ބެންޖަމިން ނަތަންޔާހޫ އިސްރާއީލްގެ ބޮޑުވަޒީރުގެ މަގާމާ ހަވަނަ ފަހަރަށް ހަވާލުވެ ވަޑައިގެން ގާނޫނު ހަދާ މަޖިލީސް -- ކްނެސެޓްގައި ހުވާކުރައްވައި އިސްރާއީލުގެ ވެރިކަމުގެ ޒިންމާތައް އުފުލައްވަން ފައްޓަވައިފި އެވެ.
އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނެނީ 120 ގޮޑި އެވެ. އަޣުލަބިއްޔަތަކީ 61 ގޮޑި އެވެ. ނަތަންޔާހޫ ސަރުކާރު އެކުލަވާލެއްވީ 63 ގޮޑި ހޯއްދަވައި -- ކޯލިޝަން ހައްދަވައިގެންނެވެ.
އިސްރާއީލުގެ ތާރީހުގައި ވެސް އެކުލަވާލި އެންމެ ހަރުކަށި ސަރުކާރަށް ވާނެ ކަމަށް ގިނަ ބަޔަކު ބުނާ ސަރުކާރުގައި 30 ވަޒީރަކު ހިމެނެ އެވެ.
ނަތަންޔާހޫގެ ކަނާތު ފިޔައިގެ ހަރުކަށި ސަރުކާރުގައި ވަޒިރެއްގެ ގޮތުގައި އިތަމާރު ބެންގަވީރު ހިމެނިވަޑައިގަންނަވާނެ ކަމަށް ބެލެވުމާ އެކު އިސްރާއީލްގެ ރައީސް އައިޒަކު ހަރްޒޮގް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ސަރުކާރުގެ މަގާމުތައް ވަޒީރުންނާ ހަވާލުކުރެއްވިއިރު އިތަމާރު ބެންގަވީރަށް ލިބިވަޑައިގަތީ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރުގެ މަގާމެވެ. މިއީ އިސްރާއީލްގެ ފުލުހުންނާ ގުޅުން ހުރި ވުޒާރާ އެވެ. އެހެންކަމުން ފުލުހުން ލައްވައި ކޮންމެ ފަދަ ޖަރީމާއެއް ހިންގެވުމަކީ ވެސް ބެންގަވީރަށް ދަތި ކަމަށް ނުވާނެ އެވެ.
ސަރުކާރުގައި ބައިވެރިވެ ވަޑައިގެން ބެންގަވީރުގެ އަމަލުތައް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އިޒްރޭލަށް ބޮޑު މައްސަލައަކަށް ވާނެ ކަމަށް ރައީސް ހަރްޒޮގް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ މުޅި ދުނިޔޭގެ ނަފުރަތު އިޒްރޭލަށް ކުރިމަތިވާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބެންްގަވީރުގެ ޝައުގުވެރިކަން ހުރީ ވެސް ފަލަސްތީން މީހުންނަށް ޖެއްސުން ކުރެވޭ މަގާމަކަށެެވެ. އެ ގޮތުން ފުލުހުންގެ ވެރިޔާއަށް ނުވަތަ ބިންތަކުގެ އަމުރުވެރިކަން ދެއްވުމަށް އޭނާ އޮތީ ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އިސްރާއިލްގައި ނަތަންޔާހޫ އެކުލަވާލި ސަރުކާރުގައި ހިމެނިވަޑައިގަންނަވަނީ އެގައުމުގެ ވަތަނީ ޕާޓީތަކުގައި ހިމެނޭ އެންމެ ހަރުކަށި ބޭފުޅުންނެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ އިސް ކަމަކީ އިސްރާއީލް ދެމިއޮތުމެވެ.
ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ނަތަންޔާހޫ ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިއާ ބާރަކަށް ވުމަކީ މުޅި ސަރަހައްދަށް އޮތް ބިރެކެވެ. އޭނާ ވެރިކަމަށް ވަޑައިގަތީ އީރާން ހުއްޓުވާނެ ކަމަށް ވައުދުވެ ވަޑައިގަތުމާ ވެސް އެކު އެވެ.
އިސްރާއީލްގައި މި ފަހުން ބޭޢްވި އިންތިޚާބަކީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިސްރާއީލުގައި ބޭއްވި ފަސްވަނަ އިންތިޚާބެވެ. މި އިންތިހާބުގައި އާބާދީގެ 71 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ވޯޓުލީ އިންތިހާބެވެ.