ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި މި ހިދުމަތް ދެމުންދާ އެމްޓީސީސީއަށް "ސްޓްރެޓެޖިކް ބައިވެރިއެއް" ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ އެންމެ އުތުރުގެ ތިން އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފާހަގަކުރެވުނު ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ނަޝީދު ވަނީ އުތުރުގައި ފެރީގެ ނިޒާމު ކުރިއަށްދާ ގޮތަށް ތައުރީފް ކުރައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ އާރްޓީއެލް ފެރީގެ ހިދުމަތް ދޭ ކުންފުނި -- އެމްޓީސީސީ އިން ހިދުމަތް ދެނީ ޖުމްލަކޮށް ރަނގަޅަށް ކަމަށެވެ. އަދި ޝައުގުވެރިކަމާ އެކު ރައްޔިތުން ފެރީގެ ނިޒާމު ވަރަށް ބޮޑަށް ބޭނުންކުރާ ކަމަށްވެސް ވިދާޅުވި އެވެ.
އަޅުގަނޑު ވަރަށް ބޮޑަށް ހަނދާން ހުރޭ 2008 ވަނަ އަހަރުގެ އިންތިހާބަށް އަޅުގަނޑު އައި އިރުގައި އަޅުގަނޑު ބުނިން ހަވީރު އައިސްކްރީމު ބޯލަން ލޯންޗަށް އަރައިގެން އަޅުގަނޑުމެންނަށް ދެވޭނެއޭ. އަޅުގަނޑަށް ފެނުނީ ބަލަ ކުޅުދުއްފުށްޓަށް ކާން އެބަ އާދޭނު ކައިރި ރަށްރަށުން. ހަމައެކަނި ޑިނާއަށްމުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
ފެރީގެ ހިދުމަތް ރަނގަޅަށް ދިން ނަމަވެސް ބައެއް ކަންކަން ހަމަޖައްސަންޖެހޭ ކަމުގައި ނަޝީދު ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ މިހާރު ދުއްވާ ފެރީ ތަކަކީ އަހަރެއްވާއިރު މަރާމާތު ކުރަންޖެހޭނެ ފެރީތަކެއް ކަމަށެވެ. އެހެންކަމުން ރަށްރަށުގައި ވީހާވެސް އަވަހަށް މަރާމާތު ސެންޓަރުތަކެއް ގާއިމުކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.
"އަބަދު އަބަދު އަބަދު މަރާމާތުކޮށްކޮށް ތިބުން އެއީ ވަރަށް ބޭނުންތެރިކަމެއް. މަރާމާތު ސެންޓަރުތައް އެކިއެކި ރަށްރަށުގައި ގާއިމުކުރެވެންޖެހޭނެ. އަދި މިމަރާމާތު އާންމުކަމެއްގެ ގޮތުގައި ނުކުރެވިއްޖެނަމަ މިނިޒާމު ހުއްޓޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އާރްޓީއެލް ފެރީގެ ނިޒާމު ރަނގަޅަށް ހިންގުމަށްޓަކައި ސްޓްރެޓެޖިކް ބައިވެރިއެއް ހަމަޖެއްސުމަކީ އެމްޓީސީސީއަށް މިނިޒާމަށް ވެސް ލިބޭނެ ފަހި ކަމެއް ކަމަށެވެ. މީގެއިތުރުން ކާގޯ ނުގެންދެވޭ މައްސަލައާއި ޓިކެޓް ނަގަންޖެހޭ ގޮތާއި އަދި ޓިކެޓް އަގާ މިފަދަ ބައެއް ކަންކަން ރަނގަޅުކުރަން ހުރި ކަމުގައިވެސް ވިދާޅުވި އެވެ.
ރަށު ބަންދުން ވީއްލާ ދިނުމަކީ އެމްޑީޕީ އިން 2008 ވަނަ އަހަރުވެސް ވެރިކަމަށް އައި އިރު ވީވައުދެއް ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެމްޑީޕީގެ ސިޔާސަތަކީ އެއްފަސްކުރުމުގެ ބަދަލުގައި ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލުން ކަމުގައިވެސް ވިދާޅުވި އެވެ. އަދި ފެރީގެ ނިޒާމު ރަނގަޅަށް ދިއުމަކީ އުފަލެއް ކަމުގައިވެސް ވިދާޅުވި އެވެެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ފެރީގެ ނިޒާމު ފެށި އެވެ. ނަމަވެސް އެ ނިޒާމު އޭރު ރަނގަޅަކަށް ނުހިނގި އެވެ. ފަހުން އެ ކުންފުނިތައްވީ ވެސް ދައުލަތަށް މާލީ ބުރައަކަށެވެ. ބައެއް ކުންފުނިތައް ވަނީ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާވެސް ކޮށްފަ އެވެ.
ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް
- ފުރަތަމަ ޒޯން: ހއ | ހދ | ށ
- ދެވަނަ ޒޯން: ނ | ރ | ބ | ޅ
- ތިންވަނަ ޒޯން: ކ | އއ | އދ | ވ
- ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
- ފަސްވަނަ ޒޯން: ގއ | ގދ
- ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
ގައުމީ ފެރީ ނިޒާމު ރަސްމީކޮށް ފެށީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. މިވަގުތު މިހިދުމަތް ދެނީ ހއ، ހދ، ށ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގަ އެވެ.
ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.