ޑޭވިޑް ކެމަރަން

ނަޝީދު އިނގިރޭސި ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

Jan 23, 2016
1

ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން އާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ނަޝީދުގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވި، އެމަނިކިފާނުގެ ލޯޔަރު ޖެރެޑް ޖެންސާ މިއަދު ވަނީ އެ ބައްދަލުވުމުގެ ފޮޓޯއެއް ޓްވީޓް ކުރައްވައިފަ އެވެ. އަދި ޖެންސާގެ އިތުރުން އެމަނިކުފާނުގެ ބޭރު ވަކީލުންގެ ޓީމްގައި ހިމެނޭ އަމަލް ކްލޫނީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނަޝީދުގެ އަނބިކަބަލުން ލައިލާ އަލީ ވެސް ބައިވެރިވެ ވަޑައިގެން އެ ބައްދަލުވުން އޮތީ ބޮޑު ވަޒީރުގެ ރަސްމީ ގެ ކޮޅުގަ އެވެ. 

އެ ބައްދަލުވުމާ ބެހޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތް މަގުމަތީގައި، ލަންކާގެ ކޮލަމްބޯގައި މަޑު ކުރައްވައި އެ ތަނުގައި ތިއްބަވާ ޔޫރަޕްގެ މިޝަންތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރެއްވި އެވެ.

ޓެރަރިޒަމްގެ ކުށުގައި ޖަލަށްލާފައިވާ ނަޝީދު ބޭސް ފަރުވާއަށް ބޭރަށް ދިޔުމަށް ހުއްދަ ދިނީ 30 ދުވަހަށެވެ. އަދި އެއަށް ވުރެ ގިނަ ދުވަސް ވާނަމަ، ޑޮކްޓަރުގެ ސިޓީތަކާ އެކު އެކަން ސަރުކާރަށް އަންގަން ޖެހެ އެވެ. ނަޝީދު ބޭރަށް ފުރުމުގެ ހުއްދަ ދިނީ ކުރީގެ ވަޒީރުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުންނެވެ.