ރާއްޖެ ކުޅިވަރު

ފަރެސް މާތޮޑާ ފައިނަލަށް

ބ. އޭދަފުށި 4-2އިން ބަލިކޮށް، މިނިވަން50 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ގދ. ފަރެސް މާތޮޑާ ދަތުރުކޮށްފި އެވެ.

އައްޑޫ ސިޓީގައި މިއަދު ކުޅުނު މެޗުގައި ފަރެސްމާތޮޑާގެ ފުރަތަމަ ތިން ލަނޑު ޖެހީ ހުނަރުވެރި ފޯވަޑް އީހުސާން އަލީ އެވެ. ފަހު ލަނޑު ޖެހީ މުހައްމަދު ސައީދެވެ.

މެޗަށް ފަހު ފަރެސްމާތޮޑާ ޓީމުން ބުނީ އަމާޒަކީ ފައިނަލް މެޗު ވެސް ކާމިޔާބު ކުރުން ކަމަށާއި ތަށ ހޯދޭނެ ފެންވަރު ޓީމުގައި އެބަހުރި ކަމަށެވެ. މި މެޗު ބަލަން އައްޑު އަށް ފަރެސްމާތޮޑާގެ ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވެ އެވެ.

އޭދަފުށީގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ ބަލިވުމުގެ މައިގަނޑު ސަބަބަކީ ފިޓްނަސް ދަށްވުން ކަމަށެވެ.

"އިއްޔެނޫން އިހަށްދުވަހު ޓީމު މިއައީ އައްޑު އަށް. ދެން މާހައުލަށް ނުހެނުމާއި ބޮޑަށް ފިޓްނަސް ދަށްވެގެން ބަލިވީ. ދެން އަންނާނީ ކުޅެވޭ ދުވަސް ދުވަހާއި ނުކުޅެވޭ ދުވަސްވެސް. މިއަދު މިވީ ނުކުޅެވުނު ދުވަހަކަށް،" ބައްޓޭ ބުންޏެވެ.

މުބާރާތުގެ ފައިނަލުގައި ފަރެސް މާތޮޑާ ބައްދަލުކުރާނީ ސެމީގެ ފަހު މެޗުގައި މާދަމާ އައްޑޫސިޓީގެ ފޭދޫ އާއި ށ. ފޯކައިދޫ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.