މޯލްޑިވިއަން އައިޑޮލް

ފާލިހްގެ އަޑާއި ލަވައާ އަދި ހަޔާތް ވެސް އަސަރުގަދަ!

މަންމަ ނިޔާވިއިރު އަބްދުﷲ ފާލިހަށް 19 އަހަރެވެ. އެއީ ކުއްލި މަރެކެވެ. ސިއްހީ އިންޒާރެއް ދިނުމެއް ނެތި ހިތްހުއްޓިގެން މަރުވީ އެވެ. އެ ދުވަހުން ފެށިގެން ފާލިހްގެ ދިރިއުޅުން ތާ އަބަދަށް ބަދަލުވެގެން ދިޔައީ އެވެ. މަންމައެއްގެ އުނގުގައި ނިދާފައި އޮތް ދިރިއުޅުން އަނެއް ފުށަށް ޖެހުނީ އެވެ.

މިހާރު އެފަހުން ގާތްގަނޑަކަށް ހަތް އަހަރުވީ އެވެ. ނިމިގެން ދިޔަ ހަފުތާ ބަންދަކީ މަންމައާ ވަކިވާން ޖެހުނު ދުވަހު ހިފަހައްޓާލަން ޖެހުނު ފަދަ ޖަޒުބާތުތަކެއްގައި ފާލިހް ޖައްސާލި ހަފުތާ ބަންދެކެވެ. މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑްގެ ޑޭންޖާ ޒޯންގައި މަޑުކޮށްލަން ޖެހުނު ވަގުތު ފާލިހް ސިފަކުރީ އެހާ ވެސް އަސަރުގަދަ ނުވަތަ ފުރާނައާ ކުޅެލި ހިނދުކޮޅެއްގެ ތެރޭގަ އެވެ.

"ހަޔާތުގައި މަންމަ ނިޔާވިފަހުން އައި އެންމެ އިންޓެންސް މޮމެންޓްކޮޅު އެއީ. ޑޮކްޓަރަކު އައިސް ކަށިގަނޑު ޖެއްސި ނަމަ ބުނާނެ ތިއޮތްދަނީއޭ ހިތް ހުއްޓުމަކަށް،" އެ ވަގުތުކޮޅު ފާލިހް ސިފަކޮށްދިނީ މިހެންނެވެ.

ފާލިހްގެ ލަވަކިޔުމުގެ ހަޔާތުގައި އައި އެންމެ "އިންޓެންސް ވަގުތުކޮޅު" އޭނާގެ މަންމައާ ނުވަތަ މަންމަގެ ހަނދާންތަކާ ނުގުޅުވެންވީ އެއްވެސް ސަބަބެއް ނެތެވެ.

"މަންމަ އަކީ ހަމަ ބެސްޓް،" ފަސް ބެއިންގެ އާއިލާއެއްގައި ދެ ވަނަ އަށް އެންމެ ދޮށްޓަށް ހުރި ފާލިހް ބުނީ މިހެންނެވެ.

އޭނާ ބުނާ ގޮތުން އޭނާގެ ކިބައިގައި މިއުޒިކްގެ ޖީންއެއް ހަރުލާފައިވާ ނަމަ އޭގެ ހުރިހާ ޝުކުރެއް ވެސް ހައްގުވަނީ އެ ލޮބުވެތިވި މަންމައަށެވެ.

"މަންމަ އަކީ ވަރަށް މިއުޒިކް މީހެއް. ވަރަށް ލަވަޖެހި މީހެއް. އޭރުގައި ހުންނާނީ ކެސެޓް. ރަފީއު އާއި ކިޝޯރުގެ އަޑު އޭރަކު ގޭތެރެއަކުން ކެނޑިގެނެއް ނުދާނެ،" މަންމަގެ ހަނދާންތައް އާކުރަމުން ފާލިހް ކިޔައިދިނެވެ.

"މެންދުރު ގަޑީގައި ހުންނާނީ ރަފީމެންގެ ލަވަސެޓް އެއްޗެހި ޖަހާލާފައި. ފަހުން ސީޑީ އަށް ބަދަލުވީމަ ގޭތެރޭގައި ހުންނާނެ ބައިވަރު ސީޑީތައް ވެސް."

"ލަވަ ޖަހައިގެން މަންމަ ލަވަކިޔާ އަޑު ވެސް އިވޭނެ އޭރު. އެގޮތަށް މަންމަ އެ ލަވަތައް ޖަހާޖަހާ އަޅުގަނޑުގެ ބޮލަށް ވެސް ވަދެފައި ހުންނަނީ ވަރަށް ބޮޑަށް. އެހެންވީމަ މަސައްކަތުގައި އުޅޭއިރު ވެސް އަޅުގަނޑަށް ވެސް ހުރެވޭނީ އޭގެ ތެރެއިން ކޮންމެ ވެސް ލަވައެއް އަބަދުވެސް ކިޔާލަކިޔާލަ. ކަށީގަ ހިފާފަ ހުންނަ ކަމެއް ލަވަކިޔުމަކީ."

ފާލިހް ބުނީ މަންމައާ ކުއްލި ގޮތަކަށް ވަކިވާން ޖެހުމަކީ ދިރިއުޅުމަށް ނިކަން ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވި ކަމެއް ކަމަށެވެ. އިރުއަރައިގެން އަންނައިރު ގޭތެރޭގަައި މަންމަ އޮންކޮށްލާފައި ހުންނަ ރޭޑިއޯ އިން ހެނދުނު ހެނދުނާ އިވޭ ރޯތޯބޭ ބޮޑުބެރު ލަވަ އާއި އިންޑިއަން ކްލެސިކަލް މިއުޒިކްގެ އަޑު ވެސް ވަރަށް މިސްވި ކަމަށެވެ.

އެކަމަކު އަދި އެއަށް ވުރެ ވެސް ބޮޑު އަސަރެއް ކުރީ ފާލިހް އާއި އޭނާގެ ބޭބެ އަދި ތިން ކޮއްކޮގެ ޒާތީ ދިރިއުޅުމަށެވެ.

"މަންމަ އަކީ އެންމެ ކުޑައިރުއްސުރެން ފެށިގެން އަޅުގަނޑުމެން ފަސް ބެއިންގެ ވެސް ހުރިހާ ކަމެއް ކޮށްދޭނީ މަންމަ. ދެން މަންމަ ނިޔާވުމާ އެކު ޓަސްކިޔާފަ އެ ހުރިހާ ކަމެއް ބަދަލުވީތާ. އޭރު އަޅުގަނޑުމެން ސްކޫލުން އައިސް ޔުނީފޯމް ބާލައިގެން އޭތި ކޮނޑެއްގައި ވެސް އަޅުވާކަށް ނުޖެހޭނެ. މަންމަ އެކަން ވެސް ކޮށްދޭނީ،" ފާލިހް ކިޔައިދިނެވެ.

ކުއްލިއަކަށް މެރީ ވެސްކުރަން ޖެހުނީ، ދަރިއަކު ވެސް ލިބުނީ، ވަރިވެސް ވީ!

ފާލިހްގެ 20 ވަނަ އުފަން ދުވަސް އައީ އެއަށް ވުރެ ބޮޑު ސަޕްރައިޒަކާއި ބުރައެއް ނުވަތަ އުފާވެރިކަމެއް ވެސް ގޮވައިގެންނެވެ. މަންމަ ނިޔާވުމުން ފާލިހަށް ޖެހުނީ ކުއްލި ގޮތަކަށް ކައިވެނިކުރާށެވެ. އެގޮތުން އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާއާ ކައިވެނިކުރީ ބައްޕަ އެކަމަށް އެދި ކިޔާވަރުންނެވެ.

ކައިވެނީގެ ގޮށް ޖެހީ ފާލިހްގެ އުފަން ދުވަހު އެވެ. އެނިވާސަރީ ޑޭޓު ހަރާބުކޮށްލީނޫންހޭ ފާލިހާ ސުވާލުކޮށްލުމުން އޭނާ ޖަހާލީ ލާނެތް ހިނިގަނޑެކެވެ.

"ދެން ސަޅިއެއް ނޫން އެނިވާސަރީ އެ ދުވަހު އައީމަ. އޭރު މާ ފަސޭހައެއް ނޫން. ޚަރަދު ވެސް ކުޑަވާނެ އެއް ނޫން،" ފާލިހް ބުންޏެވެ.

ފާލިހް މިފަދަ ގޮތަކަށް ނުވަތަ ސަމާސާ ރާގެއްގައި މިވާހަކައެއް ކިޔައިދިނަސް އޭނާގެ ދިރިއުޅުގައި ކުޅެނީ "އެކަލަ ރާގެއް ނޫންކަން" އެނގެ އެވެ. ދިރިއުޅުމުން މިހާރު ކިހިނެތްތޯ ސުވާލުކޮށްލުމުން އޭނާ ބުނީ "ދެން އެކަހަލަ ގޮތެކޭ" އެވެ.

"އެކަހަލަ ގޮތަކީ" ކޮބައިތޯ ސުވާލުކުރުމުން ޖަޒުބާތުތަކެއް ބަންޑުންވީ އެވެ.

ފާލިހް ވަޒީފާއަކަށް ނުދެ އެވެ. ޚަރަދުކުރަން ޖެހޭ ތިން އަހަރުގެ ދަރިއަކު އެބަހުއްޓެވެ. ކިތަންމެ ލޯބިން ކައިވެނިކުރިޔަސް ފާލިހް އާއި އޭނާގެ ދަރިފުޅުގެ މަންމަގެ ހިތުގައި މިހާރަކު އެ ލޯތްބެއް ނެތެވެ. ދެ މީހުންގެ ދެމެދުގައިވާ ހަމައެކަނި ބާރަކީ ދަރިފުޅުގެ ބާރެވެ.

ހަގީގަތަކީ ފާލިހްގެ ދިރިއުޅުމުގެ ވާހަކަ އެއްގޮތަކަށް ވެސް "އެކަހަލަ ގޮތެކޭ ކިޔާފައި" ނިންމާލެވެން ނެތް ކަމެވެ. އެކަމަކު ވެސް އޭނާ ބުނީ އެހެންނެވެ.

"ލައިފް ދެން އެކަހަލަ ގޮތެއް. އުނދަގޫވާނެތާ މިހާރު އަހަރެއް މި ވަނީ ޖޮބަކަށް ނުދާތާ ވެސް. އެންމެފަހުން އުޅުނީ އެއާޕޯޓްގައި ސޭފްޓީ އޮފިސަރަކަށް. އޭގެ ކުރިން އުޅުނިން އެއާޕޯޓްގެ މޫވްއެންޕިކްގައި ވެއިޓަރަކަށް ވެސް. އެމްޓީސީސީގައި ޓާމިނަލް އޮފިސަރަކަށް ވެސް އުޅުނިން،" ފާލިހް ކިޔައިދިނެވެ.

އޭނާގެ އެވްރެޖު އާމްދަނީ އުޅެނީ 2000ރ. އާއި 8000ރ. އާ ދެމެދުގަ އެވެ.

"ސްކޫލް ނިންމިތާ ތިން ވަރަކަށް ދުވަސް ތެރޭގައި ވެސް ނުކުތިން ޖޮބަށް. އެއީ ސޭފްޓީ ސާވިސަސް މޯލްޑިވްސް ކިޔާ ތަނެއްގައި ފަޔާ އިންޖިނިއަރަކަށް. އެތަނުގައި އުޅެވުނު ދެ އަހަރާއި ބައި ވަރު،" ކިޔެވުން ވެސް ވަކި ހިސާބަކުން އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުގެންދެވުނު ކަމަށް ބުނެ ވާހަކަ ދައްކަމުން ފާލިހް ކިޔައިދިނެވެ.

ހިޔާލު ވަރަށް މިނިވަން، ވަރަށް މިއުޒިކް އަދި ވަރަށް ފުޓްބޯޅަ

"އެންމެ ކުރިން ވެސް އަޅުގަނޑުގެ އިންނަ ފިކުރަނީ ޖޮބަކަށް ގޮސްގެން ވަކި މީހެއްގެ ދަށުގައި މަސައްކަތްނުކުރުމުގެ ވިސްނުން. އެގޮތަށް ޖޮބެއްގައި އުޅޭ ހިތެއް ނުވޭ. ހުރި ޓެލެންޓަކުން ކަމެއް ކޮށްގެން އާމްދަނީއެއް ހޯދަން ބޭނުންވެފައި ހުރީ އަބަދުވެސް. އޭރުން މަސައްކަތަކަށް ވުރެ ބޮޑަށް އެކަން އެ ވަނީ ކުރާހިތުން ކުރާ ކަމަކަށްތާ. ޖޮބަކަށް ވުރެ ބޮޑަށް ޕެޝަންތާ،" ފާލިހްގެ ހިޔާލުހުރި ގޮތް ބަންޑުންކޮށްލީ މިހެންނެވެ.

ފާލިހް ބުނީ އޭނާ އަކީ އެންމެ ފުރަތަމަ އެއްވެސް ގޮތަކަށް އާންމުންގެ ތެރޭގައި ލަވަކިޔައި އުޅުނު މީހެއް ނޫން ކަމަށެވެ.

"ބާތުރޫމް ސިންގާއެކޭ ބުނެވޭނީ އޭރު އަޅުގަނޑަކީ،" ފާލިހް ބުންޏެވެ.

އެންމެފަހުން އޭނާގެ ލަވަކިޔުމުގެ ހުނަރު ފެނުނީ އެކުވެރިންތަކަކާ އެކު ހެދި ބޭންޑަކަށް ލަވަކިޔާނެ މީހަކު ނުވެގެން ގޮސް އެންމެފަހުން އެ ބޭންޑެއް ވެސް ރޫޅިފައި އޮތްވަ އެވެ. ފާލިހުގެ ހާއްސަ ވައްތަރަކީ އިންޑިއަން ކްލެސިކަލް ލަވަ އެވެ.

"އަބަދު އިވިއިވި ކްލެސިކަލް ލަވަތައް ވަރަށް ރީތި. އަބަދު އިވޭ އެއްޗެއްތާ ކަމުދާނީ ވެސް."

އެކަމަކު އެންމެ ފުރަތަމަ ގިޓާ ކުޅެން ދަސްކޮށްގެން އޭނާ ކުޅުނު ލަވަ އަކީ މެޓަލިކާގެ "ނަތިން އެލްސް މެޓާ" އެވެ. އެކުވެރިންތަކާ އެކު އުފެއްދި ބޭންޑަކީ ވެސް މެޓަލް ލަވަ އަށް ހާއްސަ ބޭންޑެކެވެ. ބޭންޑަށް ކީ ނަމަކީ "ނޮޓޯރިއަސް" އެވެ.

ނަމަވެސް އެ ބޭންޑް ރޫޅި އެންމެފަހުން ފާލިހް ބަދަލުވީ މީހުންނާއި އެކުވެރިންގެ ވެޑިން ޕާޓީތަކުގައި ލަވަކިޔައިދޭ ހުނަރުވެރިއަކަށެވެ. ނުވަތަ އެކުވެރިންގެ ކުދިންތައް ހިތާނުކޮށްގެން އުޅޭއިރު އެމީހުންގެ ތެރޭގައި ލަވަކިޔައި ފޫހިފިލުވައިދޭ ހިތްހެޔޮ އެކުވެރިޔަކަށެވެ.

"ހިތާނީ މޫސުމުގައި ގިނަ ޝޯތައް ކުޅޭނީ ފްރީކޮށް. ގިނައިން އެކުވެރިންގެ ގެތަކުގައި،" ފާލިހް ބުންޏެވެ.

މިއޮތްހާ ދުވަހު އޭނާ ކުރި ކަމަކީ މިއީ އެވެ. އާދައިގެ ޖޮބުތަކުން ދިރިއުޅުން ފޮޅަމުން މީހުންގެ ކައިވެނި ޕާޓީތަކުގަ އާއި ހިތާނު ޕާޓީތަކުގައި ލަވަކިޔައި މީހުން އުފާކޮށްދިނީ އެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑަށް ހޮވުނު ހިސާބުން އޭނާގެ ތުންފަތުގައި ވެސް ދަނީ ހިނިތުންވުމެއް ކުޅެމުންނެވެ.

"މޯލްޑިވިއަން އައިޑޮލްގެ ސަބަބުން ރިސޯޓް މިއުޒިކުން އިތުރު ފުރުސަތުތަކެއް އެބަދޭ ލިބެމުން މިހާރު ވެސް،" މޯލްޑިވިއަން އައިޑޮލްގެ ސަބަބުން ހުޅުވިފައިވާ ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފާލިހް ބުންޏެވެ.

އޭނާ ބުނީ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ނުވަތަ ހަމައެކަނި ކާމިޔާބީއަކީ ވެސް މޯލްޑިވިއަން އައިޑޮލްގެ މި ދަތުރު ކަމަށެވެ.

"އަޅުގަނޑަކީ ހަޔާތުގައި އެއްވެސް ކާމިޔާބީއެއް ލިބިފައި ހުރި މީހެއް ނޫން. ވަރަށް ދުވަސްވެއްޖެ ލަވަކިޔާތާ. އަދި ކިރިޔާ މިއީ ދާއިރާ އިން ލިބުނު އެންމެ ބޮޑު ކާމިޔާބީ. ސްކޫލް ލައިފްގައި ވެސް ހަޔާތުގައި ވެސް އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނެތް. މިފަހަރު އިހްސާސްކުރެވޭ މި ކާމިޔާބީގެ އަސަރު،" ފާލިހް ބުންޏެވެ.

"އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތެއް މި ކުރަނީ. ކުރިން ނުލިބޭ ޕޮޒިޓިވް ފީޑްބެކް މިހާރު އެބަލިބޭ. ވަރަށް އުފާވޭ މީހުންދޭ ސަޕޯޓަށް އަދި ހިތްވަރަށް."

މިހާރު އެންމެން ވެސް ކިޔަނީ ޖިމީއޭ!

ފިލްމީ ދާއިރާ އިން މަޝްހޫރުކަން ހޯދި ޖިމީއަކާ މި ފާލިހެއް ވައްތަރުވެގެން އެ ވާހަކައެއް މޯލްޑިވިއަން އައިޑޮލްގައި ހިލުވާލީ ޖަޖު އައްމަޑޭ އެވެ. އެހިސާބުން ފެށިގެން ފާލިހަށް މިހާރު ވަނީ އެ ނަމެއް ގާތްގަނޑަކަށް ހަރުވެފަ އެވެ.

"ޖިމީއާ ވައްތަރޭ މީހުން ކިޔަން ފެށީ ތިއީ ވަރަށް ފަހުން އައި ކަމެއް އަސްލު. (ޖަޖު) އައްމަޑޭ ތަތްކުރި އެއްޗެއް ތިއީ ބޮޑަށް. އެކަމަކު އޭގެ ކުރިން ވެސް މީހުން ބުނޭ ޖިމީއާ ވައްތަރޭ. ބުނެފަ ހުންނާނެ. އެކަމަކު ވަރަށް މަދުން،" ހެމުންހެމުން ފާލިހް ކިޔައިދިނެވެ.

"މިހާރު ވަރަށް ގިނައިން ކިޔާ ޖިމީއޭ. ޖިމީއޭ ކިޔާފައި ގޮވާލަނީ ވެސް."

"ޖިމީއޭ ނުކިޔައްޗޭ. ދެން މިއީ ޖިމީއެއް ނޫނެއް ނޫން. މިއީ ފާލިހްއޭ!."

** ** **
އެޑިޓަރުގެ ނޯޓް: ގާލާ ރައުންޑަށް ހޮވިފައިވާ އަދި ހޮވޭ ހުރިހާ ލަވަކިޔުންތެރިންގެ ވާހަކަ މިގޮތަށް އަވަސްގައި ފީޗާކުރެވޭނެ އެވެ.