މިދިޔަ ހަފުތާގައި ކ. މާފުށިން ފުލުހުން ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާކޮށް، ބަރަހަނާ ކުރިކަމަށް އިނގިރޭސިވިލާތުގެ ފަތުރުވެރިޔާ ތުހުމަތުކޮށްފި އެވެ.
ޒުވާން އަންހެން ފަތުރުވެރިޔާ، ފުލުހުން ހައްޔަރުކުރީ މާފުށީގެ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއްގައި އުޅެނިކޮށެވެ. އޭނާ ނިވާ ކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ވަނީ ގަދަކަން ދައްކައި ފުލުހުންނަށް ހުރަސް އަޅާފަ އެވެ. އެހެންވެ ފުލުހުން އޭނާ ހައްޔަރުކުރީ ގަދަކަމުންނެވެ.
ޖެހިގެން އައި ދުވަހު ރާއްޖޭން ފުރައިގެން ގޮސްފައިވާ، ސިސީލިއާ އިނގިރޭސި ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި އޭނާގެ ގައިގައި ތަޅައި، އަނިޔާ ކުރި ކަމަށެވެ. އަދި ބަރަހަނާ ކޮށްގެން އޭނާގެ ހަށިގަނޑު ބަލައި ފާސް ކުރިކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފައި ވެއެވެ.
"އަހަރެން ހީކުރީ އަހަރެން ރަހީނު ކުރަން އުޅެނީ ކަމަށް. އަދި އަހަރެން ޒަހަމްވެ، ރަނގަޅަށް ނޭވާ ނުލެވިގެން އުޅެނިކޮށް އެމީހުން [ފުލުހުން] އަހަރެންގެ ގައިގައި އަތްލާން ފެށީ،" ސިސީލިއާ ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ފުލުހުން އޭނާ މަރާލާނެ ކަމުގެ ބިރުވެސް ހީވި ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެ ސް ވަނީ އެ ފަތުރުވެރިޔާގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.
ނަމަވެސް، އަންހެން ފަތުރުވެރިޔާގެ އަމަލު ހުރި ގޮތުން މާފުށީގެ ރައްޔިތުންގެ ވަރަށް ބޮޑު ނުރުހުމެއް އޮތެވެ. އޭނާ އެ ވަގުތު ހުރީ މަސްތުގެ ހާލަތުގަ އެވެ. އަދި އޭނާއާއެކު ޗުއްޓީ ހޭދަކުރަމުން ދިޔަ ފިރިހެން މީހާ މާރާމާރީ ހިންގި ކަމަށް ވެސްވެ އެވެ.
މާފުށީ ފުލުހުންގެ ސްޓޭޝަނުގައި އިރުކޮޅަކު ފަތުރުވެރިޔާ ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލި އެވެ. ރާއްޖެއިން އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.