ދުނިޔެ

ޗައިނާއަށް އާ ފޮރިން މިނިސްޓަރެއް، ޚާރިޖީ ސިޔާސަތަށް ބޮޑު ބަދަލެއް

އެމެރިކާއަށް މިހާތަނަށް ޗައިނާއިން ކަނޑައަޅާފައި ހުންނެވި އެމްބެސެޑަރު ޝިން ގޭން، ޗައިނާގެ ފޮރިން މިނިސްޓަރުގެ މަގާމަށް ޕްރޮމޯޓް ވެއްޖެ އެވެ.

އެ މަގާމުގައި ކުރިން ހުންނެވި ވާންގް ޔީ މިހާރު ވަނީ ފޮރިން މިނިސްޓަރުގެ މަގާމު ޝިން ގޭންއާ ހަވާލުކުރައްވައި -- ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލްބިއުރޯގެ މަގާމަކަށް ހުސްވެ ވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން ޝިން ގޭން ވިދާޅުވީ ބެއިޖިންގެ ސިޔާސީ އަދި ޑިޕްލޮމެޓިކް ވިސްނުން ބިނާކުރައްވާނީ ޗައިނާގެ ވިސްނުމަށާއި، އިސްނެގުމަށާއި ޗައިނާއަށް ލިބިފައި އޮތް ބާރުގެ މައްޗަށް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝިން އަކީ ރައީސް ޝީ ޖިންޕިންގެ ވަރަށް އަރިސް ބޭފުޅެކެވެ. އެހެންކަމުން އޭނާއަށް ފޮރިން މިނިސްޓްރީގައި އޮންނަ އިޚްތިޔާރާއި ބާރު ކެނޑިނޭޅި ދެމެހެއްޓިފައި އޮވެ އެވެ.

ޝިން ގޭން، 56،އާ ބެހޭ ގޮތުން ބުނެވެނީ ހުށިޔާރު ދޫ ފަސޭހަ އަދި ހުޅަނގުން ޖެހިލުންވާ ބޭފުޅެއް ކަމަށެވެ. މިއީ ޗައިނާގެ ފޮރިން ޕޮލިސީ -- ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭކަމުގެ ނިޝާނެކެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ސަރުކާރުން އަދި މައުލޫމާތެއް ނުދެ އެވެ.

އެމެރިކާގައި ހުންނަވައިގެން ވެސް ޝިން ވަނީ ޗައިނާގެ އެޖެންޑާ އެމެރިކާއަށާއި ހުޅަނގަށް ފާޅުކުރެއްވުމުގައި ޖެހިލުމެއް ނެތި ވާޖިބު އަދާކުރައްވާފަ އެވެ. މި ސަބަބާ ހެދި ހުޅަނގުގެ މީޑިއާތަކަށް ބޭނުންހާ ސުވާލެއް އޭނާއާ ކުރުން ފަސޭހަ ނޫން ކަމަށް ބުނެވެ އެވެ.

ޚަަބަރުތައް ބުނާ ގޮތުން ދުނިޔެ މިހާރު ބަދަލުވަމުންދާ ބާރުމިނުގައި އަދި ގައުމުތަކުގެ މެދުގައި މިހާރު އޮތް ގުޅުމަށް ބަލާއިރު ޝިން ގޭން އަކީ ޗައިނާގެ ފޮރިން މިނިސްޓަރުގެ މަގާމަށް އެންމެ އެކަށީގެންވާ ސަޚުސިއްޔަތެވެ.

ވާންގް ޔީއާ މެދު ވެސް ބުނެވެނީ ކެތްތެރި އަދި ވިސްނުންތެރި ކަމާއެކު މުއާމަލާތް ކުރެއްވި ވަޒީރެއް ކަމަށެވެ. އަދި ހުޅަނގަށް ދޫދޭން ޖެހޭ ވަރަށް ވުރެ ވެސް ބޮޑަށް ދޫދެއްވައި ގުޅިގެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް، ޗައިނާއަށް ލިބިނު އާ ފޮރިން މިނިސްޓަރަކީ ގައުމުތަކަށް އެހާ ފަސޭހަވާނެ ބޭފުޅަކަށް ނުވާނެ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ބެލެވޭ ގޮތުގައި ޗައިނާއިން މި ފެންނަނީ ޑިޕްލޮމެޓިކް އުސޫލުތަަކަށް ބަދަލު ގެންނާނެ ސިފަތަކެކެވެ. އަދި ގައުމުތަކުގެ މެދުގައި އޮތް ގުޅުން އަލުން ހެޔޮވަރުކުރަން ކޮންމެ ގައުމަކަށް ވެސް ޖެހިދާނެ އަލާމާތެއް ކަމަށްވެސް ބުނެވެ އެވެ.