުމުގެކުރިން ވެސް އޭނާ ކަނީ ފުރުޑް ސެލެޑް އެކެވެ. މެންދުރުފަހު އޭނާ ކުރިން ބޮނީ އޭރޭޓެޑް ޑްރިންކްސް އެވެ. ނަމަވެސް ޑައިޓް ޕްރޮގްރާމް ފެށުމަށްފަހު ބޮނީ ކުރުނބާ ފެން ނުވަތަ ބަޓަމިލްކް އެވެ.

މެންދުރު ކަނީ 1-2 ރޮއްޓާއެކު ފެހިކުލަގަދަ ފަތުގެ ބާވަތްތަކާއި މުގުގެ ބާވަތްތަކެވެ. ރޭގަނޑު ބޯލަނީ ތަރުކާރީ ސޫޕް އެކެވެ.
މި ޑައިޓް ފެށިތާ އެންމެ އަށް މަސް ތެރޭގައި ޓްރިޕާތީގެ ބަރުދަން 84 ކިލޯއަށް ވަނީ ތިރިވެފަ އެވެ. އަދި އޭނާގެ އުނަގަނޑުން 12 އިންޗި މިހާރު ވަނީ ހިމަވެފަ އެވެ. ކޮލެސްޓްރޯލް ލެވެލް ވެސް ވަރަށް ބޮޑަށް ތިރިކޮށްލެވިއްޖެ އެވެ.

އޭނާ ބުނި ގޮތުގައި ކުރިޔަށް އޮތް ތަނުގައި ވެސް މި ޑައިޓް ޕްލޭން ކުރިޔަށް ގެންގޮސް ބަރުދަން އިތުރަށް ލުއި ކުރެވޭތޯ މަސައްކަތް ކުރާނެ އެވެ.