ލައިފްސްޓައިލް

ތަހުނިޔާގެ މެސެޖުގެ ބަދަލުގައި ކެންސަރުޖެހިފައިވާ ކަމުގެ މެސެޖް!

ޓެކްސްޓް މެސެޖުތަކަކީ ބައެއް މީހުންގެ ހިތް އުފާކުރުވާ އަދި އަނެއް ބަޔަކަށް ބޮޑު ޝޮކެއް ވެސް ލިބިދާނެ މެސެޖު ތަކެކެވެ. އެ މެސެޖެއް ފޮނުވަން ޖެހޭ ބަޔަކަށް ނޫން ބަޔަކަށް ފޮނުވޭ މެސެޖެއްގައި ހުންނަ މައުލޫމާތުތަކުން ބައެއް މީހުންނަށް ހީނުކުރާ ވަރުގެ ބޮޑު ގޯހަކަށް ވެސް އެކަން ވެދާނެ އެވެ.

ބީބީސީ އިއްޔެ ފޮނުވި ރިޕޯޓެއްގައި ބުނި ގޮތުގައި އިންގްލެންޑްގެ ހޮސްޕިޓަލަކަށް އޮޅިގެން އެ ހޮސްޕިޓަލުގެ ބައެއް ބަލި މީހުންނަށް ނުބައި މެސެޖެއް ފޮނުވި އެކަން ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ފަރާތުން އެ ޑޮކްޓަރުންގެ ބަލިމީހުންނަށް އަސްލު ފޮނުވަން އުޅުނީ އާ އަހަރުގެ ހެޔޮ އެދުންތަކެވެ. ނަމަވެސް އޮޅިގެން އެ މެސެޖުގައި ލިޔެފައި އޮތީ އޭނާގެ ފުއްޕާމެޔަށް ވަރަށް ވަރުގަދަ ކެންސަރެއް ޖެހިފައިވާ ކަމުގެ (އެގްރެސިވް ލަންގް ކެންސާ ވިތު މެސްޓޭސިސް) މެސެޖެކެވެ. މި މެސެޖު ފޮނުވީ ސައުތު ޔޯކްޝަޔާގެ ޑޮންކާސްޓާގައި ހުންނަ އަސްކާން މެޑިކަލް ސެންޓަރުންނެވެ.

މި މެސެޖާއެކު ޑީއެސް-1500 ފޯމެއް ވެސް ފުރަން ފޮނުވާފައި އޮތެވެ. އެއީ ފުރާނަ ސަލާމަތްނުވާ ވަރުގެ ބަލި މީހުން (ޓާމިނަލް ޕޭޝަންޓްސް) އަށް ލިބޭ ހާއްސަ އިނާޔަތްތައް ހޯދުމަށް ފުރަން ޖެހޭ ފޯމެކެވެ. ބަލި މީހުންނަށް ހޮސްޕިޓަލުން ފޮނުވި މެސެޖުގައިވާ ގޮތުން އެމީހުންނަކީ ފުއްޕާމޭގެ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ދިރިއުޅުމުގެ އެއްވެސް އުންމީދެއް ނެތް ބައެކެވެ.

މި މެސެޖު ބަލި މީހުންނަށް ފޮނުވިތާ ގަޑިއެއްހާއިރު ފަހުން ދެ ވަނަ މެސެޖެއް ވެސް އެ ހޮސްޕިޓަލުން ބަލި މީހުންނަށް ފޮނުވި އެވެ. އެ މެސެޖުގައި ވަނީ ކުރިން ފޮނުވި މެސެޖަކީ އޮޅުމަކުން ފޮނުވުނު އެއްވެސް ކަމަށާއި އެކަމަށްޓަކައި މައާފަށް އެދޭ ކަމަށެވެ. އެ ހޮސްޕިޓަލުން އަސްލު ފޮނުވަން އުޅުނީ އާ އަހަރުގެ ހެޔޮ އެދުންތައް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އިމަޖެންސީއެއް ދިމާވެއްޖެނަމަ ގުޅާނެ ނަންބަރު ވެސް މި މެސެޖުގައި ވެއެވެ.

މި މެސެޖު ލިބުނު ބަލި މީހެއް ކަމަށްވާ ކާލް ޗެގްވިން ބީބީސީ އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ފުރަތަމަ އެ މެސެޖު ލިބުމާއެކު އޭނާއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

"އަހަރެންނަކީ އެހާ ގިނައިން ޑޮކްޓަރަށް ދައްކާ މީހެއް ވެސް ނޫން. އެހެން ހުއްޓާ ކުއްލިއަކަށް އަހަންނަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ މެސެޖެއް ލިބުމުން އަހަރެންނަށް ބޮޑު ޝޮކެއް ލިބުނު. އަހަރެންނަށް އެތައް އިރަކު ބޯ ކަހާލަ ކަހާލަ ވިސްނަން އިނދެވުނު. އަހަރެންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއް. ނަމަވެސް އަހަރެންނަށް ކެންސަރު ހުރިކަން ނޭނގި އެމީހުންނަށް އެނގުނު ގޮތެއް ނޭނގުނު. ހެޔޮވާނެތަ މިކަހަލަ ކަންތައް ކުރަން،" ޗެގްވިން ބުންޏެވެ.

ކްރިސް ރީޑް، 58، އަކީ ޕްރޮޕަޓީ ޑިވެލޮޕާ އެކެވެ. އޭނާއަށް ވެސް ހަމަ މި މެސެޖު ހޮސްޕިޓަލުން ފޮނުވި އެވެ. އަދި މިކަމާ ވީ ދެރައިން އޭނާގެ އަންހެނުން ވަރަށް ރުއި ކަމަށް ރީޑް ބުންޏެވެ.

ރީޑް ބުނި ގޮތުގައި އޭނާ އަވަހަށް ހޮސްޕިޓަލަށް ގުޅައިގެން ސާޖަރީ އަށް ދުވަހެއް ހޯދަން މަސައްކަތް ފެށި ނަމަވެސް ހޮސްޕިޓަލުގެ ހުރިހާ ލައިންތަކެއް ބިޒީކަމުން ނުގުޅިގެން އުޅެނިކޮށް ދެ ވަނަ މެސެޖެއް ލިބުނު ކަމަށެވެ. އަދި ކުރިން ފޮނުވުނީ ގޯސް މެސެޖެއް ކަމަށް އެ މެސެޖުގައި ލިޔެފައި އޮތް ކަމަށެވެ.