- އޭނާ އަކީ އަލީ ރަމީޒުގެ ނިކަން ބޮޑު ފޭނެއް
- ލަވަކިޔަން ޖެހުނީ ގަދަކަމުން ސްޓޭޖަށް އަރުވައިގެން
- ހުވަފެނަކީ މޯލްޑިވިއަން އައިޑޮލް
"ދޮންތައާ އެކު ވަރަށް ބަލާ ޝޯއެއް އެމެރިކަން އައިޑޮލް އަކީ. އެންމެ ފެވަރިޓް އެއް ޝޯ އޭރު އެއީ. އޭރު ވެސް ހިތަށް އަރާ އެ ޝޯއަށް އަޅުގަނޑަށް އެރޭނެ ނަމައޭ ކޮންމެވެސް ދުވަހަކުން."
އެންމެފަހުން މުހައްމަދު މުއައްޒިމްގެ އެ ހުވަފެން މި ވަނީ ހަގީގަތަކަށް ވެފަ އެވެ. ސީދާ އެމެރިކަން އައިޑޮލް އަށް ނޭރުނު ކަމުގައިވިޔަސް އެ ފްރެންޗައިޒްގެ ޝޯއެއްގައި މިއަދު އޭނާ ވިދައިބަބުޅަމުން ދަނީ އެވެ.
އެހެން ނަމަވެސް އެނގޭ ހެއްޔެވެ؟ މުއައްޒިމް ނުވަތަ މޮޑޭގެ ވަނަމުން ނުވަތަ މޯލްޑިވިއަން އައިޑޮލްގެ ބެލުންތެރިންގެ މެދުގައި "ރޮކްސްޓާ" ގެ ނަމުން މަޝްހޫރުވެފައިވާ 25 އަހަރުގެ މި ޒުވާނާ އަކީ އޭރު ލަވަކިޔައި އުޅުނު އަދި ލަވަކިޔަން ކޮންމެހެން ބޭނުންވި ފަރާތެއް ވެސް ނޫނެވެ. އޭރު އޭނާގެ ގޭގައި އަދި މުޅި މާލެ އަށް ނުވަތަ މުޅި ރާއްޖެ އަށް ވެސް މަޝްހޫރު ލަވަކިޔުންތެރިޔަކަށް ބަދަލުވެފައި ހުރީ އޭނާގެ ދޮންތަ އެވެ.
ސްކޫލް ކުދިންގެ ލަވަމުބާރާތްތަކުގައި އާދަޔާހިލާފު ހުނަރުވެރިކަމެއް ދައްކައިގެން ބޮޑު މަޝްހޫރުކަމެއް ހޯދި މިދުފާ ނައީމް އަކީ މުއައްޒިމްގެ ދޮންތަ އެވެ. ހުރި ހަމައެކަނި ދައްތަ ވެސްމެ އެވެ.
ދައްތަ ލަވަކީއިރަކީ މުއައްޒިމް ލަވަކިޔަން ބޭނުންވި ދުވަސްވަރެއް ނޫނެވެ. އޭނާގެ ލަވަކިޔުމުގެ އާދަޔާހިލާފު ހުނަރު އޭރު އަދި ޑިސްކަވާއެއް ވެސް ނުކުރެވެ އެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ މި މުއައްޒިމެއް ވެސް އޭނާގެ ދައްތައަކަށް ދޫނުކުރާ ފެންވަރުގައި ލަވަކިޔާކަން އެނގުނީ އެމީހުންގެ މަންމަ އާއި ޓީޗަރުން ގަދަކަމުން ގޮސް އޭނާ ސްޓޭޖަށް އަރުވައި ލަވައެއް ކިޔަން މަޖުބޫރުކުރުވި ހިސާބުންނެވެ.
އެ ދުވަހަކީ މުއައްޒިމް ގާތަށް ނިކަން ރުޅިވެސް އައި ދުވަހެކެވެ. އެއްގޮތަކަށް ވެސް ފޮރުވައިގެން އުޅުނު ހުނަރު ބޭރުކޮށްލީމަކާއެއް ނޫނެވެ. ލަވަކިޔުއްވަން ޖެއްސީމަ އެވެ.
"އެންމެ ކުޑައިރު މިއުޒިކް ކުޅޭހިތެއް ވެސް ނުވޭ. މިއުޒިކްގެ އަޑެއް ވެސް ނާހަން. އޭރު ލަވަކިޔުމުގެ ތެރޭގައި އުޅޭނީ ދޮންތަ. އޭރު ދައްތަ އެގޮތަށް ލަވަކިޔާތަން ފެނުނީމަ ހިތަށް އަރަނީ އެއީ އަންހެން ކުދިން ކުރާ ކަމެކޭ ސްޓޭޖަށް އަރައި އެގޮތަށް ލަވަކިޔުމަކީ،" މާ ކުރީގެ ހަނދާނަކުން މުއައްޒިމްގެ ވާހަކަ ފެށީ މިހެންނެވެ.
"އެހެން އުޅެނިކޮށް ލަވަކިޔަން ސްޓޭޖަށް އެރުވީ މަންމަމެން ގަދަކަމުން. އެއީ އިންޓަ ހައުސް ލަވަ މުބާރާތެއްގައި. ޓީޗަރުން ވެސް ބުނެގެން ގަދަކަމުން އެރުވީ ސްޓޭޖަށް ލަވަކިޔަން. ހީވަނީ އެއީ ގްރޭޑް ތިނެއް ނުވަތަ ހަތަރެއްގައިހެން."
އެ ދުވަހު އޭނާ ރުޅިގަދަވެފައި ހުރިވަރުން ލަވަ ދަހެއް ވެސް ނުކުރެ އެވެ. އަދި އެންމެފަހުން ލަވަކީއިރު ހުރީ މޫނު ވެސް ހިސާބަކަށް ކުނިކޮށްލައިގެންނެވެ. އެކަމަކު ވެސް ނުކުތީ އާދަޔާހިލާފު ނަތީޖާއެކެވެ.
"އެފަހަރު އެކަނި ސްކޫލްގައި އުޅެމުން ސްޓޭޖެއްގައި ލަވަކީ ވެސް. ރުޅިއައިސްގެން އެ ލަވައިގެ ލިރިކްސްއެއް ވެސް ދަހެއް ނުކުރަން ސްޓޭޖަށް އަރަން ޖެހުނުއިރު ވެސް. ދެން އެންމެފަހުން ސްޓޭޖަށް އަރަން ޖެހުނީ ލަވަ ލިޔެފައި އޮތް ގަނޑު ހިފައިގެން. ދެން އެ ދުވަހު ލަވަކީ ވެސް ވަރަށް ރުޅިގަދަވެފައި ހުރެގެން. އެހެންކީމަ ވެސް ލިބުނު ތިން ވަނަ،" މުއައްޒިން ކިޔައިިދިނެވެ.
އޭނާ ބުނީ އެގޮތަށް ލަވަކިޔުމަކީ އޭރު ލަދު ގަންނަ ކަމެއް ކަމަށެވެ. އެހެންވެ ސްޓޭޖަށް އަރައި ލަވަކިޔާ ކުދިންނާ އޭނާ ދިމާކުރީ މިހެން ކިޔައިގެންނެވެ.
"އޭރު ލަވަކިޔާހިތެއް ވެސް ނުވާނެ. އެގޮތަށް ލަވަކިޔާ މީހުން ދެކެ ވަރަށް ރުޅިވެސް އަންނާނެ. އެހެން އުޅޭ ކުދިންނާ ދިމާކުރާނީ އެއީ އަންހެން ކުދިން ކުރާ ކަމެކޭ ކިޔާފައި. އެއީ ދޮންތަ ލަވަކިޔާތީހެން ހީވަނީ. ވަރަށް ލަދުގަންނާނެ،" ހިނިގަނޑެއްގެ ތެރެއިން މުއައްޒިން ބުންޏެވެ.
ލަވަކިޔަން ނިންމީ ބޭންޑްގައި ލަވަކިޔާނެ މީހަކު ނެތިގެން!
ދައްތަ މިދުފާ ނައީމް ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ކިތަންމެ ވިދައިގެން ދިޔަ ނަމަވެސް އޭނާގެ ކޮއްކޮގެ ހުނަރުވެރިކަން އެ ސްޓޭޖުން ނުފެނުނު ސަބަބު މިހާރު އެނގިއްޖެއެއް ނޫން ހެއްޔެވެ. ލަވަކިޔަން އޭނާ އޭރު އެއްގޮތަކަށް ވެސް ބޭނުންނުވީ އެވެ. އަދި މިހައި މޮޅަށް ލަވަކީދާނެ ކަމެއް ޚުދު އޭނާ އަކަށް ވެސް އޭރަކު ނޭނގެ އެވެ.
އޭނާގެ މި ޓެލެންޓް އެންމެނަށް ފެނިގެން ދިޔައީ އޯލެވެލްގެ ކިޔެވުމަށް ފަހު ލިބުނު ބްރޭކުގައި އެކުވެރި ކުދިންތަކަކާ އެކު ބޭންޑެއް ހަދައިގެން ލަވަކިޔާނެ މީހަކު ހޯދަން ފެށި ހިސާބުންނެވެ.
"އޭރު އަޅުގަނޑު އުޅުނީ ގިޓާ ކުޅެން. އޭރަކު އަޅުގަނޑަށް ވެސް ނޭނގޭ އަޅުގަނޑަށް ލަވަކިޔޭ ކަމެއް ވެސް،" މުއައްޒިން ބުންޏެވެ.
"ދެން ބޭންޑް ހަދަންވެގެން ވޯކަލިސްޓަކު ހޯދަން އުޅެގެން އެއްވެސް މީހަކު ލިބޭ ގޮތެއް ނުވި. އެއްވެސް މީހަކު ބޭނުމެއް ނުވޭ ލަވަކިޔާކަށް. އޭރު ބޭންޑް ކުޅޭނެ ޝޯއެއް ވެސް ލިބިފައި އޮތީ. ދެން އެންމެފަހުން އަޅުގަނޑު ހިތަށް އެރީ ލަވަކިޔާނީއޭ. އެހެން ހިތަށް އަރުވައިގެން ފެށީ."
އެގޮތަށް ބޭންޑާ އެކު އެންމެ ފުރަތަމަ އޭނާ ފަރިތަކުރި ލަވަ އަކީ އިލް ސައިޓްގެ މަޝްހޫރު "އެހީލުން" ލަވަ އެވެ.
އެއަށް ފަހު އޭނާގެ ލަވަކިޔުމުގައި ބްރޭކެއް ނާދެއޭ ބުނެވިދާނެ އެވެ. ލަވަކިޔުންތެރިޔަކަށް ވުމުގެ ޝައުގުވެރިކަން އައިސް އޭނާގެ ގައިގައި ނިކަން ބާރަށް ބައްދައިގަތީވެސްމެ އެވެ.
"ލަވަކިޔަން ފަށައިގެން ދެން އެންމެ ބޮޑު އިންސްޕިރޭޝަނަކަށް ބަދަލުވީ އަޔަން މެއިޑެންގެ ބްރޫސް ޑިކިންސަން. އޭނަގެ ސްޓައިލަށް ލަވަކިޔަން ބޭނުންވީ. މިކަހަލަ ސްޓައިލަކަށް އޭނަ ވެސް ލަވަކިޔާނީ،" މުއައްޒިން ކިޔައިދިނެވެ.
އޭނާ ބުނީ ބޭންޑެއް ހަދައިގެން އުޅުނު ނަމަވެސް ކުޑައިރުގެ އެ ހިޔާލު ފަހުން ބަދަލުވެ ލަވަކިޔުމާ މުޅިން އެހެން ދާއިރާއަކުން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ވެސް ބޮޑުވި ކަމަށެވެ.
"އޭރު ކުޅޭނީ ޕާޓިތަކާއި ފެމިލީ މީހުންގެ ހަފުލާތަކުގައި. ދެން ފުރަތަމަ ބްރޭކް އައުޓް ފެސްޓިވަލްގައި ކުޅުނިން އަޅުގަނޑުމެން. އެކަމަކު ބޮޑުވަމުން އައި ވަރަކަށް ވިސްނުނީ ރާއްޖޭގައި މިއުޒިކް ކުޅެގެން ނެތޭ މާ ބޮޑު ކަމެއް ކުރެވޭކަށް ހާއްސަކޮށް މެޓަލް މިއުޒިކް ކުޅެގެން. ދެން އެހެންވީމަ މަންމަގެ ޕްރެޝާ ވެސް އައި ކިޔަވަން ދާން. ޖޮބެއް ވެސް ހޯދަން،" ފަހުން މީޑިއާ މާކެޓިންގެ ދާއިރާ އިން ކިޔަވައިގެން ޑިގްރީ ހާސިލުކޮށްފައިވާ ލަވަކިޔުންތެރިޔާ ބުންޏެވެ.
މުއައްޒިން ބުނާ ގޮތުން އޭނާ ލަވަކިޔަން ދަސްކުރީ ބޮޑަށް އަމިއްލަ މަސައްކަތުންނެވެ. އަމިއްލަ އަށް ދިރާސާކޮށްގެންނެވެ. އެކަމަކު އެހެން މީހުންނަށް ވެސް އޭނާގެ ޝުކުރު ހާއްސަވެ އެވެ.
"ޕްރެކްޓިސްކުރާ ގޮތް އެނގުނީ ޝަފީގް ސާގެ ފަރާތުން އެންމެ ބޮޑަށް. އެއީ ދައްތަ މިދުފާ އަށް ލަވަ ދަސްކޮށްދޭން އޭނަ އޭރު ގެންނާނީ ގެއަށް. ދެން އޭނަ ކިޔައިދޭނެ ވޯކަލް އެކްސަސައިޒް ހަދާނެ ގޮތް ވެސް. އޭނަ ކިޔައިދިން ގޮތްތައް އަދިވެސް ބޭނުންކުރަން. އޭނަ ދަސްކޮށްދިން އެއްޗެހި މިހާރު ވެސް ބޮލުގައި ބަހައްޓަން،" މުއައްޒިން ކިޔައިދިނެވެ.
"ދައްތަ ވެސް ވަރަށް ކިޔައިދޭނެ. މިސާލަކަށް އަޅުގަނޑު ލަވަކިޔާ ގޮތަށް ވަރަށް ފާޑުކިޔާނެ. އެއީ އިނގިރޭސިވާތީ މާ ބޮޑަށް. ބުނާނެ ވީހާ ވެސް ދިވެހިކޮށް ލަވަކިޔަން މަސައްކަތްކުރާށޭ. ލަވަކިޔާއިރު އަޑު ރީތިކޮށް ގެންގުޅޭނެ ގޮތްތައް ވެސް ކިޔައިދޭނެ."
"ހީވަނީ ބޮޑަށް އިނގިރޭސި ލަވަކިޔާކިޔާހެން ދިވެހި ލަވަކިޔާއިރު ވެސް އިނގިރޭސި ސްޓައިލްއެއް އެ ހުންނަނީ. ދިވެހި ލަވަ އޭރު ނުވެސްކިޔާނެ އެއްގޮތަކަށް ވެސް. އާންމުކޮށް ޒީރޯ ޑިގްރީގެ ލަވަތައް ކިޔާނީ. އަޔަން މެއިޑެންގެ ލަވަތައް ވެސް ހިތު ދަސްވާނެ. ޕްރެކްޓިސްކުރާއިރު ވެސް ކިޔާނީ އާންމުކޮށް އިނގިރޭސި ލަވަ. އަނެއްކޮޅުން ކިޔަވަން ގޮސް މެލޭޝިއާގައި އުޅުނުއިރު ވެސް ކިޔުނީ އިނގިރޭސި ލަވަ."
އަލީ ރަމީޒުގެ ނިކަން ބޮޑު ފޭނެއް!
މޯލްޑިވިއަން އައިޑޮލްގައި މުއައްޒިން މަޝްހޫރުވެގެން ގޮސްފައި މި ވަނީ ރޮކްސްޓާރެއްގެ ގޮތުގަ އެވެ. އެހެންވީމަ ރާއްޖެ ދުށް އެންމެ މަޝްހޫރު ޕޮޕްސްޓާރު ކަމުގައިވާ އަލީ ރަމީޒާ އޭނާއާ އަޅާކިޔޭކަށް ނެތެވެ. އެހެން ނަމަވެސް މުއައްޒިން ބުނަނީ އަލީ ރަމީޒަކީ އޭނާގެ އެންމެ ބޮޑު އެއް ހިތްވަރު ކަމަށެވެ.
އަލީ ރަމީޒުގެ ރަން ޒަމާނުގައި އޭނާ ފެނިގެން އޭނާގެ އޮޓޯގްރާފް ހޯދަން އުޅުނު ގޮތް ވެސް ކިޔައިދިނެވެ.
"އަޅުގަނޑަކީ އަލީ ރަމީޒުގެ ވަރަށް ބޮޑު ފޭންއެކޭ. އޭރު އޭނާގެ ޝޯއެއް އޮތަސް އޮޓޯގްރާފް ހޯދަން ވެސް ދަން. އެހެން ގޮސްގެން އެއްފަހަރަކު އޮޓޯގްރާފް ވެސް ލިބުނު. އަތުގައި ސޮއިކުރީ ވެސް. ދެން އުޅުނިން އަތް ނުދޮވެވެސް. އެއީ ގެ ކައިރީގައި ބޭއްވި ޝޯއެއް. ކާރުގައި އައިސް ނުކުތްތަނުން އޭނާ ވަށާލައިގެން އޮތް މީހުންގަނޑު ތެރެއަށް ވަދެގެން އޮޓޯގްރާފް ލިބުނީ ވެސް،" ހެމުންހެމުން ގޮސް މުއައްޒިން ކިޔައިދިނެވެ.
"އަލީ ރަމީޒަކީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް."
އަލީ ރަމީޒުގެ ހިތްގައިމުކަމަށް ފަހު މުއައްޒިންއާ ބައްދަލުކުރީ ޒީރޯ ޑިގްރީގެ ހިމޭން ރާގުތަކާއި ދިވެހި ސަގާފީ ބޮޑުބެރުގެ ފޯރި އެވެ.
"ޒީރޯ ޑިގްރީގެ ބޮޑުބެރާ އެއްޗިއްސަށް ވަގުތުން ހަމަ ކްލިކްވެއްޖެ. އަޅުގަނޑަކީ ކުޑައިރުއްސުރެން ފެށިގެން ވެސް ކަލްޗަރަލް ހަރަކާތްތަކަށް ޝައުގުވެރިވާ މީހެއް. ރައިވަރުކިޔުމާއި ޅެން ކިޔުން ފަދަ މުބާރާތްތަކުގައި ބައިވެރިވަން އަބަދުވެސް. ވާހަކަ ކިޔުމުގެ މުބާރާތްތަކުގައި ހުންނާނެ ވަނަ ލިބިފައި،" މުއައްޒިން ބުންޏެވެ.
"ފްލޫ ނާޝިދު އަކީ ވެސް އަޅުގަނޑުގެ ވަރަށް ބޮޑު އިންސްޕިރޭޝަނެއް."
"މައިކަލް ޖެކްސަން އަކީ އަނެއް އިންސްޕިރޭޝަން. އޭނާގެ އާތު ސޯންގްގައި އިންނަ ހައި ތަންކޮޅު އެހާ ހައިކޮށް ކިޔޭތޯ ބަލަން އުޅޭނީ އަބަދު ގޭގައި ހަޅޭލަވަލަވާފަ. ހައި ނޯޓްތަކަށް ޕްރެކްޓިސްކުރުން އޭރު ވެސް ފެށިއްޖެ."
"ދެން އެހެން އުޅެނިކޮށް އަޑުއިވުނީ އަޔަން މެއިޑެން. ރައްޓެއްސަކު ދިން އެ ލަވަތައް. އަޔަން މެއިޑެން އާއި މެގަޑެތުގެ ލަވަތައް. ދެން ލަވަތައް އަޑުއަހާލާފައި އެއްފަހަރުން އެ ލަވަަތައް ސަޅިވެއްޖެ. ދެން ހިތަށް އެރީ، އާނ.. ދިން އިޒް މައި ތިންގްއޭ. ދެން އެމީހުންގެ ވީޑިއޯ ލަވަތައް ވެސް ފެނި އިތުރަށް ޝައުގުވެރިވީ. ދެން އެމީހުންގެ ލަވަތައް އަޑުއަހައިގެން އެމީހުންގެ ރިފްތައް އެކޯސްޓިކްކޮށް ވެސް ކުޅެން ދަސްކުރީ."
އެންމެ ބޮޑު ޑްރީމަކީ އެހެން މީހުންނާ ތަފާތުވުން!
ޝޯގެ މަޝްހޫރު ޖަޖު އައްމަޑޭގެ ހިޔާލުގައި މިހާރު ވެސް މުއައްޒިން އަކީ ވަރަށް ތަފާތު ލަވަކިޔުންތެރިއެކެވެ. ލެމަން ބޭންޑްގެ "ލޯބީގާ" ސްޓޭޖަށް ފަޅާލި ގޮތް ފެނިފައި އައްމަޑޭ އެ ވާހަކައެއް އިއުލާނު ވެސްކޮށްފި އެވެ.
ކޮންމެއަކަސް ޝޯއެއް ކުރިއަށްދާއިރު މުއައްޒިންގެ އެންމެ ބޮޑު ހުވަފެނަކީ ވެސް ތަފާތެއް ދެއްކުމެވެ. ޝޯގެ އެހެން ބައިވެރިންނަށް ވުރެ ތަފާތު ލަވަކިޔުންތެރިޔަކަށްވުމެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އެއް ޑްރީމް އަކީ ތަފާތުކުރުން. އެހެން ބައިވެރިންނާ ވީހާ ވެސް ތަފާތު މީހަކަށްވުން. ތަފާތު ގޮތަކަށް ޕާފޯމް ވެސް ކުރުން،" މުއައްޒިން ބުންޏެވެ.
މީގެ އިތުރުން ވެސް އޭނާގެ ހުވަފެންތަކެއް އެބަހުއްޓެވެ.
"މި މުބާރާތް ކާމިޔާބުކުރެވިއްޖެ ނަމަ އަޅުގަނޑު ބޭނުންވޭ ފިކުރީ މުދާ ވިއްކައިގެން ޕްރޮޓެކްޓްކުރުމުގެ ކަލްޗާއެއް ރާއްޖޭގައި އުފެއްދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ޑްރީމްއެއް. ފިއުޗާ ފެންނަނީ ވަރަށް ބޮޑުކޮށް. ހަމަ ސުޕަސްޓާރެއްގެ ގޮތުގައި ފެންނަނީ. އެގޮތަށް ވިސްނީމަކަން ނޭނގެ ރަނގަޅުވާނީ ވެސް. ދެން އެއްގޮތަކަށް ވެސް ފޮނިވަނީކީއެއް ނޫން،" މުއައްޒިން ބުންޏެވެ.
ޝޯ އިން ލިބޭ އެންމެ ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ސިފަކުރީ މޯލްޑިވިއަން އައިޑޮލް ޕްރިމިއާކުރިއިރު އޭގެ ފުރަތަމަ ބައިވެރިއެއްގެ ގޮތުގައި އޭނާ ފީޗާކުރުމެވެ.
"ޝޯ ޕްރިމިއާކޮށްގެން އޭގެ ފުރަތަމަ ބައިވެރިޔަކަށް ވެސް މި ދެއްކީ އަޅުގަނޑު. އެހެން ދައްކާލީމަ ހިތަށް އެރީ ވަަރަށް ސަޅިއޭ. ކުރީގެ ޑްރީމްއެކޭ އެއީ. އަދި އެންމެ ފުރަތަމަ އަށް ޝޯގައި ދެއްކީމަ. ދަ ފަސްޓް އެވާ ކޮންޓެސްޓަންޓް އޮން މޯލްޑިވިއަން އައިޑޮލް. އެއީ ވަރަށް އުފާވި ކަމެއް."
އެޑިޓަރުގެ ނޯޓް: ގާލާ ރައުންޑަށް ހޮވިފައިވާ އަދި ހޮވޭ ހުރިހާ ލަވަކިޔުންތެރިންގެ ވާހަކަ މިގޮތަށް އަވަސްގައި ފީޗާކުރެވޭނެ އެވެ.