ލައިފްސްޓައިލް

ޖަޕާން މީހަކު ސާރިދޯޅެއްގެ ސިފަ ޖެހެން ފައިސާ އޮއްސަނީ

ޖަޕާން މީހަކު ކުއްތާއެއްގެ ސިފަ ޖެހެންވެގެން ދެ މިލިއަން ޖަޕާން ޔެން -- ގާތްގަނޑަކަށް 15،000 ޔޫއެސް ޑޮލަރު ޚަރަދުކޮށް ކޮސްޓިއުމް އުފައްދާ ޕްރޮފެޝަނަލް ކޮމްޕެނީއެއް ކަމަށްވާ ޒެޕެޓް އިން ޚާއްސަ ކުއްތާ ހެދުމެއް ތައްޔާރުކުރުވި ވާހަކައެއް މީގެ ދުވަސްކޮޅެއް ކުރިން ހުޅަނގުގެ ބައެއް ނޫސްތަކުން ފެނިފައި ވެއެވެ.

މި ހެދުން އަޅައިގެން ހަތަރު މޮއްގަނޑު ޖަހައިގެން އެމީހާ އޮންނައިރު ކުއްތާއަކާ ވަރަށް އެއްގޮތެވެ.

ޒެޕެޓް އަށް އަނެއްކާވެސް މިފަދަ ހެދުމެއް ތައްޔާރުކުރުމުގެ ފުރުސަތެއް ލިބި މިހާރު އެ މަސައްކަތް ވަނީ ފަށާފަ އެވެ.

މިފަހަރުވެސް ޖަނަވާރެއްގެ ކޮސްޓިއުމެއް އޯޑަރު ކުރީ ހަމަ ޖަޕާން މީހެކެވެ. އެ މީހާ ބޭނުންވަނީ ސާރިދޯޅަކާ ވީހާވެސް އެއްގޮތް ވެވޭ ކަހަލަ ކޮސްޓިއުމް އެކެވެ.

އޭނާގެ ނަން ހާމަނުކޮށް ސޯޝަލް މީޑިއާގައި އެމީހާ ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަކީ ޖަނަވާރު ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ. އަދި ޖަނަވާރެއްގެ ސިފަ ޖެހުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

ކުއްތާއެއްގެ ސިފަ ޖެހެން ބޭނުންވި މީހާ ދެ މިލިއަން ޚަރަދު ކުރިއިރު ސާރިދޯޅެއްގެ ސިފަ ޖެހެން ބޭނުންވި މީހާ ތިން މިލިއަން ޔެން މިކަމަށް ޚަރަދު ކޮށްފައި ވެއެވެ. އަދި ކޮސްޓިއުމް ހެޔޮވަރުކުރަން މިހާތަނަށް ޒެޕެޓްގެ ކޮސްޓިއުމް އުފައްދާ ފެކްޓްރީއަށް އެތައް ފަހަރަކު މި މީހާ ވަނީ ގޮއްސަ އެވެ.

އޭނާ ބުނި ގޮތުގައި އަސްލު ސާރިދޯޅު (ވުލްފް) އެއްގެ ފޮޓޯއަށް ބަލައިގެން ވީހާވެސް އެ ސޮރު އެއްގޮތަށް އޭނާއަށް ސިފަ ޖެއްސޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހެދުން އަޅައިގެން ހުންނައިރު ވާނެ ހޫނުން ސަލާމަތްވުމަށް މި ހެދުމުގެ އެކި ހިސާބުތަކުގައި ވައި ދައުރުވާނެ ގޮތްތަކެއްވެސް ހަދާފައިވާ ކަމަށާއި އަދި އޭނާ އަމިއްލައަށް ފަސޭހަ ކަމާއެކު ހެދުން ލެވޭނެ ގޮތް ހެދުމަށް ވެސް ކޮސްޓިއުމް ތައްޔާރުކުރާއިރު ސަމާލުކަން ދޭނެ ކަމަށެވެ.