ރާއްޖެ ކުރިއަރުވަން ޖެހޭނީ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ކަމަށް ވަގުތީ ގޮތުން ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި، ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަ ކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި މިނިސްޓަރު އަދީބު ވިދާޅުވީ މި ސަރުކާރުން އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ކުރިއަރުވާ ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ދުނިޔޭގެ ފެންވަރުގައި ވެސް އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އިސްލާމީ ދީނަށް އިހާނެތިކަމެއް ލިބޭނެ ކޮންމެ ކަމެއް ރައީސް ޔާމީން މިހާތަނަށް ކުށްވެރި ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ގައުމު ކުރިއަރުވަން ޖެހޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ މަތީގައި. ރައީސް ޔާމީންގެ އިރުޝާދާ އެކު މި ސަރުކާރުން މި ގެންދަވަނީ އެގޮތަށް މަސައްކަތް ކުރަމުން،" އަދީބު ވިދާޅުވި އެވެ.
އެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ޝައީދު ވިދާޅުވީ، އެއްވެސް ދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ ހެދުމަކީ އިސްލާމް ދީން މަނާ ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އެހެން ދީންތަކަށް އިސްލާމުން ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި އެހެން ދީންތަކުގެ މީހުން އިސްލާމް ދީނަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ސުކޫލްތަކުގެ ބައެއް ދަރިވަރުން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އެގޮތުން ގައުމާއި ދީނަށް ޓަކައި ގުރުބާންވާ ކެރޭ ބައެއްގެ ގޮތުގައި ގައުމުގެ ޒުވާނުން ވުމަށް އެ ކުދިން ގޮވާލި އެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ދިމާކޮށް ރައީސް މިއަދު ނެރުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ މި ގައުމުގައި އެހެން ދީންތައް ފެތުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި އިސްލާމީ ތައުލީމް ފެތުރުމަށް ދީނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ހިންގުމަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.