ތުރުކީގެ ބާރުގެ ދަށުގައި އޮތް ސީރިއާގެ އުތުރު އަވަށްތަކުން ސިފައިން ބޭލުމަށް އެ ގައުމުން އެއްބަސްވެއްޖެ އެވެ. ތުރުކީން މި ކަމަށް އެއްބަސްވީ ރަޝިއާގެ ވެރިރަށް މޮސްކޯގައި -- ރަޝީއާ، ތުރުކީ އަދި ސީރިއާގެ ދިފާއީ ވަޒީރުންގެ މެދުގައި-- ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ.
ސީރިއާގެ މީޑިއާތަކުން، ނަން ހާމަނުކުރަން އެދޭ މީހަކާ ހަވާލާދީ ބުނި ގޮތުން ރަޝިއާ، ތުރުކީ އަދި ސީރިއާގެ މެދުގައި މަޝްވަރާ ކުރެވެނީ ސީރިއާގައި ސުލްހަ ގާއިމުކުރުމަށެެވެ. އަދި ސީރިއާ އެކު ގުޅުން ބަދަހިކުރުމަކީ ވެސް މި ތިން ގައުމުގެ އެޖެންޑާގައި އޮތް ކަމެކެވެ.
ސީރިއާގައި ސުލްހަ ގާއިމުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ކަމަށް މި ތިން ގައުމަށް އެއްބަސް ވެވުނެވެ. ޕީކޭކޭ ހަނގުރާމަވެރިން ތަންފީޒުކުރަމުން އެ ގެންދަނީ އެމެރިކާ އާއި އިޒްރޭލުން އެ މީހުންނަށް ހަވާލުކުރާ ޕްރޮޖެކްޓްތަކެއް ކަމަށްވެސް އެއްބަސް ވެވުނެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޑިސެމްބަރު 15، 2022 ގައި ވިދާޅުވި ގޮތުން ތުރުކީ އާއި ރަޝިއާ އަދި ސީރިއާގެ ލީޑަރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް އޮންނާނީ ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް، އޭގެ ކުރިން މި ތިން ގައުމުގެ އިންޓެލިޖެންސްގެ ވެރިން ބައްދަލު ކުރެއްވުން މުހިންމު ކަމަށް ވެސް އޭނާ ޕޫޓިންއަށް ދެންނެވި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
އެއަށް ފަހު މި ތިން ގައުމުގެ ދިފާއީ ވަޒީރުންނާއި ޚާރިޖީ ވަޒީރުން ވަނީ ވީޑިއޯ މަޝްވަރާތައް ބާއްވައި ބަހުސްކުރައްވައި ސީރިއާގައި އަމަލުކުރެވެން ހުރި ގޮތްތައް ކަރުދާހަށް ގެނެސްފަ އެވެ.
ސީރިއާގައި 2011 ވަނަ އަހަރު ފެށި ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. މި ހަނގުރާމަ -- އޭރުވެސް އަދި މިހާރު ވެސް -- އޮތީ ދެ ބަޔަކަށް ބެހެވިފަ އެވެ.
ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ސަރުކާރު ދެމެހެއްޓުމަށް އެއްބަޔަކު ހަނގުރާމަކުރާއިރު ޓެރަރިސްޓުންނާއި ހަތިޔާރުއެޅި ކުދި ގަބީލާތަކުން ހަނގުރާމަކުރަނީ އަސަދުގެ ސަރުކާރު ވައްޓާލުމަށެވެ.
މި ހަނގުރާމައިގެ ތެރެއަށް އަމަލީ ގޮތުން ތުރުކީ އޮތީ ވަދެގަނެފަ އެވެ. އަދި އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާކުރާ ގުރޫޕްތަކަށް ދަނީ ވާގިވެރިވަމުންނެވެ. އަނެއްކޮޅުން އީރާން އާއި ރަޝިއާ ވެސް އޮތީ ހަނގުރާމާގައި އަސަދަށް ވާގިވެރިވުމުގަ އެވެ.
މި ސަބަބާ ހެދި ތުރުކީއަށް ލިބިދާނެ ބޮޑު ގެއްލުމަކުން ރައްކާތެރިވުމަށް އޮތް އެންމެ ހެޔޮ ގޮތަކީ ސީރިއާއިން ސިފައިން ބޭލުން ކަމަށް ރަޝިއާ އާއި ތުރުކީ އަދި ސީރިއާ އިން ނިންމީ އެވެ.