އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް އެ ގައުމުގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ލިބުމާ އެކު އެ ގައުމުގެ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވި ޑޭވިޑް ކެމަރަންއަށް އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ކާމިޔާބީއަށް އެދިވަޑައިގެންފި އެވެ. ބޮޑު ވަޒީރުގެ މަގާމުން ކެމަރަން މިއަދު ވަނީ ވަކިވެވަޑައިގެންފަ އެވެ.
މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދަކީ ޑޭވިޑް ކެމަރަންއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެގޮތުން ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު ވެސް ރައީސް ނަޝީދު އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ ކެމަރަންއާ އެވެ. އަދި ރައީސް ނަޝީދުގެ ސިއްހީ ކަންކަން ވެސް ބަލަހައްޓަވަމުން ގެންދަވަނީ ކެމަރަން ލަފާ ދެއްވި ޑޮކްޓަރެކެެވެ.
ރައީސް ނަޝީދު ކުރެއްްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކެމަރަންއަށް ކާމިޔާބީއަށް އެދޭ ކަމަށާއި ކެމަރަންއަކީ އެމަނިކުފާނިގެ ގާތް އެކުވެރިއެއް ކަމަށެވެ. އަދި ރާއްޖޭގެ ދިމަކުރާތީ ނިޒާމުގެ ބައިވެރިއެއް ކަމަށެވެ.
ކެމަރަން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ދެ ބޭފުޅަކު ވަނީ ވާދަކުރައްވާފަ އެވެ. ނަމަވެސް އެއް ކެނޑިޑޭޓް ކަމަށްވާ އެންޑްރޭ ލީޑްސަމް ވަނީ އިއްޔެ އެ ރޭހުން ވަކިވެވަޑައިގަންނަވާފަ އެވެ. އެހެންކަމުން އެ ގައުމުގެ ބޮޑު ވަޒީރުގެ މަގާމާ ދެން ހަވާލުވެވަޑައިގަންނަވާނީ ޓްރީސާ މޭ އެވެ.