ލައިފްސްޓައިލް

ޑިޕްރެޝަނުން ސަލާމަތްވާން ފައިދިގުމަކުނު ގެންގުޅޭ މީހެއް!

އިންގްލެންޑްގެ ރަށެއްގައި ދިރިއުޅޭ އާރޮން ފޮނެކްސް އަކީ ޑިޕްރެޝަން އާއި ބައޮޕްލާ ޑިޒީޒް ހުންނަ މީހެކެވެ. އުމުރުން 34 އަހަރުގެ އާރޮން މި މައްސަލަތަކަށް ފަރުވާ ހޯދަމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އޭނާއަށް ފަރުވާދޭ ޑޮކްޓަރުންނާއި ތެރަޕިސްޓުން އެންމެ ފަހުން އޭނާ ކައިރީގައި ބުނީ އޭނާ ކުރާ ހިތްވާ ކޮންމެވެސް ކަމެއް ހޮބީއެއްގެ ގޮތުގައި ކުރަން ފެށުމަށެވެ.

އެހެން މީހަކު ނަމަ ޑޮކްޓަރުން މިހެން ބުނުމުން އަވަހަށް އުޅޭނީ ޗުއްޓީއަކަށް ތަނަކަށް ގޮސްލާ މަޖާ ކޮށްލުން ފަދަ ކަމެއް ކުރާށެވެ. ނަމަވެސް އާރޮން އަށް ކުރަން ފެނުނީ އެހެން މީހުން ނުކުރާ ކަހަލަ ތަފާތު ކަމެކެވެ. އެކަންތައް އެނގިއްޖިއްޔާ ބައެއް މީހުން ބިރުން ހަލާކުވާނެ އެވެ. އެއީ ފައިދިގުމަކުނު ގެންގުޅުމެވެ.

ޓީން އޭޖް އުމުރުއްސުރެ އާރޮންގެ ހިތުގައި ފައިދިގުމަކުނަށް ޚާއްސަ ޝައުގުވެރިކަމެއް ހުރެ އެވެ. އެހެންވެ ޑޮކްޓަރުން އޭނާ ކައިރީ ކުރާ ހިތްވާ ކޮންމެވެސް ކަމެއް ހޮބީއެއްގެ ގޮތުގައި ކުރަން ފަށަން ބުނުމާއެކު ފުރަތަމަވެސް އޭނާގެ ހިތަށް އެރީ ފައިދިގުމަކުނު ގެންގުޅުމެވެ.

ވަގުތުން އޭނާ ފައިދިގުމަކުނު ހޯދައި އެ ތަކެތި ހޮބީއެއްގެ ގޮތުގައި އެއްކުރަން ފެށި އެވެ. އެގޮތުން ފުރަތަމަ އޭނާ ހޯދީ މެކްސިކަން ރެޑް ނީ ޓަރަންޓުލާ އެވެ. ސަބަބަކީ ޓަރަންޓުލާ ކިޔާ ބާވަތުގެ ފައިދިގުމަކުނަކީ އޭނާ އަދި މާ ބޮޑަށް ލޯބިވާ އެއްޗަކަށް ވާތީ އެވެ.

"އަހަރެންގެ މުޅި ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް އަހަރެން ހިތްހަމަޖެހޭ ކަމަކަށް ކުރެވުނީ މި ކަންތައް. އަހަރެންނަށް ނަފްސާނީ ގޮތުން ހަމަޖެހުން ލިބި އެކަމަށް މުޅިން ފޯކަސް ކުރެވުނު،" އާރޮން ބުންޏެވެ.

އޭގެ ފަހުން އާރޮން ފަސްއެނބުރި ބަލައެއް ނުލަ އެވެ. ފައިދިގުމަކުނު އެއްކުރަމުން ގޮސް މިހާރު އޭނާގެ އަތުގައި 80 ވަރަކަށް ވައްތަރުގެ 100 އަށް ވުރެ ގިނަ ފައިދިގުމަކުނު އެބަހުއްޓެވެ. އަދި ޓަރަންޓުލާ ތަންތަނުން ހޯދައި އެ އެއްޗެތި ސަލާމަތްކޮށްގެން ގެނެސް އެ ތަކެތި ވިއްސާ އިތުރުކުރުމުގެ މަސައްކަތް ވެސް މިހާރު އޭނާ ކުރެ އެވެ.

ފައިދިގުމަކުނު ދެކެ މީހުން ގަންނަ ބިރު ކަނޑުވާލައި އެ ތަކެއްޗާމެދު މީހުންގެ ޝައުގުވެރިކަން އުފެއްދުމަށް ވެސް ގިނަ ކަންތައްތަކެއް އާރޮން މިހާރު އެބަ ކުރެ އެވެ.
"ފައިދިގުމަކުނާ ގުޅޭ މައުލޫމާތުދީ އެ އެއްޗިއްސަށް މީހުންގެ ޝައުގުވެރިކަން ހޯދުމަށް އަހަރެން ގަސްތުކުރަނީ ޔޫޓިއުބު ޗެނަލެއް ފަށަން. ދުނިޔޭގެ އާބާދީގެ އެންމެ ގިނަ ބަޔަކު އެންމެ ބިރުގަންނަ އެއްޗެތީގެ ތެރޭގައި ފައިދިގުމަކުނު ހިމެނޭ. އަހަރެން ބޭނުންވަނީ މިއީ ކިހާ ރީތި އަދި އަޖައިބެއް ކަހަލަ ރަނގަޅު އެއްޗެއްކަން މީހުންނަށް ވިސްނައިދޭން،" އާރޮން ބުންޏެވެ.

އާރޮންގެ އިންސްޓަގްރާމް ޕޭޖުން ވެސް އޭނާ ދަނީ ފައިދިގުމަކުނާ ގުޅޭ މައުލޫމާތު މީހުންނަށް ކިޔައިދެމުންނެވެ.

އާރޮން ދިރިއުޅެނީ އޭނާގެ ޕާޓްނަރާއި ދެ ދޮންދަރިންނާއެކު އެވެ. އޭނާގެ ގޭގައި ފައިދިގުމަކުނުތަކަށް ޚާއްސަ ވަކި ކޮޓަރިއެއް ހުރެ އެވެ. އޭނާގެ ދޮންދަރިން އެ ކޮޓަރިއަށް ނަންދީފައިވަނީ "ޓަރަންޓުލާ ރޫމް" އެވެ. އާރޮން ބުނި ގޮތުގައި އޭނާގެ ޕާޓްނަރު އެންމެ ކުރިން ފައިދިގުމަކުނު ފެނުނީމަ ވަރަށް ބިރުން އުޅުނެވެ. ނަމަވެސް މަޑުމަޑުން މިހާރު މި ތަކެއްޗަށް އާދަވެއްޖެ އެވެ.

ޑިޕްރެޝަން އާއި އެނޫންވެސް ނަފްސާނީ މައްސަލަތައް ދިމާވުމުން ކަމާ ބެހޭ މާހިރުން އިރުޝާދު ދެނީ ތެރަޕީއެއްގެ ގޮތުގައި ޕ ބުޅަލެއް ނުވަތަ ކުއްތާއެއް ފަދަ އެއްޗެއް އޮޅުކޮށްގެން ގެންގުޅޭށެވެ. ނަމަވެސް އާރޮން އަށް ކަމުދިޔައީ ފައިދިގުމަކުނެވެ.