ފިރިން އަބަދު އަބަދު ކަންކަން ހަނދާން ނެތޭ ކަމުގެ ޝަކުވާ ވަރަށް ގިނަ އަނބިން ކުރެ އެވެ. އެއީ އަނބިމީހާގެ އުފަން ދުވަސް ނަމަވެސް އަދި ވެޑިން އެނިވަސަރީ ނަމަވެސް ފިރިހެންމީހާ ގިނަ ފަހަރަށް މި ދުވަސް ދުވަސް ހަނދާންވާ ކަމަކަށް ނަހަދަ އެވެ. ނަމަވެސް ތައިލެންޑްގެ މި ފިރިހެންމީހާ ކުރި ކަމަކީ އޭނަގެ އަންހެނުން ދުވަހަކުވެސް ހަނދާން ނެތޭނެ ކަމެއް ނޫނެވެ.
ތައިލެންޑްގެ މަހާ ސަރަކަމް ޕްރޮވިންސްގައި މިދިޔަ ހަފުތާގައި ހިނގި މި ހާދިސާގައި ބޫންޓޮމް ޗައިމޫން، 55، އާއި އޭނާގެ އަންހެނުން އަމްނުއޭ ޗައިމޫން، 49، ކާރުގައި ދަތުރު ފެށީ އާދިއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އާ އަހަރުގެ ޗުއްޓީ ހޭދަކުރަން އެމީހުންގެ އާއިލާގެ މީހުން ދިރިއުޅޭ އެމީހުންގެ އަމިއްލަ ރަށަށް ދިއުމަށެވެ.
ނިއު ޔޯކް ޕޯސްޓްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ކާރުގައި ދުއްވަމުން ގޮސް ވަކި ހިސާބަކަށް ދެވުނުތަނާ ބޫންޓޮމް ފާޚާނާކުރަން ބޭނުންވެގެން ކާރު މަގުގެ އެއްފަރާތަށް ހުއްޓާފައި ކާރުން ފައިބައިގެން ދިޔައީ އެވެ. މަގުގެ އެއްފަރާތަށް މަޑުނުކޮށް ޕެޓްރޯލް ސްޓޭޝަނަކަށް ކާރު މަޑު ނުކުރީ ކީއްވެތޯ އޭނާގެ އަންހެނުން އަމްނުއޭ ސުވާލުކުރި ނަމަވެސް އެ ސުވާލަށް ޖަވާބު ނުދީ ފިރިހެންމީހާ ދިއުމުން އަމްނުއޭ ވެސް ކާރުން ފައިބައިގެން ފާޚާނާކުރަން ޖަންގަލިތެރެއަށް ވަނީ އެވެ.
އެ ވަގުތަކީ ދަންވަރުގެ ވަގުތަށް ވާތީ އެހިސާބުގަނޑު ވަރަށް އަނދިރި އެވެ. އެހެންވެ އަންހެންމީހާ ކާރުގައި ނެތްކަން ފިރިހެންމީހާއަށް އަކަށް ނޭނގެ އެވެ. އެނބުރި އައި ގޮތަށް އޭނާ ކާރަށް އަރައި އިސްޓާޓް ކޮށްގެން ނައްޓާލީ އެވެ.
އަންހެންމީހާ ފާޚާނާ ކޮށް ނިމިގެން އައިރު ފިރިމީހާ ކާރުގައި ނައްޓާލައިގެން ހިނގައްޖެ އެވެ. އޭނާ ކާރުން ފޭބީ ފޯނާއި ދަބަސް ވެސް ކާރުގައި ބަހައްޓާފައި ކަމުން ފިރިހެންމީހާއަށް ވެސް އަދި އެހެން މީހަކަށް ވެސް ގުޅޭނެ އެއްވެސް ގޮތެއް އަންހެންމީހާއަކަށް ނެތެވެ.
އަމްނުއޭ ބުނި ގޮތުގައި އެ ވަގުތު ޖަންގައްޔާ ވަރަށް ކައިރީގައި އޮތް ކަނު އަނދިރި މަގުގައި އެކަނި ހުންނަން ޖެހުމުން އޭނާ ވަރަށް ބިރުގަތެވެ. ނަމަވެސް އެތާނގައި ނުހުރެ އެހީތެރިކަމެއް ދޭނެ މީހަކު ވޭތޯ އޭނާ މަގުގައި ހިނގަން ފެށީ އެވެ.
ހިނގަމުން ހިނގަމުން ގޮސް 20 ކިލޯ މީޓަރަށް ހިނގުނު ފަހުން އޭނާއަށް ކެބިން ބުރީ ޑިސްޓްރިކްޓް އާ ހަމައަށް ދެވުނުއިރު ފަތިހު 5.00 ވެއްޖެ އެވެ. އެތަނުގައި ތިބި ފުލުހުންގެ އެހީތެރިކަމަށް އެމަނުއޭ އެދުނު ނަމަވެސް ފިރިމީހާގެ ފޯނު ނަންބަރެއް ވެސް އޭނަ ހަނދާނެއް ނެތެވެ. އޭނާ ކާރުން ފޭބީ ފޯނާއި ދަބަސް އޭގައި ބަހައްޓާފައި ކަމުން ފިރިމީހާ އާ ގުޅޭނެ އެއްވެސް ގޮތެއް އޭނާއަކަށް ނޭނގުނެވެ.
ފުލުހުން ކުރި މަސައްކަތުން އަމަނުއޭގެ ފިރިމީހާއާ ގުޅުނުއިރު ހެނދުނު 8.00 ވެއްޖެ އެވެ. ފިރިހެންމީހާ އޭރު ވަނީ އަންހެންމީހާ ހުރި ހިސާބާ 159 މޭލު ދުރުގައިވާ ކޯރަޓް ޕްރޮވިންސަށް ދަތުރުކޮށްފަ އެވެ. ފިރިހެންމީހާ ހުރި ހިސާބަށް އަންހެންމީހާ ދިއުމަށް އެހީތެރިވީ ފުލުހުންނެވެ.