ހަބަރު

"ބޯޓް ހާދިސާގެ ތަހުގީގަށްފަހު ދައުވާ ކުރަންޖެހޭނަމަ ކުރާނަން"

Sep 8, 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭއަށް އިންޑިއާގެ ބޯޓް ޖައްސައި ސީރިއަސް އެކްސިޑެންޓެއް ހިނގި މައްސަލަ ބަލައި ތަހުގީގެއް ކުރަން ފަށާފައިވާ ކަމަށާއި ތަހުގީގަށް ފަހު ދައުވާ ކުރަންޖެހޭ ފަރާތެއް ވާނަމަ ދައުވާ ކުރާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.

އެއާ އިންޑިއާގެ ބޯޓް އާ ރަންވޭއަށް އިއްޔެ ޖެއްސި ހާދިސާއަށް ފަހު މިއަދު ސިވިލްއޭވިއޭޝަނުން ވަނީ ވައިގެ ދަތުރުފަތުރުގެ ހާދިސާއެއް ހިނގިކަން އަންގައިދޭ ބްލެޓިންއެއް ނެރެފަ އެވެ.

އޭގައި ބުނެފައި ވަނީ 106 ފަސިންޖަރުންނާއި ފަސް ކުރޫއިން، އަދި އިންޖިނޭރަކާއެކު ޓްރެވިންޑްރަމުން ފުރައިގެން ދަތުރުކޮށް ވީއައިއޭގެ ހަދަމުންދާ ރަންވޭއަށް ޖައްސާފައި ވަނީ އެއާ އިންޑިއާގެ އޭ320 ގެ ބޯޓެއް ކަމަށާއި އިއްޔެ މެންދުރު ފަހު 3:36 ގައި އެ ބޯޓް ޖެއްސި އިރު ބޯޓުގެ ފުރޮޅަށް ގެއްލުންވެފައިވި ނަމަވެސް ދަތުތުވެރިންނާއި ކުރޫންގެ މީހަކަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި ނުނިމި އޮތް ރަންވޭގެ މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން މީހަކަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

"... މި ހާދިސާ މިހާރު ދަނީ އެކްސިޑެންޓް އިންވެސްޓިގޭޝަން އިންވެސްޓިގޭޝަން ކޮމެޓީންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓިން ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅިގެން އިކާއޯގެ ހަމަތަކުގެ މަތީން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. މި ތަހުގީގަށްފަހު ދައުވާ ކުރަންޖެހޭ ފަރާތެއް ވާނަމަ އެކަމާ ގުޅޭ މުއައްސަސާއަށް ހުށަހަޅައިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ،" ސިވިލް އޭވިއޭޝަންފެ ބްލެޓިންގައި ބުނެފައި ވެއެވެ.

އިއްޔެ އެއާ އިންޑިއާގެ އާ ރާވަންވޭގެ މަސައްކަތް ހިނގަ ހިނގާ އޮއްވާ ޖެއްސީ އެއީ މަސައްކަތް ހިނގަ ހިނގާ އޮތް ތަނކަށްވާތީ ނުޖެއްސުމަށް އެދޭކަން އަންގާ ނިޝާންތައްވެސް ޖަހާފައި އޮއްވަ އެވެ.

އާ ރަންވޭ ނިންމާ އޭ380 ގެ ބޯޓްގެ ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވަމުން ދަނިކޮށް އިއްޔެ މި ބޯޓް ޖެއްސީ އޮޅިގެން ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ހާދިސާ ތަހުގީގު ކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީން އިއްޔެ ބުންޏެވެ.