ފިނިޕޭޖް

ވިވިއެން ވެސްޓްވުޑް 81 އަހަރުގައި މަރުވެއްޖެ

އިނގިރޭސި ވިލާތުގެ ހުނަރުވެރި ޑިޒައިނާ ޑޭމް ވިވިއެން ވެސްޓްވުޑް، އުމުރުން 81 އަހަރުގައި މަރުވެއްޖެ އެވެ.

މި ހަބަރު ކަށަވަރުކޮށްދީފައިވަނީ ވިވިއެންގެ ފެޝަން ހައުސްގެ ފަރާތުންނެވެ.

ވިވިއެން މަރުވެފައިވަނީ އުނދަގޫތަކެއްނެތި އާއިލާ ކައިރީގައި ވަނިކޮށް، ސައުތް ލަންޑަންގަ އެވެ. ވިވިއެންގެ ފިރިމީހާ އަދި ކްރިއޭޓިވް ޕާޓްނާ އެންޑްރިއަސް ކްރޮންތޭލާ ބުނީ އޭނާ ކުރިއަށްދާނީ ވިވިއެން ހިތުގައި ބަހައްޓައިގެން ކަމަށެވެ.

މި ހަބަރު ވަނީ ފެޝަން އަދި އެންޓަޓޭންމަންޓް އިންޑަސްޓްރީ ސިއްސުވާލާފަ އެވެ. ވިވިއެން ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި އެތައް ބައިވަރު މޮޑެލުންނާއި ސެލެބްރިޓީންނާ އެކު މަސައްކަތްކޮށްފަ އެވެ.

މި ހަބަރާ ގުޅިގެން ވިކްޓޯރިއާ ބެކަމް، ކިމް ކެޓްރަލް، ހެއިލީ ބީބާ، ޖޭމީ ލީ ކާޓިސް، މޮޑް ސަން އަދި ބްރާޔަން އެޑަމްސް ފަދަ ތަރިން ވަނީ ހިތާމަ ފާޅުކޮށްފަ އެވެ.

ވިވިއެން އަކީ 1970 ގެ އަހަރުތަކުގައި ޕަންކް ރޮކް ސްޓައިލް ތަރައްގީކުރި ޑިޒައިނަރެވެ. ވާޖިން އެޓްލާންޓިކް އެއާލައިންސްގެ ޔުނިފޯމް ޑިޒައިންކުރުމުގެ އިތުރުން ވިވިއެން ވަނީ "ލީވިން ލާސް ވޭގަސް"، "ޝެޑޯބޮކްސާ"، "ޓްވެންޓީ ވަން" ފަދަ ފިލްމުތަކަށް ވޯޑްރޯބް ޑިޒައިންކޮށްފަ އެވެ.

ވިވިއެން ފަހުން ވެޑިން ޑްރެސް ޑިޒައިންކުރަން ފެށިއިރު، ޑީޓާ ވޮން ޓީސް މެރިލީން މެންސަންއާ ކައިވެނިކުރި ޕާޕަލް ވެޑިން ޑްރެސް ޑިޒައިންކޮށްފައިވެ އެވެ. އަދި ސެކްސް އެންޑް ދަ ސިޓީގައި ސޭރާ ޖެސިކާ ޕާކާވެސް ވިވިއެންގެ ވެޑިން ޑްރެސްއެއް ލާފައިވެ އެވެ. ޕްރިންސަސް ޔޫޖިނީ ޕްރިންސް ވިލިއަމް އަދި ޕްރިންސަސް ކޭޓްގެ ވެޑިންއަށްވެސް ވިވިއެންގެ ތިން ޑިޒައިން ލާފައިވެ އެވެ.

މީގެ އިތުރުން ވިވިއެން އަކީ ތިމާވެށީގެ މައްސަލަތަކާއި، މުސާރައިގެ ފަރަގުތައް ނައްތާލުމަށް ވަކާލާތުކޮށް އަޑު އުފުލި ޕޮލިޓިކަލް އެކްޓިވިސްޓެކެވެ. އަދި ފެޝަން އިންޑަސްޓްރީއަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، އިނގިރޭސި ރާނީ އެލިޒަބަތް 11 ވަނީ ވިވިއެންއަށް "ޑޭމް"ގެ ލަގަބު އަރުވާފަ އެވެ.

1992 ގައި ވިވިއެން ވަނީ ކުރީގެ ސްޓޫޑަންޓް އެންޑްރިއަސް ކްރޮންތޭލާއާ ކައިވެނިކޮށްފަ އެވެ. އެންޑްރިއަސް އަކީ ވިވިއެންއަށް ވުރެ 25 އަހަރު ހަގު މީހެކެވެ. އެންޑްރިއަސް، ވިވިއެންގެ ކުންފުނީގެ ކްރިއޭޓިވް ޑަރިރެކްޓަރު އަދި ޕާޓްނާއަށް ވުމުގެ އިތުރުން ޑިޒައިން މަސައްކަތްވެސް ކުރެ އެވެ. މި ދެމަފިރިންނަށް ދެ ކުދިން ލިބިފައިވެ އެވެ.