މޯލްޑިވްސް ޕޮލިސް ސާވިސް

192 ފުޅި ބަނގުރާ އަދި 111 ދަޅު ބިޔަރު އަތުލައިގެންފި

ފުލުހުން މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި 192 ފުޅި ބަނގުރާ އަދި 111 ދަޅު ބިޔަރު އަތުލައިގެންފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ ބަނގުރަލާ އެކު ތިން މީހުން ވެސް ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ބަނގުރާ ފެނުނީ ދެވަނަ އޮޕަރޭޝަންގައި ހަައްޔަރު ކުރި ދެ ބިދޭސީ ފިރިހެނުންނާ ގުޅުހުން ހުރި މާލޭގެ ދެ ގެއަކުންނެވެ.

ފުރަތަމަ އޮޕަރޭޝަންގައި 32 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައި ވެއެވެ. އަދި އެ ގޭތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ލީޓަރުގެ ތިން ފުޅީގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 52 ފުޅި ފެނިފައިވެ އެވެ.

ދެވަނަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ބިދޭސީ ފިރިހެނަކާއި 26 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. ފުލުހުން އަތުލައިގެންފައިވާ 192 ފުޅި ބަނގުރާ އަދި 111 ދަޅު ބިޔަރު ހޯދީ މި ދެ މީހުންނާ ގުޅުންހުރި ދެ ގެއަކުންނެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ބަލައި ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.