ޑޭވިޑް ކެމަރަން

ބައެއް ދިވެހިންނާ މެދު ފިޔަވަޅު އަޅަން ވިސްނަން: ކެމަރަން

Jan 27, 2016
2

ރާއްޖޭގައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްނުލާ ނަމަ، ރާއްޖޭގެ ބައެއް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ މެދު ވިސްނާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އަމަލުތައް ހުރި ގޮތުން ފިޔަވަޅު އަޅަން ނުވިސްނަންތޯ، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޖޯން ގްލެން އެ މަޖިލީހުގައި ބޮޑު ވަޒީރު ކެމަރަންއާ މިއަދު ސުވާލު ކުރެއްވުމުން ވިދާޅުވި ކަމަށް ރޮއިޓާޒް ނިއުސް އެޖެންސީ އިން ބުނީ، ރާއްޖޭގައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލަން ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ނަމަ، އެކަމާ ގުޅުން ހުރި ދިވެހިންނާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ވިސްނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

"ސިޔާސީ ކުށްވެރިން މިނިވަންކުރާނެކަން ޔަގީންވާ ފަދަ ބަދަލެއް ރާއްޖެ އިން ފެންނަން އެބަ ޖެހޭ. އިތުރު ކުރިއެރުމެއް ރާއްޖެ އިން ނުފެންނަ ނަމަ ބައެއް މީހުންނާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމާ މެދު ވިސްނާނަން،" ކެމަރަން ވިދާޅުވި ކަމަށް ރޮއިޓާސްގައިވެ އެވެ. 

ތޭރަ އަހަރުގެ ޖަލު ހުކުމެއް ފުރިހަމަ ކުރައްވަމުން ގެންދެވި ނަޝީދު މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ކަމަށް ވިދާޅުވެ މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އަދި ޑޭވިޑް ކެމަރަން ވަނީ ނަޝީދާ އެކު އެމަނިކުފާނުގެ އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ. ކެމަރަން އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އެ ގައުމުން ރާއްޖެއަށް ޕްރެޝަރުތައް ކުރިމަތި ކުރާނެ ކަމަށެވެ. އަދި ކޮމަންވެލްތް މެދުވެރިކޮށް އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުގައި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީއާ ރައީސް ނަޝީދާ ދެމެދު ވަރަށް ގާތްގުޅުންތަކެއް އޮވެ އެވެ.