ބެންކޮކުން އިންޑިއާ އަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި ބަޔަކު މީހުން ގޮއްމުށުން އެކަކު އަނެކަކުގެ ގައިގައި ތަޅާ މާރާމާރީ ހިންގައިފި އެވެ. މި ފްލައިޓް ތެރޭގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގިއިރު ކެބިން ކުރޫން ތިބީ ހަދާނެ ގޮތެއް ނޭނގި ބަލަހައްޓައިގެންނެވެ.
މި ހާދިސާ ހިނގީ ޑިސެމްބަރު 27 ވަނަ ދުވަހު ބެންކޮކުން ކަލްކަތާ އަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގަ އެވެ.
މި ދެ ގްރޫޕް ތަޅާފޮޅާ ވީޑިއޯ ޓުވިޓާގައި ޕޯސްޓްކޮށްފައިވަނީ ސޯރަބް ސިންހާ ކިޔާ މީހެކެވެ. އޭނާއަކީ އެ ފްލައިޓުން ދަތުރުކުރި މީހެއް ކަމަށް ސޯރަބް ލިޔެފައިވެ އެވެ.
މި ވީޑީއޯގައި ފެންނަނީ ދެ މީހަކު ވަރަށް ގަދަޔަށް ޒުވާބުކުރަނިކޮށެވެ. އަދި އެ މީހުން ދުރުކޮށް މައިތިރިކުރަން ފްލައިޓް އެޓެންޑެންޓަކު މަސައްކަތް ކުރާ ތަނެވެ. އިރުކޮޅެއް ނުވެ އެކަކު އަނެކަކުގެ ގަޔަށް އަތްލައި ތަޅާފޮޅަން ފެށީ އެވެ. އަދި ބޯޓުގައި ތިބި އެމީހުންގެ ގްރޫޕްގެ އެހެން މީހުން އައިސް މި ތަޅާފޮޅުމުގައި ބައިވެރިވި އެވެ.
މި ވީޑީއޯ ޓުވީޓްކުރި މީހާ ބުނި ގޮތުގައި މިއީ މި ރޫޓުން ދަތުރުކުރާ ފްލައިޓްތަކުގައި އާއްމުކޮށް ހިނގާ ކަމެއް ކަމަށް ފްލައިޓް އެޓެންޑެންޓެއް އޭނާގެ އެކުވެރިޔެއް ކައިރީގައި ބުނި ކަމަށެވެ.
ތައިލެންޑުން އިންޑިޔާއަށް ދަތުރުކުރާ ބޯޓު ތަކުގައި މީހުން ވަރަށް ގިނައިން މިފަދަ ކަންތައް ކުރާ ކަމަށް ވެއެވެ.
މިހެން ދިމާވަނީ އިންޑިޔާއިން ބެންކޮކަށް ޗުއްޓީ އަށް ދަތުރުކުރާއިރު އެންމެން ވެސް ވަރަށް އުފަލުން ތިބެފައި އެނބުރި އަންނަން ޖެހުމުން ވާ ދެރައިން މާ ގިނައިން ރާބޯތީ ކަމަށް ވެސް ގިނަ ބަޔަކު ލަފާ ކުރެ އެވެ.
މި ވީޑީއޯ ބަލާފައި އެއަށް ކޮމެންޓުކުރި މީހުން ބުނެފައިވަނީ ފްލައިޓް ތެރޭގައި ތަޅާ ފޮޅާ ހަދާ މީހުން މުޅި އުމުރަށް އެ ފްލައިޓަކަށް އެރުވުން މަނާ ކުރަން ޖެހޭ ކަމަށާއި މިފަދަ މީހުންނަށް ހަރުކަށީ އަދަބު ދޭން ފެންނަ ކަމަށެވެ. ސަބަބަކީ ފްލައިޓެއްގެ ތެރޭގައި މިގޮތަށް ތަޅާފޮޅާ މާރާމާރީ ހިންގުމަކީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ވެއްޓިދާނެ ފަދަ ކަމަކަށް ވާތީ އެވެ.