ކުޅިވަރު

ބައިކޮޅަށް ވަނީ ނަސީބު ދެރަ ގޯލުތަކެއް: ރޮޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން 1-2 އިން ލެސްޓާ ސިޓީ ބަލިވިއިރު ބައިކޮޅަށް ގޯލު ވަނީ ނަސީބު ދެރަ ގޮތަކަށް ކަމަށް ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.

އުނދަގޫ މޮޅެއް ލިވަޕޫލް ހޯދި މެޗުގައި އެޓީމުގެ ދެ ގޯލު ވެސް ވަނީ ލެސްޓާގެ ވައުޓް ފާސް އަތުން ބައިކޮޅަށެވެ. މެޗުގެ ކުރީކޮޅު ލެސްޓާ އިން ލީޑު ނެގި ގޯލު ކާމިޔާބުކޮށްދިނީ ކިއެނަން ޑިއުސްބަރީ-ހޯލް އެވެ.

ފާސް އަތުން ބައިކޮޅަށް ވަން ދެ ގޯލާ އެކު އޭނާ އަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އުމުރުން 24 އަހަރުގެ ފާސް އަކީ ބެލްޖިއަމްގެ ޑިފެންޑަރެކެވެ. މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ބެލްޖިއަމް ޓީމުގެ ސްކޮޑުގައި ވެސް ފާސް ހިމެނުނެވެ. އެކަމަކު އެއްވެސް މެޗެއް ނުކުޅެ އެވެ.

"ލެސްޓާއާ ގުޅުމަށް ފަހު ފާސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. އެކަމަކު ވޯލްޑް ކަޕްގެ ބެލްޖިއަމް ޓީމުގައި އެއްވެސް މެޗެއް ނުކުޅެ ފާސް އެނބުރި އަންނަން ޖެހުނީ. މިރޭ ފާސް އަތުން ބައިކޮޅަށް ގޯލުތައް ވަނީ ނަސީބު ދެރަކޮށް" މެޗަށް ފަހު ރޮޖާސް ބުންޏެވެ.

މެޗުގެ ފުރަތަމަ ގޯލު ފާސް އަތުން ބައިކޮޅަށް ވަނީ 38 ވަނަ މިނެޓުގަ އެވެ. އަރިމަތިން ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނަގައިދިން ހުރަސް ފާސްގެ ފައިގައި ޖެހިފައި ގޯލަށް ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ވެސް ޖެހިފަ އެވެ. ދެވަނަ ގޯލު ފާސް އަތުން ބައިކޮޅަށް ވަނީ 45 ވަނަ މިނެޓުގަ އެވެ. ލިވަޕޫލްގެ ޑާވިން ނޫނޭޒް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ފާސް އެބޯޅަ ސާފުކޮށްލަން ފޮނުވާލުމުން ވަނީ ގޯލަށެވެ.

ފާސް އަކީ ޕްރިމިއާ ލީގުގެ މެޗެއްގައި ބައިކޮޅަށް ދެ ގޯލު ޖެހި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެއް މެޗެއްގައި ބައިކޮޅަށް ދެ ގޯލު ޖެހީ ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޖެމީ ކަރެގާ އާއި މައިކަލް ޕްރޮޓްކާ އަދި ޖޮނަތަން ވޯލްޓާސް އެވެ.

ރޭގެ މޮޅާ އެކު ލިވަޕޫލް ވަނީ 16 މެޗުން 28 ޕޮއިންޓް ހަމަކޮށް ގަދަ ހަތަރެއްގެ އުއްމީދު ދަމަހައްޓައިފަ އެވެ. ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅާ އެކު ލިވަޕޫލް މިހާރު އޮތީ ހަ ވަނައިގަ އެވެ.

ހަތަރު ވަނައިގައި 30 ޕޮއިންޓާ އެކު ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު ފަސް ވަނައިގައި އޮތީ 29 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ. ލެސްޓާ އޮތީ 17 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ބްރެންޓްފޯޑުން ވަނީ 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެޗުގައި ބްރެންޓްފޯޑުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިވާން ޓޯނީ އާއި ޖޯޝް ޑަ ސިލްވާ އެވެ.

ބްރެންޓްފޯޑް އަތުން ބަލިވެ ވެސްޓް ހޭމް މިހާރު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ. ބްރެންޓްފޯޑް ވަނީ މޮޅާ އެކު ނުވަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.