އަނބިމީހާއަށް 12 މިލިއަން ބާތު (ގާތްގަނޑަކަށް 3.5 ލައްކަ ޑޮލަރު)ގެ ލޮޓަރީއެއް ކާމިޔާބުވީކަން ސިއްރުކޮށްގެން އުޅެނިކޮށް ފަޅާއެރުމުން ތައިލެންޑް ފިރިހެނަކަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ.
އެއަށް ވުރެ ވެސް ބޮޑު ޝޮކެއް އެމީހާއަށް ލިބުނީ އޭނާ ކައިރިން ވަރިނުވެ އޭނާގެ އަންހެނުން އެހެން މީހަކާ ކައިވެނިކުރިކަން އެނގުނީމަ އެވެ.
ނާރިން، 47، އޭނާގެ ގާނޫނީ ވަކީލާ ބައްދަލުކޮށް އަންހެނުން ވަރިކުރަން ބޭނުންވާ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅަން މިހާރު ވަނީ ނިންމާފަ އެވެ.
އިސާން ޕްރޮވިންސްގެ ޗައްޔަޕުމްގައި ދިރިއުޅޭ ނާރިން އޭނާގެ އަންހެނުން ޗަވީވަން، 43، އާ ކައިވެނިކުރީ މީގެ 20 އަހަރު ކުރިންނެވެ.
ތައިލެންޑް ނޫހަކަށް ދިން އިންޓަވިއު އެއްގައި ނާރިން ބުނީ އެ ދެ މީހުންގެ ތިން އަންހެން ދަރިން ވެސް އެބަ ތިބި ކަމަށެވެ.
ނަމަވެސް ޗަވީވަން ބުނަނީ އޭނާ ނާރިންއާ ވަކިވިތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ލޮޓަރީ ފައިސާ ލިބުނީ އޭގެ މާފަހުން ކަމަށެވެ. އަދި އޭނާ މިހާރު ޕޮލިސް އޮފިސަރަކާ ކައިވެނިކޮށްގެން އުޅޭ ކަމަށެވެ. ނަމަވެސް ނާރިން ބުނަނީ އޭނާ އަންހެނުން ވަރި ނުކުރާ ކަމަށާއި އަންހެނުން އޭނާ ކައިރިން ވަރިވިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ނާރިން ބުނި ގޮތުގައި އޭނާގެ އާއިލާ ވަރަށް ބޮޑަށް ދަރަނިވެރިވެ އެކި މީހުންނަށް ދެ މިލިއަން ބާތަށް ދަރާފައިވުމުން އާއިލާ އެއްކޮށް ސައުތު ކޮރެއާއަށް ގޮސް 2014 އިން ފެށިގެން އެ ގައުމުގައި ދިރިއުޅެމުން ދިޔަ ކަމަށެވެ.
ނާރިން ސައުތު ކޮރެޔާ އިން ވަޒީފާ ހޯދައިގެން އެ ގައުމުގައި އުޅެމުން ދަނިކޮށް އޭނާގެ އަންހެނުން އެނބުރި ތައިލެންޑަށް ދިޔައީ ކަމަށް ނާރިން ބުންޏެވެ. އަދި އާއިލާގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މަހަކު 27،000 އާއި 30،000 އާ ދެމެދުގެ އަދަދަކަށް ތައިލެންޑް ފައިސާ (ގާތްގަނޑަކަށް 800-900 ޔޫއެސް ޑޮލަރު) އޭނާ އަންހެނުންނަށް ފޮނުވަމުން ގެންދިޔަ ކަމަށްވެސް ނާރިން ބުންޏެވެ.
އަންހެނުން ޗަވީވަން އަށް ލޮޓަރީ ޖެކްޕޮޓްއެއް ލިބުނުކަން ނާރިން އަށް އެނގުނީ އޭނާގެ ދަރިއެއްގެ ފަރާތުންނެވެ. އަދި އެކަން އެނގިގެން އޭނާ ފޯނު ކޮށްކޮށް އަންހެނުން ފޯނަށް ޖަވާބު ނުދިން ކަމަށް ނާރިން ބުންޏެވެ. އެހެންވެ މި ހިނގާ މާޗް މަހުގެ ފަސްވަނަ ދުވަހު އޭނާ އެނބުރި ތައިލެންޑަށް ދިޔައީ ލޮޓަރީގެ ފައިސާ ކޮބައިތޯ އަންހެނުން ކައިރީ ސުވާލު ކުރާށެވެ.
އޭނާ ގެޔަށް އައުމުން އަންހެނުން ފެބްރުއަރީ 25ގައި އެހެން މީހަކާ ކައިވެނިކޮށްފައިވާ ކަން އެނގުމުން ބޮޑު ހައިރާންކަމެއް ލިބުނުކަމަށް ނާރިން ބުންޏެވެ.
"އަހަރެން މިހުރީ ވަރަށް ބޮޑު ޝޮކެއްގައި. ކޮންމެ މަހަކު ލިބޭ މުސާރައިގެ ބޮޑު ބައި އަންހެނުންނަށް ފޮނުވާތީ އަހަރެންގެ އަތުގައި ހުރީ ވަރަށް މަދު ފައިސާކޮޅެއް. އަހަރެން 20 އަހަރު ވަންދެން އިނދެގެން އުޅުނު މީހާ މިފަދަ ބޮޑު ލަނޑެއް ދީފާނެ ކަމަކަށް އަހަރެން ހިތަކަށް ނާރާ، އަހަރެން ކޯޓަށް ގޮސްގެން އަހަރެން އަތުން ގެއްލުނު ފައިސާ ހޯދަން މަސައްކަތް ކުރާނަން،" ނާރިން ބުންޏެވެ.
ހަގީގަތުގައި ނާރިން އަށް ލަނޑު ލިބުނީ އޭނާގެ ވެސް ކުށުންނެވެ. ނާރިން އާއި ޗަވީވަން މީގެ 20 އަހަރު ކުރިން ކައިވެނިކޮށްފައިވަނީ އާއިލާގެ އެންމެންގެ ހާޒިރުގައި ނަމަވެސް އެ ކައިވެނި ރަސްމީކޮށް ކަމާ ބެހޭ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްފައެއް ނުވެ އެވެ. އެހެންވެ އެމީހުންގެ އަތުގައި ރަސްމީ ކައިވެނިގެ ސެޓްފިކެޓެއް ނެތެވެ.
ޗަވީވަން ވެސް މިހާރު ތައްޔާރުވަމުންދަނީ ނާރިންއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާށެވެ. އަދި ނާރިން އޭނާގެ ފައިސާތައް އަތުލަން އުޅޭކަމަށް ޗަވީވަން ތުހުމަތު ކުރެ އެވެ.
"އަހަރެން މީގެ އެތައް އަހަރެއް ކުރިން ނާރިންއަށް ފޯނުން ގުޅައި އޭނާއާ ވަކިވީކަން އަންގާފައި އޮންނާނީ. އަހަރެންގެ އަވަށްޓެރިންނަށް ވެސް މިކަން އެނގޭނެ. އަދި ނާރިން އެ ބުނާ ވަރަށް އޭނަގެ ދަރިންނަށް ފައިސާއެއް ނުފޮނުވާ. އޭނާ ކޮންމެ މަހަކު ފޮނުވަނީ އެންމެ 3،000 ބާތު،" ޗަވީވަން ބުންޏެވެ.
މިހާރު ތައިލެންޑް ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކޮށް ކުށްވެރިވަނީ ކާކުތޯ ބެލުމަށް މަސައްކަތް ކުރަމުންނެވެ.