ދުނިޔެ

އދގެ އާންމު މަޖިލީހަށް 3.4 ބިލިއަން ޑޮލަރުގެ ބަޖެޓެއް

އދގެ އާންމު މަޖިލީހުން 2023 ވަނަ އަހަރަށް 3.39 ބިލިއަން ޑޮލަރުގެ ބަޖެޓެއް އަންދާޒާކޮށް ފާސްކޮށްފި އެވެ.

ޖެނެރަލް އެސެމްބްލީގެ 76 ވަނަ ސެޝަންގެ ރައީސް، އަބްދުﷲ ޝާހިދުގެ ތަރުޖަމާނު ޕައުލީނާ ކުބިއާކް މީޑިއާތަކަށް މިކަން ވަނީ ކަށަވަރުކޮށް ދެއްވާފަ އެވެ.

އދގެ އާންމު މަޖިލީހުގައި މިހާރު ހިނގަމުން ދަނީ 77 ވަނަ ސެޝަނެވެ. ރައީސަކީ ހަންގޭރީގެ ޗަބާ ކްރޫސީ އެވެ.

ޕައުލީނާ ކުބިއާކް ވިދާޅުވި ގޮތުގައި 2023 އަށް ބަޖެޓް ފާސްކޮށް ހޭދަކުރަން ހުރި ދާއިރާތަކާ މެދު ބަހުސް ކުރެވެމުންދާ ވާހަކަ އަކީ ތެދެކެވެ. އޭނާ ވިދާޅުވި ގޮތުން ބަޖެޓުގެ ޖުމުލަ އަދަދަކީ 3،396،308،300 ޑޮަލަރެވެ.

މި އަދަދު 2022 ގައި އޮތީ 3.12 ބިލިއަން ޑޮލަރުގަ އެވެ.

އދ އިން އަންނަ އަހަރަށް ރެކޯޑް އަދަދަކަށް އިންސާނީ އެހީ ދިނުމަށް ޑިސެމްބަރު މަސް ފެށުނުއިރު ވަނީ ކަނޑައަޅާފަ އެވެ.

އދ. އިން ބުނާ ގޮތުން މިއަދު ދުނިޔެ އޮތް ހާލަތުގައި ވެސް 230 މިލިއަން މީހުން ހާލުގައި ޖެހި އެހީ ވަނީ ބޭނުންވެފަ އެވެ. ދުނިޔޭގެ 70 ގައުމެއްގައި އދ. ގެ އެހީއަށް ބޭނުންވާ މީހުން ތިބި ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

ގައުމުތަކުގު މެދުގައި އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ސަބަބުން -- ޚާއްސަކޮށް ޔުކްރޭން ހަނގުރާމައިގެ ސަބަބުން ފަގީރުން އިތުރުވެ އާއިލާތަކަށް ހޭދަކުރާނެ ގޮތް ހުސްވެފައި ކިތަންމެ ބަޔަކު ތިބި ކަމަށް އދ. އިން ބުނެ އެވެ.

ނިމިދިޔަ 2022 ގައި ގައުމުތަކުގައި ތިބި ފަގީރުންގެ އަދަދަށް ވުރެ މިހާރު އަންދާޒާ ކުރެވޭ އަދަދު 65 މިލިއަން މީހުން އިތުރުވާނެ ކަމަށްވެސް އދ. އިން ވަނީ ބުނެފަ އެވެ.