ބޯހިޔާވަހިކަން

އެކަނި އުޅޭ މީހުންނަށް ހާއްސަ ހައުސިން މަޝްރޫއެއް ފަށައިފި

މާލެ ސަރަހައްދުގައި ދިރިއުޅޭ ކުޔަވާ ކުދިންނާއި، ކުއްޔަށް ތަންތަން ހިފައިގެން އެކަނި އުޅޭ މީހުންނަށް ހާއްސަކޮށްގެން ކޯ ލިވިން ހައުސިން މަޝްރޫއެއް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.

ހުޅުމާލޭގައި މުޅިން އާ ކޮންސެޕްޓަކަށް ތަރައްގީ ކުރާ ކޯ-ލިވިން ހައުސިން ޕްރޮޖެކްޓުގެ ސަބަބުން އެކަނި ދިރިއުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބިގެންދާނެ ކަމުގައި އެޗްޑީސީއިން ބުނެ އެވެ. މިމަޝަރޫއު ހިންގަނީ "ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ"އާ ހަވާލުކޮށްގެންނެވެ.

މި ހައުސިން މަޝްރޫއުގައި ހިމެނެނީ ކޯ-ޝެއާ ނުވަތަ އެހެން މީހުންނާ އެކު ދިރިއުޅޭ ކޮޓަރިއާއި އަސާސީ ހިދުމަތްތަކަށް ބޭނުންކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއާޑް ކޮޓަރި އެވެ.

ކޯ-ލިވިން ހައުސިން ތައާރަފު ކުރުމަށް އެޗްޑީސީން ނިންމީ އެޗްޑިސީ އިން ހެދި ދިރާސާ އަކުން އެކަނި ދިރުއުޅޭ މީހުންގެ ތެރެއިން 56 ޕަސަންޓަށް ވުރެ ގިނަ މީހުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމުގައި އެޗްޑީސީ އިން ބުނެ އެވެ.

ކޯލިވިން ހައުސިން ހަދަނީ 16،934 އަކަފޫޓުގެ ބިމެއްގައި 14 ބުރީގެ ޓަވަރެއްގަ އެވެ. އެ އިމާރާތުގެ ދެވަނަ ފަންގިފިލާއިން ފެށިގެން ނުވަވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިން އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުގެ ދަށުން އިމާރާތް ކުއްޔަށް ދޭން ނިންމާފައި ވަނީ ހަމައެކަނި ދިވެހިންނަށެވެ.