ރަޝިއާ އާއި ޗައިނާގެ ވިޔަފާރީގެ މުއާމަލާތްތައް ކުރިން އަންދާޒާ ކުރެއްވި ވަރަށް ވުރެ އަވަހަށް 200 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ބޭއްވި ވީޑިއޯ މަޝްވަރާއެއްގައި ޕޫޓިން ވިދާޅުވީ ރަޝިއާ އާއި ޗައިނާ ދެމެދުގައި ކުރެވިފައި ހުރި ވިޔަފާރި މުއާމަލާތްތައް ރެކޯޑް ހަދައި ފައިދާ އިތުރުކޮށްފައިވާ ކަމަށެވެ.
ރަޝިއާއަށް މި އަހަރު އެންމެ ގިނައިން ޗައިނާއަށް އެކްސްޕޯޓް ކުރެވުނީ ތެޔޮ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ރަޝިއާ އާއި ޗައިނާއާ ދެމެދު ގޭހުގެ ވިޔަފާރި ވެސް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާ، ޗައިނާގެ ގުޅުން ކައިރިއަށް ޖެހިލައި އިތުބާރު ބޮޑުވެގެން ދިޔަ ސަބަބަކީ ދުނިޔޭގެ މަސްރަހަށް މިއަހަރު އައި ބަދަލު ކަމަށެވެ.
ރަޝިއާއަށް ވެސް ފައިދާ ބޮޑު ގޮތަކީ އިތުބާރު ބޮޑު އަދި އިތުބާރު ދެމެހެއްޓޭ ގައުމުތަކާ އެކު ވިޔަފާރިކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރަޝިއާ އާއި ޗައިނާއާ ދެމެދު މިހާރު އޮތް ގުޅުމަކީ ތާރީހުގައި ވެސް އެންމެ ރަނގަޅަށް އޮތް ގުޅުން،" ޕޫޓިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާ އާއި ރަޝިއާ އަކީ ވެސް ޖެހުނު އިމްތިހާނަކާ ކުރިމަތިލާން ތައްޔާރު ދެ ގައުމު ކަމަށެވެ.
ރަޝިއާ އާއި ޗައިނާއާ ދެމެދު އޮތް އަސްކަރީ އެއްބާރުލުމަށް ތައުރީފު ކުރައްވާ ޕޫޓިން ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި ރަޝިއާ އާއި ޗައިނާއާ ދެމެދު އޮންނަ އެއްބާރުލުމަކީ އިންސާފުވެރި -- ދުނިޔޭގެ ނިޒާމުތައް ދެމެހެއްޓުމަށް ބާރުއަޅާނެ ގުޅުމެއް ކަމަށެވެ.
އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން ވަނީ އަންނަ އަހަރު -- މިހާރު ކުރިއަށްދާ ފިނި މޫސުން ނިމުމަށް ފަހު، ރަޝިއާއަށް ވަޑައިގަތުމަށް ޝީއަށް ދައުވަތު އަރުވާފަ އެވެ.
ޝީ ވިދާޅުވީ ރަޝިއާ އާއެކު ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލުން ވަރުގަދަކުރައްވާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ބައިވެރިންގެ ގޮތުގައި ދެ ގައުމުގެ ރައްޔިތުންގެ ލާބައަށާއި ދުނިޔޭގެ ހަމަޖެހުމަށް ޓަކައި ބެއިޖިން އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.
ބައިނަލްއަގްވާމީ ގޮތުން ދަތި އުނދަގޫ އަދި ނުތަނަވަސް ދަނޑިވަޅުތަކުގައި ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލުން އިތުރުކުރެއްވުމަކީ އެދެވޭ ކަމަކަށް ވާނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.