ދުނިޔެ

މިންސްކް ސުލްހައިގެ އެއްބަސްވުމަކީ ހުޅަނގުން ރަޝިއާއަށް ދިން ކެއްސެއް

ބެލަރޫސްގެ ވެރިރަށް މިންސްކްގައި ދުވަސްތަކެއް ވަންދެން ކުރެވުނު ބަހުސްތަކަށް ފަހު، ސެޕްޓެމްބަރު ފަހެއް، 2014 ގައި އެކުލަވާލި "މިންސްކް ޕްރޮޓޮކޯލް" ގެ މަގުސަދަކަށް ވެފައި އޮތީ ޔުކްރޭންގައި -- ދޮންބާސްގެ ދެކޮޅުގައި އޮންނަ ދޮނެސްކާއި ލުހާންސްކްގައި ސުލްހަ ގާއިމުކުރުމެވެ.

ޔުކްރޭންގެ މައި ސަރުކާރުން ވަކިވެގަނެ ރަޝިއާގެ ބެލެނިވެރި ކަމުގެ ދަށަށް ދިއުމަށް ހަނގުރާމަކުރަމުން ގެންދިޔަ ހަތިޔާރު އެޅި ޖަމާއަތްތަކާއި ޔުކްރޭނަށް ދާއީދު އޮންނަ އަސްކަރީ ގުރޫޕްތަކުގެ މެދުގައި ގެއްލިފައި އޮތް މަސްލަހަތު ރުޖޫއަކުރުމަކީ ވެސް މި އެއްބަސްވުމުގެ މަގުސަދަކަށް އޮތީ ހަދާފަ އެވެ.

މަތީގައި ބުނެވުނު ތާރީހުގައި އެކުލަވާލި އެބަސްވުމުގެ ދަށުން ދޮންބާސްގައި ސުލްހަ ގާއިމުކުރުމަށް ކުރެވުނު އެއްވެސް ކަމެއްގައި އާރުލާ ގޮތް ވަނީ ނުވެފަ އެވެ.

އެހެންކަމުން މި އެއްބަސްވުން މުތަާލިޔާކޮށް ފެބްރުއަރީ 12، 2015 ގައި -- ދޮނެސްކް ޕީޕަލްސް ރިޕަބްލިކް އާއި ލުހާންސްކް ޕީޕަލްސް ރިޕަބްލިކްގެ ލީޑަރުންގެ މެދުގައި -- ރަޝިއާ އާއި ޖަރުމަން އަދި ފްރާންސް ހެކިކޮށް އަލުން ސޮއިކުރި އެވެ.

މިންސްކް އެގްރީމަންޓަކީ -- މި އެއްބަސްވުން އެކުލަވާލުމުގައި ބައިވެރިވެ ވަޑައިގެންނެވި ލީޑަރުން މިހާރު ވިދާޅުވާ ގޮތުގައި -- ދޮންބާސްގައި ސުލްހަ ގާއިމުކުރުމަށް އެކުލިވާލި އެއްބަސްވުމެއް ނޫނެވެ.

އެކަމަކު ރަޝިއާއަށް ގަބޫލުކުރެވިފައި އޮތީ މިންސްކް އެގްރީމަންޓަކީ، ހަމަ ހަގީގަތުގައި ވެސް ދޮންބާސްއަށް ސުލްހަ ގެނައުމަށް ބަޔަކު ކުރި މަސައްކަތެއް ކަމަށެވެ.

ޖަރުމަނުގެ ކުރީގެ ޗާންސެލަރު، އެންޖެލާ މާކެލް ވިދާޅުވި ގޮތުގައި މިންސްކް އެއްބަސްވުން އެކުލަވާލި އިރުވެސް ޔުކްރޭނާއި ހުޅަނގުން ދިޔައީ އަޑިއަޑިން ރާވަމުންނެވެ. އެއީ އަސްކަރީ ގޮތުން ޔުކްރޭން ބާރުގަދަ ގައުމަކަށް ހެދުމަށެވެ.

ދޮންބާސްގައި ރަޝިއާއަށް އޮންނަ ތާއީދު ނައްތާލުމަށް ޔުކްރޭން ސިފައިން ދިން ހަމަލާތައް ދިގުދެމިންގެން ދިއުމުގެ ސަބަބުން އަސްކަރީ ގޮތުން ޔުކްރޭން އޮތީ ބަލިކަށިވެފައި ކަމަށް މާކެލް ވިދާޅުވި އެވެ. އެހެންކަމުން ހަނގުރާމަ މަޑުޖައްސާލުމަށް ބަހަނާއެއް ހޯދުމުގެ ގޮތުން މިންސްކް އެއްބަސްވުން އެކުލަވާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްރާންސްގެ ކުރީގެ ރައީސް ފްރާންސްވާ އޮލާންދު ވެސް ވަނީ މި މޭރުމުން ބަސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިންސްކް ޑީލަކީ ދޮންބާސްއަށް ސުލްހަ ގެނައުމަށް އެކުލަވާލި އެއްބަސްވުމެއް ނޫނެވެ.

އޭނާ ވިދާޅުވީ އެއީ ޔުކްރޭނަށް އަސްކަރީ ގާބިލުކަން ހޯދައި ދިނުމަށް ހުޅަނގުން ކުޅުނު ކުޅިގަނޑެއް ކަމަށެވެ.

އެންޖެލާ މާކެލް ވިދާޅުވި ގޮތުގައި މިއަދު ދުނިޔެ ދެކެމުންދާ ޔުކްރޭނަކީ 2014-2015 ގައި ދުނިޔެ ދުށް ޔުކްރޭން ނޫން ކަމަށެވެ. ޔުކްރޭން މިހާރު އެ އޮތީ އަސްކަރީ ގޮތުން ރަޝިއާއާ ވާދަކޮށް އެއްވާނެއްގައި ހިފަހައްޓާލެވޭ ފެންވަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިންސްކް އެގްރީމަންޓަކީ ރަޝިއާގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.