އެމްޓީސީސީ

ކޭޝް ކާޑުން ބަސް ޓިކެޓު ގަނެވޭ ގޮތް ހަދަނީ

ކޭޝް ކާޑު ބޭނުންކޮށްގެން އާރްޓީއެލް ބަސް ޓިކެޓަށް ފައިސާ ދެއްކޭ ހިދުމަތް ތައާރަފުކުރުމުގެ ގޮތުން، އެ ހިދުމަތް ޓެސްޓުކުރަން އެމްޓީސީސީ އިން ނިންމައިފި އެވެ.

އެމްޓީސީސީ އިން ބުނީ އާރްޓީއެލް ބަހުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކޭޝް ކާޑުން ޓިކެޓަށް ފައިސާ ކެނޑޭނެ ހިދުމަތް ތައާރަފުކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

މިގޮތުން މި ހިދުމަތް ޓެސްޓުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާ، އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު ޓްރައިލް ދަތުރުތަކެއް ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

މި ޓެސްޓު ދަތުރުތަކުގައި މާލެ ތެރޭގައި ދުއްވާ ބަސްތަކުގައި މާސްޓާ ކާޑާއި ވިސާ ކާޑުގެ ކޮންޓެކްޓް ލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މާލެ ތެރޭގައި ކުރާ މިނީ ބަސް ދަތުރަށް ނަގަނީ 7ރ. ގެ ޓިކެޓެކެވެ. މިނީ ބަހުގެ ދަތުރުތަކަށް އާރްޓީއެލް އެޕް އަދި ވެބްސައިޓް ބޭނުންކޮށްގެން ޓިކެޓު ނެގޭއިރު، ގަނޑުކޮށް 7ރ. ދީގެން ވެސް ދަތުރުކުރެވެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު އެވެ.