މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ އެޕިސޯޑަށް ކެތްމަދުވެ އެންމެން ފޫގަޅައިގެން ތިބިއިރު ޝޯގެ ޕްރޮޑަކްޝަން ޓީމުން އަންގަނީ މިރެއަކީ ޕްރިމިއާ ނައިޓަށް ވުރެން ވެސް ފޯރި އަދި ޒުވާބު ވެސް ގަދަވެގެންދާނެ ރެއެއް ކަމަށެވެ. އެގޮތުން ބުނެވޭ ގޮތުގައި މިރޭ އެންމެ ބޮޑު ކުރިމަތިލުމެއް ހިނގާނީ ޝޯގެ "އިންސްޓެންޓް ހިޓަކަށް" ބަދަލުވެފައިވާ ޖަޖު އައްމަޑޭ އާއި އޮޑިޝަންގެ ބައިވެރިޔަކާ ދެމެދު އެވެ.
ރޭގެ އެޕިސޯޑުން އަހަރެމެންނަށް އައްމަޑޭގެ ސަމާސާ އަދި މަޖާ ފަޅިއެއް ފެނިގެން ދިޔަ ނަމަވެސް މިރޭގެ އެޕިސޯޑު ކެކި ބޮކިޖަހާނީ އައްމަޑޭގެ ހޫނު ހަމަލާތަކަކުން ކަމަށް ޕްރޮޑަކްޝަން ޓީމުން އަންގަ އެވެ. ނަމަވެސް އައްމަޑޭ އެވަރަށް ރުޅިގަދަވެ ޝޯގެ ބައިވެރިޔަކަށް "ހަމަލާ" ދޭން ޖެހޭ ސަބަބެއް ބުނަން ޓީމުން ބޭނުމެއް ނުވެ އެވެ.
"މިރެއަކީ އަސްލު ވަރަށް ހާއްސަ ރެއެއް. ސަބަބަކީ ރެއަށް ވުރެ މާ ޓެލެންޓެޑް ކުދިންތަކެއް ފެނިގެންދާނެ. ރޭގައި ފެނިގެން ދިޔަ ކުދިންގެ ވާހަކަތަކަށް ވުރެ މާ ހިތްގައިމު ވާހަކަތަކެއް އަދި އިމޯޝަނަލް ސްޓޯރީތައް ވެސް ހިމެނޭނެ. ވަކިން ހާއްސަކޮށް އަންހެން ކުދިންގެ ބާރު މިރޭގެ އެޕިސޯޑްގައި ގަދަވާނެ،" މޯލްޑިވިއަން އައިޑޮލްގެ ޕީއެސްއެމް ޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން ޝޯގެ ކޯ ޑައިރެކްޓަރެއް ކަމުގައިވާ މުޖުތަބާ ރަޝީދު (މުޖޫ) މިއަދު ވިދާޅުވި އެވެ.
"މީގެ އިތުރުން ޖަޖުން ޕެނަލްގެ އައްމަޑޭ އާއި އޮޑިޝަންގެ ބައިވެރިޔަކާ ދެމެދު މިރޭ ވަރުގަދަ ޒުވާބެއް ވެސް އެބައުޅޭ. ޖަޖުންގެ އަރާރުމެއް މިރޭގެ ޝޯގައި އެބައުޅެއެކޭ ވެސް ނުވަތަ ނެތެކޭ ވެސް ބުނާކަށް ނެތިން. ބައެއް ކަންތައްތައް ސަޕްރައިޒަކަށް ދޫކޮށްލަން ބޭނުންވަނީ،."
މުޖޫ ބުނީ މިރޭގެ ޝޯގައި ޑޭވިޑް ބެކަމްއާ ނިކަން ވައްތަރު ކަމަށް ދައުވާކުރާ ފަރާތަކާއި ބޮލީވުޑްގެ ސުޕަސްޓާ ޝާހުރުޚާންއާ ވައްތަރުކަމުން އޮޅޭ ވަރުގެ ބައިވެރިޔަކު ވެސް ފެނިގެންދާނެ ކަމަށެވެ. މީގެ އިތުރުން އައްމަޑޭގެ "އަގުބޮޑު ބޯ ޓައީ" ބެހުން ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"މިރޭގެ ޝޯ އިން ވެސް އައްމަޑޭގެ ޓައީ ކޮންމެވެސް އެއް ލަވަކިޔުންތެރިޔަކަށް ލިބޭނެ ކަމަށް ވަނީ. އައްމަޑޭގެ ޓައީ ލިބޭ ކުއްޖަކީ އެ އެޕިސޯޑެއްގައި ޖަޖުންގެ ފެވަރިޓެއް ކަމަށް ވެސް ބައެއް މީހުން ބުނޭ،" މުޖޫ ވިދާޅުވި އެވެ.
މިރޭގެ ޝޯއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މުޖޫ ވިދާޅުވީ އެއް ޝޯ އަށް ވުރެ އަނެއް ޝޯ ދާނީ ހުރިހާ ގޮތަކުން ވެސް ފުރިހަމަވަމުން ކަމަށެވެ. އެގޮތުން މިރޭގެ ޝޯގެ ރަހަ އާއި ކުލަތައް މާ ގަދަވާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ހިނި އަންނަ، ރުޅި އަންނަ ދެރަވާ ޝޯއަކަށް ހަދަން އެބަޖެހޭ. އެހެންވީމަ މުޖުތަމައުގެ ހުރިހާ ކުލައެއް ވެސް މި ޝޯގައި ޖެހިގެންދާނީ. އަޅުގަނޑުމެން ކުރިން ވެސް ފާހަގަކޮށްލާފައިވާ ގޮތަށް މިއީ މަންމަ އަށް ވެސް ދަރިފުޅަށް ވެސް އަދި މާމަ އަށް ވެސް ބެލޭނެ ފެންވަރަށް އުފައްދާފައިވާ ޝޯއެކޭ،" ކްރިއޭޓިވް ޑައިރެކްޓަރު މުއާވިއަތު އަންވަރު އާއި ކޯ ޑައިރެކްޓަރު އައިޝަތު އަޒްމާއާ އާއި އަދިވެސް އެތައް ހުނަރުވެރިންތަކަކާ އެކު މަސައްކަތްކުރަމުން އަންނަ މުޖޫ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކޮންމެ އެޕިސޯޑަކުން ފާހަގަކުރެވޭ ނުވަތަ ހޮވާލެވޭ ފަރާތްތަކުގެ އާދަޔާހިލާފު ވާހަކަ އެންމެ އެޕިސޯޑަކުން ނިމުނީކަމަށް ބެލުންތެރިން ގަބޫލުކޮށްގެން ނުވާނެ ކަމަށާއި ސިލްސިލާއެއްގެ ގޮތުގައި ޝޯ ކުރިއަށްދާއިރު ސަޕްރައިޒްތަކާއި ވާހަކަތައް ވެސް ދާނީ އެގޮތަށް ޗޭނަކުން ގުޅެމުން ކަމަށެވެ.
"ދެން ބައެއް މީހުން ހިތަށް އަރައިފާނެ ކީއްވެގެންހޭ ހޮވުނު ވަކި މީހެއްގެ ސްޓޯރީ އެއްކޮށް ނުދެއްކީ. މި ޝޯ އަކީ ބޮޑު ސިލްސިލާއަކަށް ދެމިގެންދާ ޝޯއެއް. އެހެންވީމަ އެގޮތަށް ފާހަގަކުރެވޭ އެތައް ހުނަރުވެރިއެއްގެ ވާހަކަ ވެސް ދިގުދެމިގެން ހިނގައިދާނެ،" މުޖޫ ކިޔައިދެއްވި އެވެ.
"ގޯލްޑެން ޓިކެޓް ލިބޭ ހުރިހާ ކުދިންނަށް ސްކްރީން ޓައިމް ވެސް ނުދެވިދާނެ. އެއީ މި ފްރެންޗައިޒްގައި ހުރިހާ ގައުމެއްގައި ވެސް ކުރިއަށް ގެންދާގޮތް. ގޯލްޑެން ޓިކެޓް ލިބޭ ކުއްޖެގެ ނިކަން ކުޑަކުޑަ ފެނިލުމެއް ޝޯގައި ހިމަނަފާނެ."
ޝޯ އަށް އޮހުނު ތައުރީފާއި ފާޑުކިޔުމަށް ޕްރޮޑަކްޝަން ޓީމުން ބުނަނީ ކީކޭ؟
"މި ޝޯގެ ފުރަތަމަ އެޕިސޯޑް ރޭގަ އެ ނިމިގެން ދިޔައީ. ޕޮޒިޓިވް ކޮމެންޓާއި ނެގެޓިވް ކޮމެންޓް ދިން ފަރާތްތަކަށް ވެސް އަޅުގަނޑުމެން ޝުކުރު އަދާކުރަން،" ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން މުޖޫ ވިދާޅުވި އެވެ.
"އެނގުނު އެއްޗަކީ، ރާއްޖޭގައި މި ޝޯއެއް ދައްކަން ފެށި ހިސާބުން ފެށިގެން މި ނޫން ވާހަކައެއް ބަޔަކު މީހުން އެގަޑީގައި ނުދައްކާކަން. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޕްލަސް ޕޮއިންޓެއް"
"ކުރިން ވެސް އަޅުގަނޑުމެން ބުނިން މިއީ ދިވެހިން އުފައްދާ ދިވެހިންގެ 100 ޕަސެންޓް މަސައްކަތެކޭ. ދިވެހިން ފަހުރުވެރިވާނެ. އެހެންވީމަ މި މަސައްކަތާ އެކު އަޅުގަނޑުމެންނަށް ވަކި ހާއްސަކޮށް އަޅުގަނޑުމެންގެ ނަމަށް [ޕީއެސްއެމް] އަށް ލިބިގެން ދިޔަ ރީތި ނަން ވަރަށް ބޮޑަށް ފާހަގަކުރަން."
އާންމުން އަދި ސޯޝަލް މީޑިއާގައި އާންމުކޮށް ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު ވެސް ޝޯ ކަމުނުގޮސްގެން ސީދާ ޝޯ އަށް އަމާޒުކޮށް އެއްވެސް ބަޔަކު ވާހަކަ ދައްކާފައެއް ނެތްކަން ކޯ ޑައިރެކްޓަރު ފާހަގަކުރެއްވި އެވެ.
"އެކަމަކު ވަކި މީހަކާ ދިމާލަށް ނުވަތަ ޕާސަނަލީ އެކި މީހުންނަށް ޒާތީ ގޮތުން ކޮމެންޓް ދީފައި އެބަހުރި. އެއީ އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނޫން."
އެއަށް ފަހު މުޖޫ ވިދާޅުވީ ބައެއް މީހުންނަށް ޝޯގައި ގޯލްޑެން ޓިކެޓް ނުލިބިގެން ބައެއް ބެލުންތެރިން ޝަކުވާކުރިޔަސް ހަގީގަތް ވަރަށް ސާފު ކަމަށެވެ.
"ޝޯގެ ޕްރޮޑަކްޝަންގެ ހުރިހާ ކަމެއް ނުވަތަ މަންޒަރެއް އާންމުނަކަށް ނުފެނޭ. ބެލުންތެރިންނަށް މި ފެންނަނީ ކްރީމްކޮޅު. މި ކްރީމްކޮޅު އަޅުގަނޑުމެން މި ގެނެސްދެނީ އާންމުން އޭތި ބަލައިގަންނާނެ އެތައް ގޮތްތަކަކަށް ބަލައި ދިރާސާކޮށްގެން،" މުޖޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބުނެލަން ބޭނުންވެގެން އުޅޭ ވާހަކަ އަކީ އެންމެ ރީތިކޮށް ލަވަނުކިޔުނީމައޭ ނުހޮވޭ ކުދިން ނުހޮވި ކަޓައިގެން އެ ދަނީ. އެކަމަކު އެފަދަ ބައެއް ކުދިންނަށް އަޅުގަނޑުމެންގެ ޝޯގައި ފީޗާޑް ސްޓޯރީ ވެސް ބޭނުންކޮށްފައިވާނެ"
"ޖަޖުންގެ ނިންމުންތަކަށް ޕްރޮޑަކްޝަން ޓީމުން ބާރެއް ނުހިންގާނެ މި ޝޯއަކު. ސަބަބަކީ މި ޖަޖުންގެ ޕެނަލް އެކުލަވާލާފައި މި ވަނީ ދުނިޔޭގެ ފެންވަރުގައި. އެއީ މި ފްރެންޗައިޒްގެ ބެލެނިވެރިޔާ ފްރިމެންޓަލް މީޑިއާ އިން ސީދާ ޔޫކޭ އިން ދިވެހިން ތެރެއިން ބަޔަކު ހޮވާފައި މި ވަނީ އެމީހުން ބޭނުންވާ މިންގަނޑުތަކަކަށް ބެލުމަށް ފަހު."
މި މޭރުމުން ވާހަކަ ދައްކަވަމުން މުޖޫ ވިދާޅުވީ ޝޯ އަށް ލިބުނު ތަރުހީބަކީ ދިވެހިން ފަހުރުވެރިވާން ޖެހޭ ވަރުގެ ފޯރިއެއް ކަމަށެވެ.
"ލިބުނު ކޮމެންޓްތަކަށް ބަލާއިރު ހަމައެކަނި ޕީއެސްއެމް އުފާވާ ކަހަލަ ވާހަކަތަކެއް ނޫން ހުރީކީ. މުޅި ދިވެހި ރާއްޖެ ވެސް ފަހުރުވެރިވާ ވަރުގެ ތައުރީފެއް މި ޝޯ އަށް އޮހިފައި ވަނީ. ދުނިޔޭގެ 20 ގައުމަކުން މި ޝޯގެ ޕްރިމިއާ ބެލި."
ޝޯގެ ޖަޖުން އަދި ބައިވެރިން ފުދޭވަރަކަށް އިނގިރޭސި އާއި ދިވެހި ބަސް އެއްކޮށްލައިގެން ވާހަކަ ދައްކާތީ ފާޑުކިޔުމެއް އަމާޒުވިޔަސް މުޖޫގެ އަތުގައި އޮތް ޖަވާބު ވަރަށް ވެސް ނަލަ އެވެ. މުޖޫ ވިދާޅުވީ އެގޮތަށް ވާހަކަ ދެއްކުމަކީ ޝޯގެ ހައިސިއްުޔަތަށް ބަލާއިރު މައްސަލައެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"މި ޝޯ އަކީ އިންޓަނޭޝަނަލް ބްރޭންޑެއް. އެމެރިކަން އައިޑޮލް ނުވަތަ އިންޑިއަން އައިޑޮލްގެ ސްޓައިލްގައި މި ގެނެސްދެނީ. އެހެންވީމަ މިއީ ހަމައެކަނި ދިވެހިންނަށް ހާއްސަ ޝޯއެއް ނޫން. ދުނިޔެ އަށް ހަދައިދޭ ޝޯއެއް."