މިވަގުތު ކްލަބެއް ނެތި ހުރި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއާގެ އަލް ނަސްރު ފުޓްބޯލް ކްލަބާ ގުޅެން އެއްބަސްވެއްޖެ އެވެ.
އަލް ނަސްރުގެ ހުށަހެޅުން ގަބޫލުކޮށް ރަސްމީ އެއްބަސްވުމުގައި ރޮނާލްޑޯ މިއަދު ސޮއިކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ އަލް ނަސްރުއާ ގުޅެން އެއްބަސްވީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރޮނާލްޑޯގެ އެއްބަސްވުން އަލް ނަސްރުއާ އެކު ހަމަވާނީ 2025 ވަނަ އަހަރު އެވެ. ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް ރޮނާލްޑޯ އަލް ނަސްރުއާ ގުޅޭނީ އަހަރަކު 214 މިލިއަން ޑޮލަރަށެވެ. އެއީ އަދި އިސްތިހާރާއި ކޮމާޝަލް އެހެނިހެން ޑީލްތައް ނުލަ އެވެ.
ނަސްރުއާ ގުޅެން އެއްބަސްވީ އިރު ރޮނާލްޑޯ ހުރީ ކްލަބެއް ނެތި އެވެ. ރޮނާލްޑޯގެ ކްލަބް ކޮންޓްރެކްޓެއް ނެތީ ފީފާ ވޯލްޑް ކަޕްގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމުންނެވެ. ޔުނައިޓެޑާ ރޮނާލްޑޯއާ ދެމެދު އޮތް ގުޅުން ހީނަރުވެ ދެފަރާތް އެއްބަސްވެގެން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލީ މިދިޔަ ނޮވެމްބަރު މަހު އެވެ.
ރިޕޯޓުތައް ބުނާގޮތުން އަލް ނަސްރުން ރޮނާލްޑޯ ގެންދިއުމަށް ފަހު 2030 ވަނަ އަހަރާ ހަމައަށް އެ ގައުމުގައި ރޮނާލްޑޯ ބަހައްޓާނެ އެވެ. އެއީ ސައުދީ އިން 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ހުށަހަޅާފައިވާ ވޯލްޑް ކަޕް ބިޑް ކާމިޔާބު ވެއްޖެ ނަމަ ރޮނާލްޑޯ އެމްބަސަޑަރެއްގެ ގޮތުގައި ހަމަޖެއްސުމުގެ ބޭނުމުގަ އެވެ. ސައުދީ އިން ވޯލްޑް ކަޕަށް ބިޑްކުރީ މިސްރާއި ގްރީސްއާ އެކު މުބާރާތް ބާއްވާ ގޮތަށެވެ.
ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ ކެރިއަރުގެ ފަށައިގެން މިދިޔަ ހުރިހާ އަހަރަކު ކުޅުނީ ޔޫރަޕްގަ އެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން ވިދާލުމަށް ފަހު ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ 2003 ވަނަ އަހަރު އެވެ. އެ ކްލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު 2009 ވަނަ ދުނިޔޭގެ ރެކޯޑް އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވި އެވެ. ރެއާލަށް ކުޅުމަށް ފަހު 2018 ވަނަ އަހަރު ރޮނާލްޑޯ ބަދަލުވީ ޔުވެންޓަސް އަށެވެ. ރޮނާލްޑޯ ދެވަނަ ފަހަރަށް ޔުނައިޓެޑާ ގުޅުނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.
ފުޓްބޯޅަ ކެރިއަރުގައި ރޮނާލްޑޯ ވަނީ 34 ތަށި އުފުލާލާފަ އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހޯދިއިރު ޔޫރަޕްގެ ރަން ބޫޓު ހަތަރު ފަހަރު ރޮނާލްޑޯ ވަނީ ހޯދާފަ އެވެ.