ޔޫތު މިނިސްޓްރީ

އާ އަހަރުގެ ޝޯއަށް ޕަވްނީ ރާއްޖެ އަތުވެއްޖެ

Dec 30, 2022

ޔޫތު މިނިސްޓްރީން އިންތިޒާމު ކުރާ އާ އަހަރުގެ މިއުޒިކް ޝޯގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭ މިއަދު ރާއްޖެ އަތުވެއްޖެ އެވެ. މިއީ ޕަވްނީ ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރެވެ.

ޕަވްނީ ބުނީ އޭނާ މުޅި ދުނިޔޭގައިވެސް ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ މަންޒިލް ކަމަށްވާ -- ރާއްޖެ އައުމަށް ދައުވަތު ލިބުނީ ރާއްޖެ އައުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ހުއްޓާ ކަމަށެވެ. އެހެެންވެ އާ އަހަރު ރާއްޖޭގައި ފާހަގަކުރަން ފުރުސަތު ދިނީތީ އޭނާ ވަނީ ޝޯ އިންތިޒާމު ކުރާ ފަރާތްތަކަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

އާ އަހަރުގެ ޝޯގައި ދިވެހިންނަށް ކަމުދާނެ ލަވަތަކެއް ހުށަހަޅައިދޭނެ ކަމުގެ ޔަގީންކަންވެސް ޕަވްނީ ދީފައިވެ އެވެ.

ޕަވްނީ އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ޝާހްރުކް ޚާންގެ ފިލްމް "ރައީސް" އަށް އޭނާ ކިޔައިދިން "ލައިލާ މެ ލައިލާ" ލަވައިންނެވެ.

ޕަވްނީގެ ލަވަތަކެއް ހިމެނޭ ފިލްމެއް އެންމެ ފަހުން ނިކުތީ މިދިޔަ އޯގަސްޓް މަހު އެވެ. އެއީ ފިލްމު "ލައިގާ" އެވެ.

އާ އަހަރު ފެށުމުގެ ގޮތުން "މޯލްޑިވްސް ވާއު ފެސްޓް"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯ ބޭއްވުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގަ އެވެ.

މާދަމާ ރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝޯގައި ޕަވްނީ ޕާންޑޭގެ އިތުރުން އިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޮޑުބެރު ގުރޫޕުތަކުގެ ހުށަހެޅުންތައްވެސް ފެނިގެންދާނެ އެވެ.

މިގޮތުން ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ އިތުރުން ވަން ޝޮޓް އިވެންޓްސްގެ ތަފާތު ހުށަހެޅުންތައް ވެސް ފެންނާނެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12 ޖަހާއިރު އާ އަހަރު ފެށުމުގެ ގޮތުން ހުޅުމާލޭގައި ހަވާ އެރުވުމަށްވެސް ޔޫތް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.