ލައިފްސްޓައިލް

އިކިއާ ފިހާރައެއް ތެރޭ ހުއްޓާ ހިތް ހުއްޓުނު މީހެއްގެ ފުރާނަ ސަލާމަތްވީ ނަސީބުން

ހިތް ހުއްޓިގެން އިންޑިއާގެ ބެންގަލޯރުގައި ހުންނަ އިކިއާ ފިހާރައެއްގެ ތެރެއަށް ވެއްޓުނު މީހެއްގެ ފުރާނަ ސަލާމަތްކުރުމުގައި ޑޮކްޓަރަކު އެހީތެރިވެދީފަ އެވެ.

މި މަންޒަރުގެ ވީޑީއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.

މި ވީޑިއޯ ނަގާފައިވަނީ ރޯހިތު ޑާކް ކިޔާ މީހެކެވެ. ރޯހިތު އަކީ ހިތް ހުއްޓިގެން ވެއްޓުނު މީހާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކޮށްދިން ޑޮކްޓަރުގެ ދަރިއެކެވެ.

"އަހަރެންގެ ބައްޕަގެ މަސައްކަތުން މީހެއްގެ ފުރާނަ ސަލާމަތް ވެއްޖެ. އަހަންނާއި ބައްޕަ ބެންގަލޫރޫގައި ހުންނަ އިކިއާ ފިހާރަ ތެރޭގައި ތިއްބާ ކުއްލިއަކަށް މީހަކަށް ހާޓް އެޓޭކެއް ޖެހިގެން ވެއްޓުނީ. އެ މީހާ ވެއްޓުނު ގޮތަށް ގައިގައި ވިންދުވެސް ނެތި އޮތީ. ބައްޕަ އެމީހާގެ ހިތް ހިނގާތޯ 10 ވަރަކަށް މިނިޓް ވަންދެން ސީޕީއާރް ދިން ފަހުން އެމީހާއަށް ނޭވާ ލެވޭގޮތްވީ. އޭނާއަށް ހާޓް އެޓޭކެއް އައި ވަގުތު ކައިރީގައި އޯތޯޕީޑިކް ސާޖަން އަކަށް ހުރެވުނީ އެމީހާގެ ނަސީބުގަދަކަމުން ކަމަށް ބުނެވޭނީ،" ރޯހިތު ކުރި ޓުވީޓްގައި ލިޔެފައި ވެއެވެ.

ވީޑީއޯގައި ފެންނަނީ އިކިއާ ފިހާރަ ތެރޭގައި ފިރިހެނަކު ވެއްޓިފައި އޮއްވަ އެވެ. އަންހެނަކު އެ މީހާގެ ބޯ އޭނާގެ އުނގުމަތީގައި ބައިންދައިން ބިންމަތީގައި އިށީނދެ އިނެވެ. ހާޓް އެޓޭކް ޖެހި ވިންދު ވެސް ނުޖަހާތީ ޑޮކްޓަރަކު ވަރަށް ބުރަކޮށް އެމީހާގެ ހިތް ހިނގާތޯ މަސައްކަތް ކުރަމުން ދިޔަތަން ވީޑިއޯގައި ފެނެ އެވެ.

މި ވީޑިއޯ ބަލާފައި ވަރަށް ގިނަ މީހުން ޑޮކްޓަރަށް ވަރަށް ތައުރީފުކޮށްފައި ވެއެވެ. އަދި ސީޕީއާރް ދޭން ދަސްކުރުމުގެ މުހިއްމުކަން ވެސް ވަރަށް ގިނަ މީހުން ފާހަގަ ކުރި އެވެ.

ވީޑިއޯ އަށް ކޮމެންޓުކުރި އެހެން މީހަކު ބުނީ ސްކޫލް ކުދިންނަށް ސީޕީއާރް ދޭނެ ގޮތުގެ ތަމްރީނު ދޭން ފެންނަ ކަމަށެވެ.