ޑްރޯން އުދުއްސުމުގެ ހުއްދަ ދެވޭނެ އެންމެ އުސްމިނަކީ 120 މީޓަރު ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑްރޯން އުދުއްސުމުގެ ހުއްދަ އަށް އެދި ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާ ފޯމު އިސްލާހުކޮށްފައިވާއިރު އެ މިނިސްޓްރީން ބުނި ގޮތުގައި ޑްރޯން އޮޕަރޭޓްކުރަން ބޭނުންވާ ތާރީހުގެ މަދުވެގެން ރަސްމީ ތިން ދުވަސް ކުރިން އެކަމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނެ އެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ޑްރޯން އުދުއްސުމުގެ ހުއްދަ ދިނުމުގައި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ވަގުތު ބޭނުންވެ އެވެ.
ޑްރޯން އުދުއްސުމުގެ ހުއްދައަށް އެދޭ ފޯމް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާއިރު ޑްރޯން އޮޕަރޭޓްކުރާނެ ތަނުގެ ޕޮޒިޝަން އެނގޭނެ ގޮތަށް ސަރަހައްދުގެ ޗާޓެއް ފޯމާއެކު ހުށަހަޅަންޖެހެ އެވެ.
އާބަން ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓްކުރުމަށް ހުއްދަ ދޭނީ 50 މީޓަރުގެ ރޭޑިއަސް އެއްގަ އެވެ. ކަނޑުގެ ސަރަހައްދުގައި ޑްރޯން އޮަޕަރޭޓްކުރުމަށް ހުއްދަ ދޭނީ 150 މީޓަރުގެ ރޭޑިއަސްއެއްގަ އެވެ.
ޑްރޯން އޮޕަރޭޓް ކުރުމުގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭއިރު ޑްރޯން އޮޕަރޭޓް ކުރަނީ އެހެން ފަރާތެއްގެ ތަނެއްގައިނަމަ އެ ފަރާތަކުންވެސް ހުއްދަ ހޯދަންޖެހެ އެވެ.
ރިސޯޓެއްގައި ނަމަ ޑްރޯން އުދުއްސޭނީ ރިސޯޓް މެނޭޖްމަންޓާ ކޯޑިނޭޓްކޮށް ސީޕްލޭންގެ ދަތުރުތަކުގެ ރައްކާތެރިކަމަށް ބަލައިގެންނެވެ.
ޑްރޯން އޮޕަރޭޓް ކުރަން ޖެހޭނީ އެމްއެންޑީއެފްގެ މަރުކަޒުތަކާއި އެމްއެންޑީއެފުން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތައް ނާރާ ގޮތަށެވެ.
ޑްރޯން އޮޕަރޭޓްކުރުމަށް ހުއްދަ ދީފައިވީ ނަމަވެސް އެއްވެސް ހާލަތެއްގައި ޑްރޯން އޮޕަރޭޓްކުރުން ހުއްޓާލަން އެމްއެންޑީއެފުން އަންގައިފިނަމަ ވަގުތުން ހުއްޓާލަން ޖެހެއެވެ.