ލައިފްސްޓައިލް

ސައޫދީގެ މުފްތީ ވިދާޅުވަނީ ރާޒުވާ ކުޅުން ހަރާމްކަމަށް!

Jan 23, 2016

ރާޒުވާ އަކީ ޖުވާގެ ދަރަޖައަށް ވެއްޓިފައިވާ ކުޅިވަރެއް ކަމަށާއި ވަގުތު ބޭކާރު ކުރުމެއް ކަމަށް ވިދާޅުވެ ސައޫދީ އަރަބިއްޔާގެ އިސް މުފްތީ، ޝައިހް އަބްދުލްއަޒީޒް އަލް ޝައިހްގެ ފަތުވާއެއްގައި ރާޒުވާ ހަރާމް ކަމަށް ކަނޑައަޅުއްވައިފި އެވެ.

ޝައިހް މިފަދަ ފަތުވާއެއް ނެރުއްވާފައި ވަނީ އާންމުންގެ ސުވާލުތަކަށް ފުރުސަތު ހުޅުއްވާލައްވައިގެން ކުރިއަށް ގެންދަވާ ޓީވީ ޝޯއެއްގައި އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން ވާހަކަފުޅު ދައްކަމުންނެވެ. ކީރިތި ގުރުއާނުގެ އާޔަތްތަކުން ދަލީލު ދައްކަމުން ގޮސް ޝައިހް ވިދާޅުވެފައި ވަނީ މަސްތުވާތަކެއްޗާއި ޖުވާ އާއި ޒިނޭކުރުން އަދި ފާލުބެލުން ފަދަ ކަންކަން އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަމުން ޝައިހް ވިދާޅުވެފައި ވަނީ ރާޒުވާގެ ކުޅިވަރަކީ ޖުވާގެ ތެރެއަށް ނިސްބަތްވާ މުޑުދާރު ކުޅިވަރެއް ކަމަށާއި ދިރިއުޅުމުގެ ވަގުތު އެކަމުގައި ބޭކާރުވުމާއި ދޭދޭ މީހުންގެ މެދުގައި ފިތުނަވެރިކަމާއި ރުޅިވެރިން އުފެއްދުމަށް ހިތްވަރުދޭ ކުޅިވަރެއް ކަމަށެވެ.

ސައޫދީގެ މުފްތީ މިފަދަ ފަތުވާއެއް ނެރުއްވާފައިވާއިރު ޝިއައީންގެ ބާރުގަދަ އީރާނުގައި ވެސް މީގެ ކުރިން ރާޒުވާ ހަރާމް ކަމަށް ކަނޑައަޅާފައިވެ އެވެ. އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު ރާޒުވާ ހަރާމް ކަމަށް ފަތުވާ ނެރުއްވީ ގްރޭންޑް އާޔަތުއްﷲ އަލީ އަލް ސިސްތާނީ އެވެ. ނަމަވެސް އީރާނުން ވަނީ 1988 ވަނަ އަހަރު އެ ފަތުވާ އަނބުރާ ގެންގޮސް ރާޒުވާ އަލުން ހުއްދަ ކޮށްފަ އެވެ. އެގޮތަށް ފަތުވާ ނެރުއްވީ އޭރުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ރޫހުﷲ ޚާމަނާއީ އެވެ.

އީރާނުން މިހާރު ރާޒުވާގެ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ބައިވެރިވެ އެވެ.

ސައޫދީގައި ވެސް ރާޒުވާ އަކީ ފޯރިގަދަ ކުޅިވަރެކެވެ. ވަރަށް ފަހުން ވަނީ ސައޫދީ ޗެސް އެސޯސިއޭޝަނެއް ވެސް އުފައްދައި ފެޑެރޭޝަނަކަށް ބަދަލުކޮށް ސަރުކާރުގެ އެއްބާރުލުން ހޯދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ވޯލްޑް ކަޕާ އެކު މަޝްހޫރުވި ވުވުޒެލާއާ ދެކޮޅަށް ވެސް ސައުދީން ފަތުވާއެއް ނެރުނެވެ. އޭރު ބުނެފައި ވަނީ 100 ޑެސިބަލް އަށް ވުރެ އޭގެ އަޑުގަދަވާ ނަމަ އެއީ ބޭނުންކުރުން ހަރާމް އެއްޗެއް ކަމަށެވެ.

ސައޫދީގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުން ރާޒުވާ އަކީ ހަރާމް ކުޅިވަރެއް ކަމަށް ޝައިހް އެފަދަ ޓީވީ ޝޯއެއްގެ ފަތުވާއެއްގައި ވިދާޅުވި ނަމަވެސް އެއީ އޭގައި މާ ބޮޑު ރަސްމީ ސިފައެއް ޖެހި ގައުމުގައި ރާޒުވާ މަނާކުރުން ފަދަ ކަމަކަށް ބާރު ދޭނެ ފަތުވާއެއް ނޫނެވެ. ބޮޑަށް އެ ފަތުވާ ނެރުއްވީ ނަސޭހަތެއްގެ ގޮތުގަ އެވެ.