ރައީސް މުހައްމަދު ނަޝީދު

ދިވެހިންނަށް ދެން އޮތީ ފާގަތި ދުވަސްތަކެއް: ނަޝީދު

ކުރިއަށް އޮތް ދުވަސްތަކަކީ ދިވެހިންނަށް ފާގަތި ދުވަސްތަކަކަށް ވާނެ ކަމަށް ޖަލުގައި ހުންނެވުމަށްފަހު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ސިޔާސީ މަސައްކަތްޕުޅު ފައްޓަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ. ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ދަނީ ޓްވީޓްތައް ކުރައްވަމުން ކަން ފާހަގަކޮށްލެވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކެމެރަންއާއެކު އިށީދެވަޑައިގަތުމުގެ ފުރުސަތު ލިބުމުން އުފާކުރައްވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކަކީ ދިވެހި ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް ކަމަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ނަޝީދު ބޭސްފަރުވާއަށް ދޫކޮށްލުމުން ގައުމުތަކުން ގެންދަނީ ދިވެހި ސަރުކާރަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން އިންޑިއާ، އިނގިރޭސިވިލާތް އަދި އެމެރިކާއިން ވަނީ ސަރުކާރަށް މަރުހަބާ ކިޔާފައެވެ. އަދި މީގެ އިތުރުން ކޮމަން ވެލްތު ފަދަ ޖަމިއްޔާތަކުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. ބޭސްފަރުވާއަށް ފަހު ނަޝީދު ރާއްޖެ ވަޑައިގެން ޖަލު ހުކުމުގެ ބާކީ ބައި ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ނަޝީދުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓްގައި ވަނީ ނަޝީދުގެ ފަރާތުން އިލްތިމާސް ކޮށްފަ އެވެ.

އޮޕަރޭޝަނަށް ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 30 ދުވަހެވެ. އަދި އެއަށް ވުރެ މުއްދަތު އިތުރު ކުރަން ބޭނުން ނަމަ ޑޮކްޓަރުގެ ސިޓީއެއް ހުށަހެޅުމުން މުއްދަތު އިތުރުކޮށްދޭނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ބޭސްފަރުވާއަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާއިރު މިކަމާ ގުޅިގެން ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ، ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނެ ކަމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.